ސައިންސްގެ ދާއިރާއިން ޕްރޮފެސަރަކަށް ވެވަޑައިގަތް ފުރަތަމަ ދިވެއްސަކަށް ވުމުގެ ފަޚުރު ސ. ހިތަދޫއަށް އުފަން ހަސަން އުގައިލް ހާސިލުކުރެއްވުމަކީ ސައިންސަށް ލޯބިކުރާ ދިވެހި ދަރިއެއްގެ ޙައިޞިއްޔަތުން އަޅުގަނޑު ނިހާޔަތަށް އުފާކުރާކަމެކެވެ. މިއީ ޕްރޮފެސަރަކަށް ވެވަޑައިގަތުމުގެ ޝަރަފު ލިބިވަޑައިގެން ދެވަނަ ބޭފުޅާއަށް ވީއިރު، އުމުރުފުޅުން 38 އަހަރުގައި ދިވެއްސަކު ޕުރޮފެސަރަކަށް ވުމަކީ ދިވެހިންނަށް ޚާއްޞަކޮށް މި ދިވެހި ގައުމަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. އަދި މިހާރު އުގެއިލް ވެފައިއެވަނީ ޔުނިވަރސިޓީ އޮފް ބްރެޑްފޯޑްގައި ތިބި އެންމެ ހަގު ޕްރޮފެސަރުންގެ ތެރޭގައި ހިމެނިފައެވެ.
ރާއްޖޭގައި ފުރަތަމަ ޕްރޮފެސަރަކަށް ވެވަޑައިގެންފައިވަނީ ޕްރޮފެސަރ ޢަބްދުﷲ ސަޢީދެވެ. މިއީވެސް އައްޑު އަތޮޅަށް އުފަން ބޭފުޅެކެވެ. ކުރިއަށް އޮތް ތަނުގައި ރިސާރޗްގެ ދާއިރާއިން ކުރިއަށް ދިޔުމަށް ޚިޔާލު ކުރައްވާ އުގައިލް ވިދާޅުވެފައިވަނީ އެކަޑަމިކް ދާއިރާއިން ހާސިލުކުރައްވަން ބޭނުންފުޅުވި ލަނޑުދަނޑި ހާސިލުވެވަޑައިގެންނެވުމުން ވަރަށް ބޮޑަށް އުފާވެއްޖެ ކަމަށެވެ. ”ޕްރޮފްސަރޝިޕްގެ ސަބަބުން ރިސާރޗްގެ ދާއިރާއިން ކުރިއަށް ދިއުމަށް ގިނަ ގުނަ ފަސޭހަތަކެއްވެ, ދުނިޔޭގެ ފެންވަރުގައި ވެސް މަގްބޫލް މީހެއްގެ ގޮތުގައި މިއަދު މިވަނީ ބަލައިގެންފައި“ އިގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ޕްރޮފެސަރ އުގައިލް ވިދާޅުވި އެވެ.
ޕްރޮފެސަރ އުގައިލް ހިސާބު އިލްމުގެ ރޮނގުން ބީ.އެސް.ސީ ޑިގްރީ ހާސިލްކުރެއްވީ 1995ވަނަ އަހަރު ލަންޑަންގެ ކިންގްސް ކޮލެޖުންނެވެ. އަދި 1996ވަނަ އަހަރު ހަމަ އެކޮލެޖުން ޕީޖީސީއީ ޑިގްރީއެއް ވެސް އޭނާ ވަނީ ފުރިހަމަކުރައްވާފަ އެވެ.ޕްރޮފެސަރ އުގައިލް އެޕްލައިޑް މެތަމެޓިކްސްގެ ދާއިރާއިން ޕީއެޗްޑީ ފުރިހަމަ ކުރެއްވީ 2000ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލީޑްސްއިންނެވެ. އަދި އެއަށް ފަހު ޕޯސްޓް ޑޮކްޓޯރަލް ރިސާޗްފްލޯއެއްގެ ގޮތުގައި 2002ވަނަ އަހަރުގެ ސެޕްޓެމްބަރމަހާ ހަމައަށް އެޔުނިވަރސިޓީގައި މަސައްކަތްކުރެއްވި އެވެ. އަދި އެއަށް ފަހު ޔުނިވަރސިޓީ އޮފް ބްރެޑްފޯޑްގެ ސީނިއަރ ލެކްޗަރަރ އެއްގެ މަގާމް އެ އަހަރުގެ ސެޕްޓެމްބަރުމަހު އޭނާއަށް ލިބިވަޑައިގަތެވެ. އަދި އެޔުނިވަރސިޓީގެ ޑިޕާޓްމަންޓް އޮފް ކޮމްޕިއުޓިންގެ ޗެއަރމަނަކަށް މިހިނގާ 2009ވަނަ އަހަރު ޕްރޮފެސަރ އުގައިލް ވަނީ ޕްރޮމޯޓްވެވަޑައިގެންފަ އެވެ.
ޕްރޮފެސަރ އުގައިލް ދިރާސާތައް ކުރައްވާފައި ވަނީ ޖިއޮމެޓްރިކް ޑިޒައިންގެ ދާއިރާއިންނެވެ. އޭނާ ދަނީ މިހާރުވެސް ތިން ޕްރޮޖެކްޓެއްގެ މަސައްކަތް ކުރައްވަމުންނެވެ. އެއީ ކޮމްޕިއުޓަރ ގޭމްތަކުގެ ކަރެކްޓަރ މިހާރަށްވުރެ ރިއަލިސްޓިކްކޮށް, ޑިޒައިންކޮށް އުފެއްދުމާއި, އިރުގެ މޫސުމް ދެނެގަންނާނެ ނިޒާމެއް ގާއިމް ކުރުމުގެ އިތުރުން ދޮގުހަދާ މީހުން މިހާރަށްވުރެ ފަސޭހއިން ދެނެގަންނާނެ ނިޒާމެއް ގާއިމް ކުރުމެވެ.
މިއީ ދިވެހިދަރިން ފަޚުރުވެރިވާންޖެހޭ ކަމެކެވެ. ޢިބްރަތް ލިބިގަންނަން ޖެހޭ ކަމެކެވެ. ދިވެހިންނަކީ ޢިލްމީ ބަޔަކަށް ވާންޖެހެއެވެ. މިދާއިރާއިން ކުރިއަށް ދާ ދިވެހިންގެ ޢަދަދު އިތުރުވާން ޖެހެއެވެ. ހަމައެކަނި އުގައިލާއި ޢަބްދުﷲ ސަޢީދާ ހިސާބުން ދިވެހި ޕްރޮފެސަރުންގެ 'ފުލުސްޓޮޕް' ޖަހާކަށް ނުޖެހެއެވެ. އަދި ހުރިހާ އެންމެން ސިޔާސީ ވާކަށްވެސް ނުޖެހެއެވެ.