Friday, October 16, 2009

ދިވެހި ދަރިވަރުންނަށް ފުރިހަމަ ކާމިޔާބީއަކަށް އެދެން


މިއަހަރު ދަށު ޡާނަވީ ނިންމާ ދަރިވަރުންގެ އިމްތިހާނުތައް ފެށިގެން ކުރިއަށް އެބަދެއެވެ. އެސް އެސް ސީ އިމްތިހާނާއި، ކެމްބްރިޖް ޖީ ސީ އީ އޯލެވެލް އަދި އައި ޖީ ސީ އެސް ސީ އިމްތިހާނު މި މަހުގެ 14 ވަނަ ދުވަހު ވަނީ ފެށިފައެވެ. އެގޮތުން، އެސް އެސް ސީ އަރަބި މާއްދާ އާއި ޖީ ސީ އީ އޯލެވެލް ޓުރެވަލް އެންޑް ޓުވަރިޒަމް ގެ އިމްތިހާނު ނިމި، ދިވެހި ނަސްލުގެ ހުރިހާ ދަރިވަރުން ޢާއްމު ގޮތެއްގައި ބައިވެރިވާ އެސް އެސް ސީ ދިވެހި މާއްދާގެ އިމްތިހާނު މިއަދު މިވަނީ ފެށިފައެވެ. އަދި އެސް އެސް ސީ އިސްލާމް މާއްދާ މާދަމާ އޮންނާނެއެވެ. ދެން ކުރިއަށް އޮތީ ކެމްބްރިޖް އޯލެވެލް އާއި ކެމްބްރިޖް އައި ޖީ ސީ އެސް ސީ ގެ މާއްދާ ތަކުގެ އިމްތިހާނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް ދަރިވަރުންނެއް މި އިމްތިހާނުތައް ހަދަމުންދާއިރު، މިވަގުތު އަޅުގަނޑުމެން ވިސްނާލަން ޖެހޭ ތަފާތު އެތައް ކަމެއް ވެއެވެ.


މި އަހަރު ގުރޭޑް 10 ނިންމާ، ޤައުމީ އަދި ބައިނަލް އަޤުވާމީ އިމްތިހާނުތަކަށް ތައްޔާރުވަމުން އައި ދިވެހި ހުރިހާ ދަރިވަރުން މިއަދު ކުރިމަތިލާފައި އެވަނީ އެދަރިވަރުންގެ ކުރިމަގު އަދި މަތީ ތަޢުލީމުގެ ބިންގަލުގެ ފަހު މަރުހަލާއާއެވެ. އެހެންކަމުން، މި ދުވަސްވަރު އެދަރިވަރުންނަށް އެއްބާރުލުންދީ، އިމްތިހާނަށް ތައްޔާރުވުމަށް ވަގުތު ދިނުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. އާއިލީ ވާޖިބެކެވެ. ދަރިވަރުންނަށް އޮޅުން ނުފިލާ ހުރި ފިލާވަޅުތައް އިތުރަށް ބުނެދިނުމަކީ މުދައްރިސުންގެ ޒިންމާއެކެވެ. ދަރިވަރުންނަށް އެހީތެރިވުމަކީ ސްކޫލުތަކުގެ ޒިންމާއެކެވެ. އިމްތިހާނުތަކަށް ބުރޫއަރާނޭ އެންމެހާ ކަންތައްތައް މުޖުތަމަޢުގެ ތެރޭގައި ހިނގުމަކީ ދަރިވަރުންނަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިވާނެ ކަންކަމެވެ. އެހެންކަމުން، މިވަގުތު ދިވެހި އެންމެހާ ރައްޔިތުންނާއި، އަދުގެ ސަރުކާރުންނާއި، އަދި ސިޔާސީ ޕާޓީތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުން މިކަންކަމާއި ވަރަށް ބޮޑަށް ވިސްނަން ޖެހެއެވެ. އެދަރިވަރުންގެ އިމްތިހާނަށް ދަތިވާފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

ދަރިވަރުންގެ ޒިންމާގެ މަތީން ހަނދުމަ ކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެހެނީ، ފަރުޟު ފަސްނަމާދު ބަރާބަރަށް ކުރުމާއި، އިސްލާމްދީނުގެ އެންމެހާ ކަންކަމަށް ފަރުވާތެރިވުމާއި، މައިންބަފައިންނާއި މުދައްރިސުންގެ އަގުހުރި ނަޞޭޙަތްތައް މަތިން ހަނދުމަކޮށް އެގޮތަށް ޢަމަލުކުރުމާއި، ބޭކާރުގޮތުގައި ވަގުތުތައް ނަގައިނުލުމާއި، ގެއިން ބޭރުގާ ގިނަ ވަގުތު ހޭދަ ނުކުރުމާއި، ވިޔާނުދާ އަދި ފާޙިޝް އަމަލުތަކާއި ދުރުވުމުމަކީ ދަރިވަރުން ކޮންމެހެން ކުރަން ޖެހޭނެ ކަންކަމެވެ. މީގެ އިތުރުން އިމްތިހާނަށް ތައްޔާރުވެ، ގިނަ ވަގުތު ފޮތްތައް ކިޔައި ފިލާވަޅުތައް މުޠާލިޢާކޮށް، އަދި އެންމެހާ މަޚުލޫޤުން ނެތުމުގެތެރެއިން އުފެއްދެވި ﷲ ގެ ޙަޟުރަތުން ދުޢާކޮށް ވާގިއެދެން ޖެހޭނެއެވެ. މިއީ އަޅުގަނޑުގެ އެދުމެވެ. އެންމެހާ ބެލެނިވެރިންނާއި މުދައްރިސުންގެ އެދުމެވެ. އެންމެހާ ދިވެހި ރައްޔިތުންގެ އެދުމެވެ.


އަޅުގަނޑުގެ ދުޢާ އަކީ، މިފަހަރު އިމްތިހާނުތަކުގައި ބައިވެރިވެފައިވާ ހުރިހާ ދަރިވަރުންނަށް ފުރިހަމަ ކާމިޔާބީ އެއް ލިބުމެވެ. ހުރިހާ ދަރިވަރުންވެސް ހުރިހާ މާއްދާތަކަކުން ފާސްވެ، އެންމެ މަތީ ކާމިޔާބީ ހޯދުމެވެ. ގައުމީ ގަދަ 10 ގައި ވީހާ ގިނަ ދަރިވަރުން ހިމެނުމެވެ. އަދި ބުރިލިއަންސް އެވޯޑް ގައި ކުރީ އަހަރަށް ވުރެ ގިނަ ދަރިވަރުން ހިމެނުމެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި، ދިވެހި އަދި އިސްލާމް މި ދެމާއްދާއިން އަހަރަކަށް ވުރެ އަހަރެއް ދަށްވަމުން ދިޔަ ދިޔުން ކޮޅު އަނބުރާލަން ޖެހެއެވެ. އަދި ހުރިހާ މާއްދާތަކުން އެންމެ ފުރިހަމަ ކާމިޔާބީ ހޯދަން ޖެހެއެވެ. މިއީ އަޅުގަނޑުގެ އުއްމީދެވެ. އަޅުގަނޑުގެ ދުޢާ އެވެ.

No comments:

Post a Comment