Wednesday, October 14, 2009

އިޒްރޭލު އެކަހެރި ކުރޭ


ސައްތައިން ސައްތަ މުސްލިމު ގައުމެއްކަމަށް ދަޢުވާ ކުރާ، މި ދިވެހިރާއްޖޭގެ އަދުގެ ސަރުކާރުން އިޒްރޭލާއި އެކު ގުޅުން ބަދަހި ކުރިކުރުން ވަރަށް ހަރުކަށި އިބާރާތުން އަޅުގަނޑު ކުށްވެރި ކުރަމަވެ. އެހެނީ ބައިނަލްއަގުވާމީ އެއްވެސް މުޢާހަދާ އަކަށް ތަބަޢު ނުވާ، އިންސާނީ ހައްގުތަކަށް ހިތުހުރި ގޮތަކަށް އަރާ ބޮޑަތި ޖަރީމާތައް ހިންގަމުންދާ ގާތިލު ދައުލަތަކާއި އެއްވެސް ކަހަލަ ގުޅުމެއް ގާއިމު ކުރުމަކީ އިންސާނާގެ ހެޔޮ ބުއްދިވެސް އިންކާރު ކުރާ ކަމަކެވެ. މީގެ އިތުރުން، މުސްލިމުންގެ ބިންތައް ފޭރި، ކޮންމެ ދުވަހެއްގެ މައްޗަށް މުސްލިމު ކުޑަ ކުދިންނާއި މުސްލިމު އަންހެނުންނާއި މުސްކުޅިން އަދި މުސްލިމު އަޚުން ކަތިލަމުންދާ އިޒްރޭލުގެ ޔަހޫދީ ބައިގަނޑާއި މުސްލިމު ދިވެހި ދައުލަތުން ސިޔާސީ ގުޅުން ގާއިމު ކުރުމަކީ އިސްލާމް ދީނަށް އަދި އެންމެހާ މުސްލިމުންނަށް ގޮންޖެހުމެވެ. މިއީ ފިނޑި އަދި ދަށު ދަރަޖައިގެ ޢަމަލެކެވެ. އެމެރިކާގެ ފަސްގަނޑުގައި ތިބެ، އަދުގެ ސަރުކާރުގެ އެންމެ އިސްވެރިން ތަފާތު ތިން އެއްބަސްވުންތަކެއްގައި އިޒްރޭލާއި އެކު ސޮއި ކުރިއިރު އެ އެއްބަސްވުންތަކުގައި ހުރީ ކޮންއެއްޗެއް ކަމެއް ދިވެހިންނަކަށް ނުއެނގެއެވެ. މިއީ ބިރުވެރި ކަމެކެވެ.


ސިޔާސީ ގޮތުން އަންނަ ޕުރެޝަރުތަކެއް ހުރެދާނެއެވެ. އެހެންނަމަވެސް، އެފަދަ ޕުރެޝަރުތަކާއި ކުރިމަތިލާން ނުކުޅެދޭ ބަޔަކު ސައްތައިން ސައްތަ މުސްލިމުންތަކެއްގެ ވެރިކަމަށް އައިސް މުސްލިމުންގެ އަދުއްވުންނަކީ އެމީހުންގެ އެކުވެރި ވާގިވެރިންނަށް ހެދުމަކީ ކަނޑައެޅިގެން ކުރަން ހެޔޮވާވަރު ކަމެއް ނޫނެވެ. "ޑިމޮކްރަސ"ީ އޭ އަޑުގެ ކޮޅަށް ގޮވާ ބަޔަކު، ޑިމޮކްރަސީ ނައްތާލައި އެއާ ޚިލާފަށް ޢަމަލު ކުރާބަޔަކާއި ސިޔާސީ ގުޅުން ގާއިމުކުރުމަކީ ޢަމަލާއި ބަސް ދިމާ ނުވާކަމުގެ ހެއްކެކެވެ. ޑިމޮކްރަސީގައި ކޮޅުފައިން ޖެހުމެވެ. ދީނީ ނަޒަރަކުން ބެލިޔަސް އިޒްރޭލާއި އެއްވެސް ގުޅުމެއް ގާއިމެއް ނުކުރެވޭނެއެވެ. މިދަންނަވަނީ ހުރިހާ ޔަހޫދީންގެ ވާހަކައެއް ނޫނެވެ. މުސްލިމު އުއްމަތުގެ ހިތް ކަމުގައިވާ ފަލަސްތީމުގެ މުސްލިމު ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ކަމަކީ އިޒްރޭލް އޭ ކިޔާ ދައުލަތާއި ގުޅުން ބަދަހި ކުރުމެއް ނޫނެވެ. އިޒްރޭލު އެކަހެރި ކުރުމެވެ. އެމީހުންގެ އުފެއްދުންތައް ބޮއިކަޓް ކުރުމެވެ.


އެހެންކަމުން، ދިވެހިރާއްޖޭގެ އަދުގެ ސަރުކާރަށް ވަރަށް އިޚުލާޞްތެރިކަމާއި އެކު މި ގޮވާލަނީ އިޒްރޭލާއި އެކު ގާއިމު ކޮށްފައިވާ އެންމެހާ ގުޅުންތައް މިހާރުން މިހާރަށް ކަނޑާލުމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މި ގޮވާލަނީ، ދިވެހި ދައުލަތުން އިޒްރޭލާއި އެކު އެއްވެސް ގުޅުމެއް ބޭއްވުން މަނާކުރާ ބިލެއް މަޖިލީހުގެ ތަޅުމަށް ގެނެސް އެ ބިލު ފާސްކޮށްދިނުމަށެވެ. ދިވެހި އެންމެހާ ރައްޔިތުންނަށް މި ގޮވާލަނީ އަދުގެ ސަރުކާރުގެ މި އަމަލު ކުށްވެރިކޮށް، އިޒްރޭލުގެ އުފެއްދުންތައް ބޮައިކަޓްކޮށް، މިފަދަ އަމަލުތައް ހިންގާ އަދި ވާގިވެރިވާ ބަޔަކާއިމެދު ސަމާލުވެ ތިބުމަށެވެ.

No comments:

Post a Comment