Sunday, July 19, 2009

ގާނޫނީ ކޮމިޝަނެއްކަމުގައި ވަނީނަމަ، ރިޔާސީ ކޮމިޝަނަށް އާދޭހާ އެކު


ރިޔާސީ ކޮމިޝަނަކީ ޤާނޫނީ ބާރު ލިބިގެންވާ ކޮމިޝަނެއްކަމުގައި ކޮމިޝަނުގެ މެމްބަރުން ބުނަމުން ތިޔަ ދަނީ ވަރަށް ބާރުލާފައެވެ. ކަންއޮތީ އެހެން ކަމުގައިވަނީނަމަ، ގައުމީ މުހިއްމު ހުރިހާ މައްސަލަތަކެއް ތަހްގީގު ކޮށްދެއްވާށެވެ. ހަމައެކަނި، ވޭތުވެ ދިޔަ 30 އަހަރުގެ މައްސަލަތައް އެކަންޏެއް ނޫނެވެ. އަދުގެ މައްސަލަތައްވެސް މެއެވެ. މިގޮތުން ކުރީގެ ރައީސްގެ ހިޔާނާތުގެ ތުހުމަތުތަކާއިއެކު، މިހާރުގެ ރައީސް ސޫލާ ޝިރާޒް ހިއްޕެވިކަމަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގުވެސް އެކު އެކީގައި ކޮށްދެއްވާށެވެ. މި ދެމައްސަލައަކީވެސް ގައުމީ ދެމައްސަލައެވެ. އެހެންކަމުން، މި ދެބޭފުޅުން އެކުއެކީގައިހެން ތިޔަ ކޮމިޝަނަށް ޙާޟިރުކޮށްދެއްވާ، ދެމައްސަލަވެސް ބައްލަވާ ދެއްވާށެވެ.

Tuesday, July 14, 2009

މި ހަފްތާ ބަންދުގައި ވެލިދޫގައި ވަރަށް ޚާއްޞަ ދީނީ ދަރުސްތަކެއް


މި ހަފްތާގެ ބަންދު (ޖުލައި 16 އަދި 17) ގައި ނ.ވެލިދޫގައި ވަރަށް ޚާއްޞަ ދީނީ ދަރުސްތަކެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މިއީ ވެލިދޫގެ އަމިއްލަ ފަރާތަކުން އިންތިޒާމުކޮށް އިސްނަގައިގެން، ނ.ވެލިދޫ އޮފީހާއި ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެއްބާރުލުމާއިއެކު ބާއްވާ ދަރުސްތަކެކެވެ. މުޅިއެކު ތިން ދަރުސް ބޭއްވުމަށް ހަމަޖެހިފައިވާ މި ދަރުސްތަކުގެ މައިގަނޑު މައުޟޫޢު އަކީ 'މުޖުތަމަޢު އިޞްލާޙް ކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ' މިއެވެ. ދަރުސްދެއްވާނީ ޅ.ނައިފަރު ފަޟީލަތުއްޝައިޚުލް އުސްތާޛު މުޙައްމަދު މޫސާއެވެ.

ފުރަތަމަ ދަރުސް އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ ނ.އަތޮޅު ތަޢުލީމީ މަރުކަޒުގައި އެ ސްކޫލުގެ ގްރޭޑް 6 ކުން މަތީގެ ދަރިވަރުންނާއި ބެލެނިވެރިންނަށެވެ. ދެވަނައީ ވެލިދޫ ބޮޑު މިސްކިތުގައި ޝޭޚް ދެއްވާ ހުކުރު ޚުތުބާއެވެ. ތިން ވަނަ ދަރުސް އޮންނާނީ ހުކުރު ދުވަހުގެރޭ ވެލިދޫ ކުޑަ މިސްކިތުގައި ޢިޝާ ނަމާދަށް ފަހުއެވެ.

މި ދަރުސްތަކަށް ވެލިދޫގެ އަދި އެންމެހާ މުސްލިމު އަޚުންނާއި އުޚްތުންނަށް ދަޢުވަތު އަރުވަމެވެ.

Monday, July 13, 2009

ތަދު އިޙްސާސްވުމުގައި ހަންގަނޑުގެ ދައުރު







އިންސާނާގެ ހަށިގަނޑުގެ ވަށައިގެން ދައުރުވާ ކަންކަން ދެނެގަނެ އިޙްސާސް ކުރެވޭނެ ގޮތްތައް އެެ ހަށިގަނޑު އުފެއްދެވުމުގައި ވަނީ ފުރިހަމަކުރައްވާފައެވެ. މިގޮތުން، އިންސާނާގެ ހަށިގަނޑުގައިވާ ޙިއްޞީ ފަސް ގުނަވަންކަމުގައިވާ ލޮލާއި، ކަންފަތާއި، ނޭފަތާއި، ދުލާއި، ހަންގަނޑުގެ މަސައްކަތްތައް ފާހަގަކުރެވެއެވެ. މިއިން ގުނަވަނެއް ސަލާމަތުން ނެތްކަމުގައިވާނަމަ، އެގުނަވަނަކުން އިޙްސާސްވާ އެއްވެސް ކަމެއް އިންސާނާއަކަށް ލިބިގެން ނުދާނެއެވެ. އެހެނީ، އިންސާނާގެ ދެ ލޯ ސަލާމަތުން ނެތްނަމަ ފެނުމުގެ މަތިވެރި ނިޢުމަތުން އެމީހަކު މަޙްރޫމުވާނެއެވެ. ދެ ކަންފަތް ސަލާމަތުން ނެތްނަމަ އަޑު އިވުމުން މަޙްރޫމުވާނެއެވެ. ނޭފަތަކީ ތަފާތު ވަސްތައް ދެނެގަންނަ ގުނަވަނެވެ. މިއާއިއެކު، ދުލަށް ލިބޭ ގެއްލުމެއްގެ ސަބަބުން ރަހަބެލުމުގެ ނިޢުމަތުން އިންސާނާ މަޙްރޫމުވެދާނެއެވެ. އަދި ހަންގަނޑަށް ބޮޑު ގެއްލުމެއް ލިބި، އެހަންގަނޑު ނެތިގެން ހިނގައްޖެނަމަ ތަދު އިޙްސާސް ނުވާކަން އެނގިގެންދެއެވެ.

ކަންމިހެން އޮތްއިރު، ވޭތުވެދިޔަ ދިގު މާޒީގައި އިންސާނުން ގަބޫލުކުރަމުންއައި އެއްކަމަކީ، ތަދު ދެނެގަނެ އިޙްސާސްވަނީ މުޅިހަށިގަނޑުން ކަމުގައެވެ. އަދި ހަމައެކަނި ސިކުނޑިންކަމުގައިވެސް ބައެއް މީހުން ހީކުރަމުން އައެވެ. ތަދު އިޙްސާސްވުމުގެ ޚާއްޞަ ނާރުތަކުގެ ކޮޅުތަކެއް ވާކަން އޮތީ ނޭނގުމެއްގެ ތެރޭގައެވެ. މިދެންނެވި ޚާއްޞަ ނާރުތަކުގެ ކޮޅުތަކަށް ކިޔަނީ 'ޕެއިން ރިސެޕްޓަރސް' އެވެ. މި ޕެއިން ރިސެޕްޓަރ ތަކުގެ މައިގަނޑު ޖަގަހައަކީ ހަންގަނޑެވެ. ހަންގަނޑަކީ ތަފާތު ދިރޭ ޒައްރާތަކުގެ ފަށަލަތަކުގެ މައްޗަށް އެކުލެވިފައިވާ ގުނަވަނެކެވެ. ހަށިގަނޑުގައިވާ އެންމެ ބޮޑު ގުނަވަނެވެ. މިގޮތުން، ހަންގަނޑުގައިވާ މައިގަނޑު ދެ ފަށަލައިގެ ތެރެއިން އިޙްސާސްތައް ދެނެގަންނަ ޚާއްޞަ ނާރުތަކުގެ ކޮޅުތައް ހުންނަނީ ހަންގަނޑުގެ ދަށު ފަށަލައިގައެވެ. އަދި ހަންގަނޑުގެ މަތީ ފަށަލައަކީ މަރުވެފައިވާ ސެލްތަކާއި، އަލަށް އުފެދޭ ސެލްތަކުގެ ފަށަލައެވެ. ތަފާތު އިޙްސާސްތައް ދެނެގަތުމުގެ އިތުރުން، ހަންގަނޑުގެ މައިގަނޑު މަސައްކަތްތަކަކީ ގެއްލުންތަކުންނާއި ބަލިތަކުން ހަށިގަނޑު ސަލާމަތްކޮށްދޭނެ ފަށަލައެއް ޤާއިމްކުރުމެވެ. އަދި ހަމައެއާއިއެކު، ހަށިގަނޑު ތެތްކޮށް ބަހައްޓައިދީ، ހަށިގަނޑުގެ ފިނިހޫނުމިން ހިފަހައްޓައިދިނުމުގެ އިތުރުން ހަށިގަނޑުން ބޭރުވާންޖެހޭ ބައެއް މާއްދާތައް ބޭރުކުރުމެވެ.

ހަންގަނޑުގައިވާ ރިސެޕްޓަރ ތަކުގެ އަސްލު މަސައްކަތަކީ އިޙްސާސްތައް ދެނެގަތުމެވެ. މިގޮތުން، ތަފާތު ރިސެޕްޓަރ ތައް ޚާއްޞަވެފައިވަނީ ތަފާތު އިޙްސާސްތަކަށެވެ. އެހެނީ، ހޫނުކަން، ފިނިކަން، ޕްރެޝަރ، އަދި ތަދު އިޙްސާސްވުމަށް ހުންނަނީ އެކަމަށް ޚާއްޞަ ރިސެޕްޓަރތަކެވެ. ބޭސްވެރިކަމާއިބެހޭ ސައިންސްވެރިން އިޙްސާސްތައް ތިން ބަޔަކަށް ބަހާލާފައިވާއިރު، އެންމެ ބޮޑު ބަޔަކީ ހަންގަނޑުންވާ އިޙްސާސެވެ. އެއީ، ތަދާއި ހޫނުގެ އިޙްސާސެވެ. މަސްގަނޑުންނާއި ހުޅުތަކުންވާ ފުން އިޙްސާސްތަކެއް ވީނަމަވެސް، ހަންގަނޑުގެ ހުރިހާ ފަށަލަތައް ހަލާކުވެ އަނދައިގެން ގޮސްފިނަމަ ތަދު އިޙްސާސް ނުވާނެކަން އަދުގެ ހޯދުންތަކުންވަނީ އެނގި ފާޅުވެފައެވެ. މީގެ އިތުރުން، ތަދާއި ހޫނު ދެނެގަންނަ ރިސެޕްޓަރތައް ހުންނަނީ ކައިރި ކައިރީގައިކަމާއި، ހަންގަނޑުގައިވާ ތަދު އިޙްސާސްކުރުވާ ރިސެޕްޓަރތަކުގެ އަދަދު ގިނަކަން ހަށިގަނޑުގެ ބައިތަކާއިބެހޭ ޢިލްމުން ކަށަވަރުކޮށްދެއެވެ.

ފިހިގެން ލިބޭ ޒަހަމް ތަކުގައި، ބަލިމީހާ ބެލުމުގެ ތެރޭގައި ފިހިފައިވާ މިންވަރު ކަށަވަރު ކުރުމުގައި ޑޮކްޓަރުން 'ޕިންޕްރިކް' ބޭނުން ކުރެއެވެ. މިގޮތުން، ފިހިފައިވާ ހިސާބަށް 'ޕިންޕްރިކް' ހަރާލުމުން، ޒަހަމްވެފައިވާ ބަލިމީހާއަށް ތަދު އިޙްސާސް ކުރެވޭނަމަ ޑޮކްޓަރު ހިތްހަމަޖެހި އުފާވާނެއެވެ. އެހެނީ، އެއިން އަންގައިދެނީ ފިހިފައިވާ ޒަހަމްތަކަކީ ތިލަ ޒަހަމްތަކެއް ކަމެވެ. އަދި ތަދު އިޙްސާސްކުރާ ރިސެޕްޓަރތައް ނެތިގެންނުގޮސް އެބަހުރިކަމެވެ. އަނެއްކޮޅުން، ޒަހަމްވެފައިވާ މީހާއަށް ތަދު އިޙްސާސްނުވާނަމަ އޭގެއިން އަންގައިދެެނީ އެއީ ފުން ޒަހަމެއްކަމެވެ. އަދި ތަދު އިޙްސާސްކުރާ ރިސެޕްޓަރތައް ހަލާކުވެގެން ގޮސްފައިވާ ކަމެވެ.

އިންސާނާއަށް އިޙްސާސްތައް ދެނެގަތުމުގެ ކުޅަދާނަކަން ދެއްވި ﷲ ތަޢާލާ، ކީރިތި ޤުރްއާނުގެ ނިސާ ސޫރަތުގެ 56 ވަނަ އާޔަތުގައި ވަހީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ، "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފިރުވި މީހުން ނިކަންހުރެ ތިމަންރަސްކަލާނގެ އެއުރެން ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއުރެންގެ ހަންތައް ރޯފިލައްޖެ ކޮންމެހިނދަކު، އެއުރެންގެ ހަންތައް އެނޫން ހަންތަކަކަށް ބަދަލުކުރައްވަމެވެ. އެއީ، އެއުރެން ޢަޛާބުގެ ރަހަ ލިބިގަތުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲ އީ، ޢަޒީޒުވަންތަ ޙަކީމުވަންތަ ރަސްކަލާންގެ ކަމުގައިވެއެވެ".

މިއާޔަތުގައި، ނަރަކަވެރިންގެ ހަންތައް ރޯފިލައްޖެ ކޮންމެހިނދަކު، އެބައިމީހުންގެ ހަންތައް އެނޫން ހަންތަކަކަށް ބަދަލުކުރައްވަމޭ އޮތް ބަސްފުޅުން އެނގިގެންދަނީ، ހަންގަނޑުގައިވާ ޕެއިން ރިސެޕްޓަރތަކުގެ މަސައްކަތާއިބެހޭގޮތުން އަދުގެ ސައިންސް ހޯދާފައިވާ ހޯދުންތަކާއި ޤުރްއާނުގައިވާ ﷲ ތަޢާލާގެ ބަސްފުޅާއި ތަފާތެއް ނެތްކަމެވެ. މިގޮތުން، ހަންގަނޑު އެކީގައި ފިހިގެން ހިނގައްޖެނަމަ އެމީހަކަށް އެއްވެސް ތަދެއް ވޭނެއް އިޙްސާސް ނުވާނެކަން އަދުގެ ސައިންސް ހެކިވާއިރު، ނަރަކައިގެ އަހުލުވެރިންނަށް ދެވޭ ޢަޛާބުގެ ރަހަ ދާއިމަށް ދެމިގެން ދިއުމަށްޓަކައި އެބައިމީހުންގެ ހަންތައް އެނޫން ހަންތަކަކަށް ބަދަލުކުރައްވާނެކަން ކީރިތި ޤުރްއާނުގައިވުމީ، ތަދު އިޙްސާސްކުރާ ޕެއިން ރިސެޕްޓަރތައް ހަންގަނޑުގައިވާކަން މީގެ 1400 އެތައް އަހަރުކުރިން ބަޔާންވެފައިވުމެވެ. މިއީ ކޮންފަދަ ބޮޑު މުޢުޖިޒާތެއްތޯއެވެ؟

އެންމެހާ ދިރޭތަކެއްޗާއި ކާއިނާތުގައިވާ ކަންކަމާއި ގުޅޭ ޢިލްމު އުގެނި، އިޚްލާޞްތެރިކަމާއިއެކު ﷲ ތަޢާލާގެ ފޮޮތުގައިވާ މަތިވެރި ބަސްފުޅުތައް ދިރާސާކުރަން ފަށާ ކޮންމެ މީހަކަށްމެ މިމުޢުޖިޒާތްތަކުގެ އަސަރުކުރާނެކަން ޔަޤީނެވެ. މިގޮތުން، ބަޔާންކުރެވިދިޔަ 'ޕެއިން ރިސެޕްޓަރސް' ތަކާއިބެހޭގޮތުން ދިރާސާކުރަމުން ދިޔަ، ތައިލެންޑްގެ ޗިއާންގް މާއީ ޔުނިވަރސިޓީގެ ޑިޕާޓްމަންޓް އޮފް އެނަޓޮމީގެ ޗެއާމަން އަދި ކުރިން އެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް މެޑިސިންގެ ޑީން، ޕްރޮފެސަރ ޓަގާޓަޓް ޓެޖާސަން ވަނީ އިސްލާމްވެފައެވެ. ހަންގަނޑާއި 'ޕެއިން ރިސެޕްޓަރސް' އާބެހޭ ދިރާސާކުރުމުގައި ޕްރޮފެސަރ ޓެޖާސަން ގިނަ ވަގުތުތަކެއް ހޭދަކުރިއެވެ. މީގެ 1400 އަހަރު ކުރިން ކީރިތި ޤުރްއާނުގައި ސައިންސްގެ މި ޙަޤީގަތާއި ބެހޭގޮތުން ބަޔާންވެފައި އޮންނާނެކަމުގައި ޕްރޮފެސަރ ޓެޖާސަނަށް ފުރަތަމަ ޤަބޫލެއް ނުކުރެވުނެވެ. ނަމަވެސް، ފަހުން ކީރިތި ޤުރްއާނުގެ ތަރުޖަމާގެ އެހީގައި ޤުރްއާނުގެ މިއާޔަތް އޭނާ ކަށަވަރުކުރިއެވެ. މިއާއިއެކު، ޤުރްއާނުގެ އެ އާޔަތުގައިވާ ސައިންސްގެ ތެދު ޙަޤީގަތް ފެނުމުން ޕްރޮފެސަރ ޓެޖާސަން އަޖާއިބުވެ އަންތަރީސްވިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ، ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި އޮތް 8 ވަނަ ސަޢޫދީ މެޑިކަލް ކޮންފަރެންސްގައި ޕްރޮފެސަރ ޓެޖާސަން ޝަހާދަތުގެ ދެކަލިމަ ކިޔުމެވެ.

ހަތަރު ދުވަހުގެ މި ކޮންފަރެންސް ނިމުމުގެ ދަންފަޅީގައި ޕްރޮފެސަރ ޓެޖާސަން ކޮޅަށް ތެދުވެ އިސްލާމްކަން އިޢްލާންކުރަމުން ވިދާޅުވެފައިވާ ގޮތުގައި، އޭގެ ތިން އަހަރު ކުރިން ޝެއިޚް ޢަބްދުލްމަޖީދު އައްޒިންދާނީ އޭނާއަށް ކީރިތި ޤުރްއާނުގެ އިގިރޭސި ތަރުޖަމާއެއް ދެއްވިއެވެ. އަދި އެ ޤުރްއާނާމެދު އޭނާ ޝައުޤުވެރިކަން އުފެދުނެވެ. އަދި އޭގެ އިތުރުން، ކޮންފަރެންސްގެެ ކުރީ އަހަރު، މަޝްހޫރު ސައިންސްވެރިޔާ ޕްރޮފެސަރ ކެއިތް މޫރްގެ އެންމެ ފަހުގެ ލިޔުންތައް ޝެއިޚް ޒިންދާނީ އޭނާއާއި ހަވާލުކުރުމަށްފަހު، އެއެއްޗެހި ތައިލެންޑްގެ ބަހަށް ތަރުޖަމާކޮށް، ތައިލެންޑްގައި އުޅޭ މުސްލިމުންނަށް ބައެއް ލެކްޗަރ ނަގައިދިނުމަށް އޭނާގެ ކިބައިން އެދުނެވެ. އަދި އެ އެދުން އޭނާ ފުއްދައިދިންކަމުގައި ވިދާޅުވިއެވެ.

ކީރިތި ޤުރްއާނަކީ ރަސޫލު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަށް ބާވާލެއްވުނު ވަހީއެއް ކަމަށާއި އެކަލޭގެފާނުގެ ރަސޫލުކަން ތެދުކޮށް، ﷲ ތަޢާލާއީ އެންމެހާ މަޚުލޫޤުން އުފައްދަވާ ފަރާތްކަމުގައި ހެކިވެ، ޝަހާދަތުގެ ދެކަލިމަ ކިޔުމަށްފަހު ޕްރޮފެސަރ ޓެޖާސަން އެންމެ ފަހުން ވިދާޅުވެފައިވަނީ، "މި ކޮންފަރެންސްގައި އަހަރެންނަށް ދަސްވީ ހަމައެކަނި ސައިންސްގެ ޢިލްމެއް ނޫނެވެ. ގިނަ ޢަދަދެއްގެ އައު ސައިންސްވެރިންނާއި ބައްދަލުވެ އަދި ކޮންފަރެންސްގެ މި ބައިވެރިންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކާއި ރަޙްމަތްތެރިކަންވެސް އުފެދުނެވެ. ނަމަވެސް، މި ކޮންފަރެންސަށް އައުމުން އަހަރެންނަށް ލިބުނު އެންމެ އަގުބޮޑު އެއްޗަކީ 'ލާއިލާހަ އިއްލަﷲ ، މުޙައްމަދަށް ރަސޫލުﷲ' އެވެ. އަދި މުސްލިމަކަށް ވެވުމެވެ".

Wednesday, July 1, 2009

މޮސްކޯގައި ހުޅުވުނު އިސްލާމީ ހަސްފަތާލު އިސްލާމީ މުޖުތަމަޢުތަކަށް ނަމޫނާ ދައްކަމުން ކުރިއަށް


މީލާދީން 21 ވަނަ ޤަރުނުގެ އަހަރުތައް ގުނަމުން ދާއިރު، ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމީ ނޫރު ފެތުރެމުންދަނީ ހަލުވިކަމާއި އެކުއެވެ. ބާރު ދުވެލީގައެވެ. ޚާއްޞަ ގޮތެއްގައި ހުޅަނގުގެ ޤައުމުތަކާއި، މުސްލިމު ޤައުމުތަކުގެ ލިސްޓްގައި ނުހިމެނޭ އެތައް ޤައުމެއްގެ މުޖުތަމަޢުތަކުގައި އިސްލާމްދީނުގެ މަތިވެރި ކަލިމަ ގުގުމަގުންދަނީ އަޖާއިބުކުރަނިވި މިންވަރަކަށެވެ. ފުރިހަމަ ޝަރީޢަތެއްގެ މަތީގައި އޮތް ހަމައެކަނި ދީނުގެ އަޑު ގަދަވާނެކަން ޔަޤީނެވެ. އިސްލާމީ ހިދާޔަތާއި އީމާނުގެ ނޫރުން ހިތް ތޮރުފާލާ، ޤަރާރުވެއްޖެ ކޮންމެ މީހަކާއި އެކު އާއިލާއެއްވާނެއެވެ. ނަތީޖާ އަކީ ގިނަ އާއިލާތައް އެކުލެވުމުން އުފެދޭ މުޖުތަމަޢެވެ. މި މުޖުތަމަޢުތަކުގެ ކަންކަން ހުންނަންޖެހޭނީ ކޮންކަހަލަ ހަމަތަކަކާއި މިންގަނޑުތަކެއްގެ ތެރޭގައިތޯއެވެ؟ މިއީ އުފެދޭނެ ސުވާލެކެވެ

އިސްލާމީ މުޖުތަމަޢެއްގެ ވާހަކަ އިވުމުން، ސިފަކުރެވިގެންދާނީ މުސްލިމުންތަކެއް ދިރިއުޅޭ އާބާދީ އެކެވެ. ޤައުމުގެ އާބާދީގެ ނިސްބަތުން ބައިމަދު ނުވަތަ ބައިގިނަ އާބާދީއެއް އެކުލެވޭ މުޖުތަމަޢަކަށްވެސް ވެދާނެއެވެ. އެހެންނަމަވެސް، މިފަދަ ކޮންމެ މުޖުތަމަޢެއްގެ ހަރަކާތްތައް ބިނާވެގެން ވާންޖެހޭނީ އިސްލާމީ ޝަރީޢަތުގެ ހަމަތަކާއި އުސޫލުތަކުގެ މަތީގައިކަން ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރަންޖެހެއެވެ

ތިބާ އަކީ މުސްލިމަކަށްވީއިރު ފިކުރުކޮށްލަ ބަލާށެވެ! ފަންސާސް ޑަކްޓަރުންނާއި ނަރުހުންނާއި އެކު 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރަޝިޔާގެ ވެރިރަށް، މޮސްކޯގައި ހުޅުވިގެންދިޔަ އިސްލާމީ ކުލިނިކުގެ ޚަބަރަކީ ދުނިޔޭގެ ތަފާތު މީޑިޔާތަކުގެ ސަމާލުކަން ހޯދި ޚަބަރެކެވެ. އެތަނުގެ ޙަޤިޤަތަށް ބަލާއިރު އެއީ އަޅުގަނޑުމެން ދިވެހިން ދަންނަ ކަހަލަ "ކުލިނިކެއް" ނޫނެވެ. ތެދެކެވެ. "އިސްލާމީ ހަސްފަތާލެކެވެ". އަނެއް ޙަޤީޤަތަކީ ރަޝިޔާގައި ދިރިއުޅޭ މުސްލިމުންގެ އާބާދީއަކީ އެންމެ 10 ޕަސެންޓުކަމެވެ. ނިސްބަތުން ބައިމަދު އާބާދީއެކެވެ. ނިސްބަތުން މުސްލިމުންގެ ޢަދަދު ކިތަންމެ މަދުނަމަވެސް، ފުރަތަމަ ފަހަރަށް މޮސްކޯގައި ޤާއިމުކުރި "އިސްލާމީ ހަސްފަތާލު" ވެގެންދިޔައީ އެމުޖުތަމަޢުގެ ހުރިހާ މުސްލިމުން ލިބިގެން ދިޔަ ބޮޑު ހިތްހަމަޖެހުމަކަށެވެ. ދުނިޔޭގެ ކަންކޮޅުތަކުގައިވާ އިސްލާމީ މުޖުތަމައުތަކަށް ނަމޫނާ ފެށުމަކަށެވެ. އިސްލާމީ ޤައުމުތަކަށް، އަދި ސައްތަ އިން ސައްތަ އިސްލާމީ ޤައުމުތައްކަމަށް ދަޢުވާކުރާ މުޖުތަމަޢުތަކަށް ގޮންޖަހާލެވޭފަދަ ޢަމަލަކަށެވެ. ޞިއްޙީ ޚިދުމަތްދޭ މިފަދަ މަރުކަޒެއް މޮސްކޯގައި ޤާއިމުކުރުމުގެ އަސްލު ހުށަހެޅުން ހުށަހެޅިގެން އައީ ރަޝިޔާގައި އިސްލާމީ ކަންކަމާގުޅޭ އެންމެ މަތީ ކައުންސިލް ކަމުގައިވާ، "ކައުންސިލް އޮފް މުފްތީސް އޮފް ރަޝިޔާ" އާއި "މިނިސްޓްރީ އޮފް ހެލްތު އެންޑު ސޯޝަލް ޑިވެލޮޕްމެންޓް" ގުޅިގެންނެވެ. މި ހަސްފަތާލަ ވެފައިވަނީ ރަޝިޔާގެ މުސްލިމުންނާއި ރަޝިޔާގައި މަސައްކަތްކުރަމުންދާ އިސްލާމީ ޤައުމު ތަކުގެ ސަފީރުން އެފަދަ ތަނަކަށް ފެންބޮވައިގަނެފައިވާ ތަނަކަށެވެ. އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގެ ރަމްޒަކަށެވެ


މޮސްކޯގައި ހުޅުވުނު އިސްލާމީ މި ހަސްފަތާލު ޚާއްޞަވަނީ ކޮންގޮތަކުން ހެއްޔެވެ؟ އިސްލާމީ ޤައުމުތަކުގައިވާ އެހެނިހެން ހަސްފަތާލުތަކާއި ހުރި ތަފާތަކީ ކޮބާ ހެއްޔެވެ؟ "އިސްލާމީ ހަސްފަތާލޭ" ކިޔެނީ ކީއްވެގެން ހެއްޔެވެ؟ މިހުރީ ހައްތަހާވެސް ސުވާލެވެ. ސުވާލުތައް ކިތަންމެ ގިނަ ނަމަވެސް ކުރު ޖަވާބަކުން ހުރިހާ ސުވާލަކަށް ނަޒަރުހިންގާލެވިދާނެއެވެ. މި ހަސްފަތާލު ހިންގަނީ އިސްލާމީ ޝަރީޢަތުގެ ތެރޭގައެވެ. ތެދެކެވެ. ކުރުޖަވާބެކެވެ. ޚާއްޞަގޮތެއްގައި ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުގެ އަލީގައެވެ. މިއީ ތަފާތެއް ނޫންތޯއެވެ؟ މި ހަސްފަތާލުގެ ޚާއްޞަ ސިފަތަކަށް ބަލައިލަމާ ހިނގާށެވެ. ފިރިހެން ބަލިމީހުނަށް ޚިދުމަތް ދިނުމުގައި ތިބެނީ ފިރިހެން ޑަކުޓަރުންނެވެ. އަންހެނުންގެ ޚިދުމަތުގައި އަންހެން ޑަކުޓަރުންނެވެ. ނަރުހުންވެސް މިގޮތަށެެވެ. ފިރިހެނުންނާއި އަންހެނުންނަށް ފަރުވާކުރެވެނީ މުޅިން ތަފާތު ސެކްޝަންތަކުގައެވެ. އަންހެނުންނަށް ޚާއްޞަ ޑަކުޓަރުންނެވެ. އަންހެން ޑަކުޓަރުންނާއި އަންހެން ނަރުހުން، އަންހެނުން ބަލަމުން ގެންދަނީ ފިރިމީހާ ނުވަތަ އެހެން އަންހެނެއްގެ ޙާޟިރުގައެވެ. ޑަކުޓަރުން ބޭސް ފަރުވާކުރަމުން ގެންދަނީ އަލްކަހޯލު ނުހިމެނޭ ބޭސްތަކުގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެކީގައެވެ

ޑަކުޓަރުންނާއި ނަރުހުންގެ ޚާއްޞަ ހެދުންތަކަކީ ގަޔަށް ބާރު ނޫން ހުދުކުލައިގެ ހެދުންތަކެވެ. ގަޔަށްދޫ ޓިއުނިކްސް އާއި ދޫ ފަޓުލޫނެވެ. އަންހެން ޑަކުޓަރުންނާއި ނަރުހުންގެ ހެދުންތަކަކީ މުސްލިމު އަންހެނާގެ އަޢުރަ ނިވާކުރޭވޭ ފަދަ ހެދުންތަކަކަށް ވާންޖެހެއެވެ. މި ހަސްފަތާލުގެ އަންހެން ޑަކުޓަރުންނާއި ނަރުހުންގެ އަޢުރަ ނިވާކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެކެވެ. އެހެންކަމުން، އެބައިމީހުންގެ ޑަކުޓަރީ ޔުނީފޯމުތައް ފަރުމާކުރެވިފައިވަނީ ބުރުގާ އެކުލެވޭ ގޮތަށް، އިސްލާމީ ގިޔުގަނޑުގެ ތެރޭގައެވެ. މީގެ އިތުރަށް ބަލައިލަމާ ހިނގާށެވެ. މި ހަސްފަތާލުގައި އަންހެނުންނާއި ފިރިހެނުން ވަކިން، ވުޟޫއާއި ނަމާދުކުރެވޭނެ އިންތިޒާމު އެކުލެވިފައިވާ ޚާއްޞަ ބައެއް ހުރެއެވެ. އިސްލާމްދީނުގައި ހަލާލު ކާބޯތަކެތި ލިބެން ހުންނަ ޖަގަހައެއް ހުރެއެވެ. އަލްކަހޯލާއި ޙަރާމް އެއްވެސް އެއްޗެއް ނުހިމެނޭ ކާބޯތަކެއްޗެވެ. މިތަނުން ލިބޭ ކާނާ ތައްޔާރުކުރެވިފައިވަނީ ސަރުބީޖެހުމަށްވެސް މަގުފަހިނުވާ ފަދަ ގޮތަކަށެވެ. މުސްލިމަކު ކަމުގައިވިޔަސް ނުވަތަ މުސްލިމުނޫން ބަލިމީހަކު ކަމުގައިވިޔަސް އަޢުރަ ނިވާކޮށްގެން މެނުވީ ހަސްފަތާލުގައި ނޫޅެވޭނެ ފަދަ ހަރުދަނާ އިންތިޒާމްތައްވަނީ ހަމަޖެހިފައެވެ

10 މިލިއަން އެމެރިކާ ޑޮލަރުގެ މި އިންވެސްޓްމެންޓަކީ ނިސްބަތުން މުސްލިމުން މަދު ޖަމާޢަތެއްގައި ހިމެނޭ އަފުރާދުންތަކެއްގެ އިސްނެގުމާއި މިންނަތް މަސައްކަތެކެވެ. އެހެންނަމަވެސް، 21 ވަނަ ޤަރުނުގެ ދުވަސްތައް ގުނަމުން އަންނައިރު ސައްތަ އިން ސައްތަ މުސްލިމުންކަމުގައި ދަޢުވާ ކުރާ އަޅުގަނޑުމެން މިތިބީ ކިހާހިސާބެއްގަތޯއެވެ. ކޮން ޙާލަތެއްގަތޯއެވެ. "އިސްލާމިކް އިކޮނޮމިކްސް" އަޅުގަނޑުމެންގެ ތެރެއަކު ނެތެވެ. "އިސްލާމިކް ބޭންކު"ގެ ވާހަކަ އަޅުގަނޑުމެން އެހީ، ހުޅަނގުގެ ޤައުމުތަކުގައި އިސްލާމިކް ބޭންކިން ފެށި، އޭގެ ނަފާ އެބައިމީހުން ހޯދަންފެށިތާ އަހަރުތަކެއް ފަހުގައެވެ. "އިސްލާމިކް" މި ލަފުޒު ކުރިއަށް އަތުވެއްޖެ ކޮންމެ ހިނދެއްގައި އަޅުގަނޑުމެން ފަހަތަށްޖެހެނީ ކީއްވެ ހެއްޔެވެ؟


މުސްލިމު އަޚާއެވެ. އުޚްތާއެވެ. ފިކުރުކޮށްބަލާށެވެ. ތިބާއާ އެއް ޖިންސެއްގެ ޑަކުޓަރަކު ހުއްޓާ، އަނެއް ޖިންސްގެ ޑަކުޓަރެއްގެ ގާތަށްގޮސް ފަރުވާކުރަންދާން ބޭނުންވޭ ހެއްޔެވެ؟ އަނެއް ޖިންސްގެ ނަރުހުންގެ ހޭހާންކުރުންތަކަށް ތިބާގެ ޟަމީރު އެދޭހެއްޔެވެ؟ "އާނއެކޭ" ނަމަ ތިޔައީ މުސްލިމުންގެ ގޮތެއްނޫނެވެ. ތިބާގެ އަމިއްލަ ނަފުސަށް ނޭދޭ ކަންކަން އަނެކާއަށްވެސް ނޭދޭށެވެ. މުޖުތަމަޢުގައި ހިނގާ ފާހިޝު ޢަމަލުތަކަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމުގައި ތިބާ އާއި ތިބާގެ އާއިލާގެ އެއްބާރުލުން ކުރިއަށް ނެރޭށެވެ. އިސްލާމީ އުޞޫލުތަކަށް ރުޖޫޢަވަމާ ހިނގާށެވެ. މިފަދަ ހަސްފަތާލުތަކުގެ މުހިއްމުކަމުގެ ބޮޑުކަމާއިމެދު ތިބާ އަމިއްލައަށް ވިސްނާ ފިކުރުކޮށްލުމަށް ވަގުތުކޮޅެއް ހޭދަކޮށްލަމާ ހިނގާށެވެ

މިހާރު ބުލޮގް އަޕްޑޭޓް ނުވަނީ ކީއްވެ؟

އަޅުގަނޑުގެ މަޒުމޫނުތަކާއި ލިޔުންތައް ކިޔާ އެންމެހާ ފަރާތްތަކަށް ނުތަނަވަސްކަން މެދުވެރިވެފައިވާ މި ދަނޑިވަޅުގައި އެންމެހާ ކިޔުންތެރިންގެ ކިބައިން މިކަމަށް މަޢާފަށް އެދެމެވެ. އެހެނީ ގިނަދުވަސްތަކަކަށް އަޅުގަނޑުގެ ބުލޮގު ވަނީ އަޕްޑޭޓް ނުކުރެވިއެވެ. މިކަމުގައިވާ އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުގެ ލެޕްޓޮޕަށް ދިމާވެފައިވާ މައްސަލަ އަދިވެސް ހައްލު ނުކުރެވުމެވެ. މިކަމުގެ ސަބަބުން ތަފާތު ދަތިތައް ތަހައްމަލް ކުރަން އަޅުގަނޑަށް ޖެހިފައިވެއެވެ. މިގޮތުން އަޅުގަނޑުގެ ލިޔުންތެރިކަމަށް ވަނީ ދުވަހަކުވެސް ނާންނަ ވަރުގެ ހީނަރުކަމެއް އައިސްފައެވެ. ލެޕްޓޮޕްގެ އިންޓަނޭޝަނަލް ވޮރަންޓީއެއްގެ ދަށުން ފޯކަސް ކޮމްޕިއުޓަރގެ ސަރވިސް ސެންޓަރުން އެއްފަހަރު ހެދުމަށްފަހުވެސް ދިމާވެފައިވާ މައްސަލަ ކަމުގައިވާ އަމިއްލައަށް ޕަވަރ އޮފްވުމަށް ހައްލެއް ނައުމުން އަދިވެސް ލެޕްޓޮޕް ވަނީ ސަރވިސް ކުރުމުގެ މަރުހަލާގައެވެ

އަޅުގަނޑުގެ އުއްމީދަކީ ދިމާވެފައިވާ ކަންކަމަށް އަވަސް ހައްލެއް ލިބި، ﷲ ގެ އިރާދަފުޅާއިއެކު ކުރިއަށް ތަނުގައި ގަވާއިދުން ބުލޮގް އަޕްޑޭޓް ވުމެވެ