Friday, May 22, 2009

ލޭ ދައުރުވުމާއި ކިރު އުފެދުން


އިންސާނާގެ ހަށިގަނޑުގައިވާ ހައިރާންކުރުވަނިވި ގޮތްތަކާއި، އަދި ދުނިޔޭގައިވާ އެހެނިހެން ދިރޭތަކެއްޗާއި އަޅާބަލާއިރު ހުރި ތަފާތުތަކާއިމެދު ކުރެވޭ ބަޙުޘް ތަކުރާރުވަނިވި ގޮތުގައި ކުރިއަށް ދެއެވެ. ޘާބިތު ހެކިތަކާއި އެކު އިންސާފުވެވިގެންދަނީ އިންސާނާގެ ފުރިހަމަ ކަމާއި މެދުގައެވެ. ހާމަވެގެންދަނީ، އެއްކައުވަންތަ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތަކެވެ. އިންސާނާގެ ހަށިގަނޑުގައިވާ އެތައް ބިލިއަން 'ދިރޭ ޒައްރާ' ތަކާއިމެދު ފުންކޮށް ވިސްނާބަލާށެވެ. ވަކި ވަކި ގުނަވަންތަކާއި ތަފާތު ނިޒާމުތަކަށެވެ. އަދި ޖުމުލަގޮތެއްގައި އިންސާނާގެ މުޅި ހަށިގަނޑަށެވެ. އެއަށްފަހު ބަޙުޘާއިގެން ކުރިއަށް ޖެހިލާށެވެ. އިންސާނާގެ ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ނުވަތަ ކޮންމެ ނިޒާމަކަށް ނަޒަރު ހިންގާލުމުންވެސް ފާޅުވެގެންދަނީ އިލާހީ ކުޅަދުންވަންތަކަމުގެ ނިޝާންތަކެވެ. ހަށިގަނޑުގައިވާ އެތައް ބިލިއަން 'ދިރޭ ޒައްރާ' (ސެލް) ތަކުގެ ތެރެއިން ކޮންމެ ޒައްރާ (ސެލް) އެއްގެ ޚާއްޞިއްޔަތާއި، ލާމެހިފައިވާ ގޮތެއްގައި ފުރިހަމަ އިންތިޒާމެއްގެ މަތިން ހަށިގަނޑުގެ ތެރޭގައި ކުރެވޭ މަސައްކަތްތަކުން ގެނެސްދެނީ އަޖާއިބުކުރަނިވި ބޮޑަތި ފައިދާތަކެވެ. އިންސާނާގެ ހަށިގަނޑަށެވެ. އަދި މުޅި އިންސާނިއްޔަތަށެވެ.

އިންސާނާގެ ހަށިގަނޑުގައިވާ ތަފާތު ނިޒާމުތަކުގެ ތަކުގެތެރެއިން ލޭ ދައުރުވުމުގެ ނިޒާމު ފުރިހަމަވަނީ މައިގަނޑު ތިން ބައެއް އެކުލެވިގެންވާ ގޮތުގައެވެ. އެއީ، ހިތާއި ލޭހޮޅިތަކާއި އަދި ލެޔެވެ. އިންސާނާގެ ހިތަކީ ހަތަރު ޖަގަހަ އެކުލެވޭ ފުރިހަމަ ގުނަވަނެކެވެ. އެހާމެ މުހިއްމު ގުނަވަނެކެވެ. ހިތުގެ ބައިތަކާއި އޭގެ މަސައްކަތަކީ ޢިބްތަރުން ފުރިގެންވާ ކަންކަމެވެ. ދައްކުވައިދެނީ މަޑުޖެހުމެއް އަރާމެއްނެތި އިންސާނާގެ ހަށިގަނޑުގެ ލާބަޔަށްޓަކައި ކުރާ ބުރަމަސައްކަތެކެވެ. ހިތުގެ އަސާސީ މަސައްކަތަކީ ހަށިގަނޑުގެ ބައިތަކަށް ބޭނުންވާ އެންމެހާ މާއްދާތަކާއި އަދި ހަށިގަނޑުން ބޭރުވާންޖެހޭ މާއްދާތައް އޭގެ އެންމެ މުނާސަބު ގުނަވަންތަކަށް ލޭގެ ޒަރީޢާއިން ފޮނުވުމެވެ. މިހެންކަމުން، ހިތުގެ މަސައްކަތަށް ހުއްޓުމެއް މެދުވެރިވެއްޖެނަމަ އަމިއްލަ ބާރެއް ނުވާ އިންސާނާގެ ހާލާމެދު ވިސްނަވާށެވެ.

ލޭހޮޅިތަކުގެ ތިން ވައްތަރުގެ ތެރެއިން އެއްވައްތަރަކީ ހަށިގަނޑުގެ އެހެން ބައިތަކުން ހިތައް ލޭ ގެނެސްދޭ ލޭހޮޅިތަކެވެ. އަނެއް ވައްތަރުތަކަކީ ހިތުން ހަށިގަނޑުގެ އެހެންބައިތަކަށް ލޭ ފޮނުވައިދޭ ލޭހޮޅިތަކާއި، އަދި ލޭގެތެރޭގައިވާ މާއްދާތައް 'ޖަމާޢީ ދިރޭ ޒައްރާ'ތަކުގެ ވަށައިގެންވާ ފެނުގެ ތެރެއަށް ފާއްދާލަދޭ ލޭހޮޅިތަކެވެ. މީގެއިން އެންމެ ލޭ ހޮޅިއެއް ބެދުނަސް ހަށިގަނޑުގެ މަސައްކަތަށް ބުރޫއަރާނެއެވެ. އިންސާނާ އިހު ހުރި ޙާލަތުން އެހެން ޙާލަތަކަށް ގެންދާނެއެވެ.

ލެޔަކީ ހަށިގަނޑަށް ބޭނުންވާ ހުރިހާ މާއްދާތަކެއް އެކުލެވޭ ނުވަތަ އޭގެ ޒަރީޢާއިން ދައުރުވާ ދިޔާ އެއްޗެކެވެ. އެވަރެޖް އިންސާނެއްގެ ހަށިގަނޑުގައި 5 ލީޓަރެއްހާ ލޭހުންނާނެއެވެ. އެހެންނަމަވެސް، ހަށިގަނޑުގެ އުފެދުމުގައިވާ ތަފާތުތަކުގެ ސަބަބުން ފިރިހެނުންނާއި އަންހެނުންގެ ހަށިގަނޑުގައިވާ ލޭގެ މިންވަރު ކޮންމެވެސްވަރަކަށް ތަފާތުވާނެއެވެ. ލޭގައި ހިމެނޭ ބައިތަކަށް ބަލާއިރު 55 ޕަސެންޓަކީ ލޭގައި ހިމެނޭ ދިޔާ ބައެވެ. ހަށިގަނޑުގެ ހެދިބޮޑުވުމާއި ދުޅަހެޔޮކަން އަދި އެންމެހާ މަސައްކަތްތަކަށް ބޭނުންވާ މާއްދާތައް އެކުލެވޭ ބައެވެ. އަނެއް 45 ޕަސެންޓަކީ 'ބުލަޑް ސެލް'ތަކެވެ. ތަފާތު މަސައްކަތްތަކަށް ޚާއްޞަވެފައިވާ ލޭގެ ދިރޭ ޒައްރާ ތަކެވެ. އެންމެހާ ގުނަވަންތަކުގެ މަސައްކަތަށް ބޭނުންވާ 'އޮކްސިޖަން' އުފުލުމާއި ހަށިގަނޑުގެ ދިފާޢީ ހަނގުރާމައިގެ ފަހުލަވާނުންނަކީ މިދެންނެވި ލޭގެ ޒައްރާތަކެވެ. ހަށިގަނޑުގައި ލޭ ދައުރުވަމުންދަނީ ލޭގެ ޚާއްޞިއްޔަތާއި ލޭހޮޅިތަކާއި އަދި ހިތުގެ ލާމެހިފައިވާ ފުރިހަމަ ނިޒާމުގެ ތެރެއިންނެވެ.


ހަށިގަނޑުގެ ދުޅަހެޔޮކަމާއި އެންމެހާ މަސައްކަތްތަކަށް ބޭނުންވާ މާއްދާތައް ލޭގެ ތެރެއަށް ވާޞިލުވަނީ ގޮހޮރުގައި ހިނގާ ކެމިކަލް ބަދަލުތަކަށްފަހުއެވެ. އެހެންކަމުން، ލޭގައި ހިމެނޭ ކާބޯހައިޑްރޭޓާއި ޕުރޮޓީންސް އަދި މިނެރަލްސް އާއި ވިޓަމިންސް ހަށިގަނޑަށް ލިއްބައިދެނީ ކާބޯތަކެތިންނެވެ. ގޮހޮރުގެ ތެރެއަށްދާ ކާބޯތަކެތި ހަޖަމުވުމުގެ މަރުހަލާތަކަކަށްފަހު ކުޑަ ގޮހޮރުގެ ފާރުތަކުގައިވާ އިނގިލިތަކެއްފަދަ ޚާއްޞަ ބައިތަކަކުން މި ދެންނެވި މާއްދާތައް ލޭގެތެރެއަށް ދަމާލައެވެ. އެއަށްފަހު ލޭ ދައުރުވުމުގެ ފުރިހަމަ ނިޒާމުގެ ތެރެއިން ހަށިގަނޑުގައިވާ އެންމެހާ ގުނަވަންތަކަށް ފޯރުކޮށްދެއެވެ. ކިރު އުފައްދާ ބައިތަކަށްވެސް ލޭ ވާޞިލުވަނީ މިދެންނެވިގޮތުގެ މަތިންނެވެ. އަދި ކިރު އުފެދިގެން އާދެއެވެ. ދެން ހަޖަމުނުވާ ތަކެތި ނަޖިހުގެ ގޮތުގައި ހަށިގަނޑުން ބޭރުކޮށްލައެވެ. މިހެންކަމުން، ހަށިގަނޑަށް ބޭނުންވާ ކާނާގެ މާއްދާތައް ޖަމައުކުރުމުގެ އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ލެޔެވެ.

ލޭގެ މައިގަނޑު އެއްބައި އުފެދިގެން އަންނަނީ ހަޖަމުވުމުގެ މަރުހަލާތަކުގެ ތެރެއިންނެވެ. ގޮހޮރުގެ ތެރެއަށްދާ ކާބޯތަކެތީގެ ބައިތަކުންނެވެ. މިގޮތުން، ކިރު އުފެދިގެން އަންނަ އައުމަކީ ހަމަ ޔަގީނުންވެސް އެތައް ފިލާވަޅުތަކެއް އޭގައި އެކުލެވޭ މުޢުޖިޒާތެކެވެ. ޢިބްރަތުން ފުރިގެންވާ ފިލާވަޅެކެވެ. ކިރަކީ ކުޑަދަރިފުޅަށްޓަކައި އަންހެނާގެ ހަށިގަނޑުގައިވާ ކިރު އުފައްދާ ބައިތައް ކަމުގައިވާ 'މިލްކް ގުލޭންޑްސް'ތަކުގެ މަސައްކަތުގެތެރެއިން އުފައްދާ، އަދި ކާނާގެ މާއްދާތައް އެންމެ ފުރިހަމައަށް އެކުލެވޭ ބުއިމެވެ. މިދެންނެވި 'މިލްކް ގުލޭންޑްސް'ތަކަކީ ހަމައެކަނި އިންސާނުންގެ އަންހެންތަކުންގެ ހަށިގަނޑުގައިވާ ބައިތަކެއް ނޫނެވެ. ބަނޑުއަޅާ ވިހާ ކޮންމެ ދިރޭ އެއްޗެއްގައިވެސް ހުންނަ ބައިތަކެކެވެ. މިގޮތުން ގެރި ބަކަރީގެ ކިރަކީ އާއްމު ގޮތެއްގައި އަހަރެމެން ބުއިމަށް ބޭނުންކުރާ ބާވަތެކެވެ. ދުވަހުގެ ނާސްތާގެ ފެށުމުގައާއި އެހެނިހެން ވަގުތުތަކުގައެވެ.

ކީރިތި ޤުރްއާނުގައި ﷲ ސުބުޙާނަހޫ ވަޠަޢާލާ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ހަމަކަށަވަރުން، ނަޢަމް ސޫފީގައި، ތިޔަބައިމީހުނަށް ޢިބުރަތެއް ވާކަން ކަށަވަރެވެ. އޭގެ ބަނޑުގައިވާ ތަކެތިން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ބުއިމެއް ދެއްވަމެވެ. (ބަނޑުތެރޭގައިވާ) ފުޟޫލާތްތަކާއި، ލެޔާ ދެމެދުން އުފެދިގެން އަންނަ ބުއިމެކެވެ. ބޯމީހުންނަށް ބުއިމަށް ފަސޭހަ، އަދި ސާފުވެގެންވާ ކިރެވެ." (ސޫރަތުއް ނަޙްލު 66).

ބަޔާންކުރެވިދިޔަ އާޔަތުގެ އިތުރުން ސޫރަތުލް މުއުމިނޫން ގެ 21 ވަނަ އާޔަތުގެ މާނައިގައިވަނީ "އަދި ހަމަކަށަވަރުން، ނަޢަމް ސޫފީގައި، ތިޔަބައިމީހުނަށް ޢިބުރަތެއް ވާކަން ކަށަވަރެވެ. އެތަކެތީގެ ބަނޑުގައިވާ ތަކެތިން، ތިޔަބައިމީހުންނަށް (ކިރުގެ) ބުއިމެއް ތިމަންރަސްކަލާނގެ ދެއްވަމެވެ. އަދި އެތަކެތީގައި، ގިނަވެގެންވާ މަންފާތައް ތިޔަބައިމީހުނަށް ވެއެވެ. އަދި އެތަކެތީން ތިޔަބައިމީހުން ކައި އުޅެއެވެ."

ކީރިތި ޤުރްއާނުގައިވާ މިކަމާއި ގުޅުންހުރި އާޔަތްތައް ފަސޭހަކަމާއިއެކު އިންސާނާއަށް ދޭހަވުމާއި ދެނެގަތުމުގައި، ހަށިގަނޑުގެ ހުރިހާ ބައިތަކަށް ލޭ ދައުރުވާގޮތާއި ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތްތަކާއި ކިރު އުފެދޭގޮތުގެ ޢިލްމީ މަޢުލޫމާތުތައް މުހިއްމު ދައުރެއް އަދާކުރެއެވެ. ގެރި ބަކަރި ފަދަ ނަޢަމް ސޫފީގައި ކިރު އުފެދިގެން އަންނަގޮތް ބަޔާންކުރައްވާފައިވާ އާޔަތްތަކުގައި އެވަނީ އަދުގެ ސައިންސްގެ ހޯދުންތަކާއި ކުޑަވެސް ތަފާތެއްނުވާނެ ފުރިހަމަ މަޢުލޫމާތުތަކެވެ. ސައިންސްވެރިން ސިއްސުވާލި މަޢުލޫމާތުތަކެކެވެ. ބަނޑުއަޅާ ވިހާ ކޮންމެ ދިރޭއެއްޗަކުން ކިރު ނެރުއްވުން އެއީ އޭގެ ޒާތުގައި ބޮޑު މުޢުޖިޒާތެކެވެ. މީގެއިތުރުން، މިފަދަ މަޢުލޫމާތުތަކެއް ހޯދިފައި ނެތް ޒަމާނެއްގައި، ކިރު އުފެދޭ ގޮތުގެ ފުރިހަމަ ޢިލްމީ މަޢުލޫމާތުތައް ކީރިތި ޤުރްއާނުގައި ބަޔާންވެފައިވުން އިތުރު މުޢުޖިޒާތަކަށް ނުފުދޭތޯއެވެ. ފަތްފިލާވެލި މުގުރައިގެންނާއި ގެރި ބަކަރީގެ ލޭ ބޭނުން ކޮށްގެން ކިރު އުފެއްދޭތޯ މީސްތަކުން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވެގެންދިޔައީ ކޮންފަދައަކުންތޯއެވެ.


މުސްލިމު ސައިންސްވެރިޔާ އިބުނު ނަފީސް، ލޭދައުރުވާ ގޮތް ބަޔާންކުރުމުގެ 600 އަހަރު ކުރިން އަދި ވިލިއަމް ހާރވޭ މިކަމާގުޅޭ މަޢުލޫމާތުތައް ހުޅަނގަށް ފޯރުކޮށްދިނުމުގެ 1000 އަހަރު ކުރިން ކީރިތި ޤުރްއާނުގައި މިކަންވަނީ ބަޔާންކުރައްވާފައެވެ. ވިސްނާ ފިކުރުކުރުން ހުއްޓެވެ. އިންސާނާގެ ހެދި ބޮޑުވުމާއި އަދި ދެމިހުރުމަށް ބާރުދޭގޮތުގައި ހަޖަމުކުރުމުގެ މަރުހަލާތަކުގެ ތެރެއިން ގޮހޮރުގައި ހިނގާ އަޖައިބު ކުރުވަނިވި މަސައްކަތްތަކާއި ކާތަކެތިން ކިރު އުފެދިގެން އަންނަ ގޮތް މިވަނީ މީގެ 14 ޤަރުނުކުރިން ސާފުކޮށް އުގަންނައިދެއްވާފައެވެ. މިހުރިހާކަމަކާއިއެކު، ސައިންސްގެ ހޯދުންތަކުގެ ސަބަބުން ޢިލްމީ ޙަޤީޤަތްތައް ކަޝްފުވެ ބަޔާންވެގެންދާ ދިއުމީ ވިސްނާ ފިކުރުކުރާ ބަޔަކަށްއޮތް ހެޔޮ މަގެއްކަމާއިމެދު ޝައްކެއްނެތެވެ.

No comments:

Post a Comment