Sunday, September 27, 2009

ހަމަލޮލަށް ނުފެންނަ ދިރުން


ފަރުދާގެ ފުރަގަހުގައިވާ ތަކެއްޗާއި، ވަކި ހިސާބަކަށްވުރެ ދުރުގައިވާ ތަކެއްޗަކީ އިންސާނާގެ ހަމަ ލޮލަށް ފެންނަ ފެނުމުގެ ބާރުގެ ތެރެއިން ބޭރުގައިވާ ތަކެއްޗެވެ. ދަގައްފާނުގެ ބާރާއި ކަރަންޓާއި ވަޔާއި އަދި ކާއިނާތުގައިވާ ތަފާތު އެތަކެއް ތަކެއްޗަކީވެސް އިންސާނާގެ ހަމަ ލޮލަށް ފެންނަ ތަކެއްޗެއް ނޫނެވެ. ނަމަވެސް މިއީ ވުޖޫދުގައި ނުވާ ތަކެތި ކަމުގައި މިއަދު އެއްވެސް މީހަކު ގަބޫލެއް ނުކުރެއެވެ. މީގެ އިތުރުން، ކާއިނާތުގައި ﷲ ތަޢާލާ ލައްވާފައިވާ ދިރުންތަކަށް ނަޒަރު ހިންގާލާއިރު، އިންސާނާގެ ހަމަލޮލަށް ނުފެންނަ ކޮންމެ ދިރުމަކީ ނުވާ އެއްޗެއްކަމުގަ ބުނެވޭކަށް ނެތެވެ. ބިމުގައި ލައްވާފައިވާ އެންމެހާ ދިރުންތައް ލައްވާފައިވަނީ ކުދި ބޮޑުމިން ތަފާތުވަނިވި ގޮތުގައެވެ. އެއްގަމުގައިވާ ބޮޑަތި އެތްތަކާއި ގެރި އާއި ބަކަރި އާއި މުސަޅާއި މީދަލާއި ހޯނާއި މިހެންގޮސް ތަފާތު ސައިޒުގެ ދިރޭ ތަކެތި ވެއެވެ. ކަނޑުތަކާއި ކޯރުތަކަށް ބަލައިލިޔަސް މިފަދައިންނެވެ. ބޮޑަތި މަސްތަކާއި ކުދި މަސްތަކެވެ. މިގޮތުން، އެއްގަމާއި ކަނޑުގައިވާ ލޮލަށް ފެންނަ މަޚްލޫޤުތަކުގެ އިތުރުން ލޮލަށް ނުފެންނަ ދިރުންތައް ނުވަތަ މައިކްރޮއޯގަނިޒަމްސް ލައްވާފައިވެއެވެ. މިތަކެތީގެ ސަބަބުން ބިމުގައިވާ އެހެނިހެން ދިރުންތަކަށް އެހީތެރިވެދޭ ތަކެތީގެ ގޮތުގައެވެ.

ނެތުމުގެ ތެރެއިން އެންމެހާ ތަކެތި އުފެއްދެވި ކުޅަދުންވަންތަ ﷲ ތަޢާލާ، ކީރިތި ޤުރްއާނުގައި ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ "އަދި އަހާއި، بغل އާއި، ޙިމާރުވެސް ހެއްދެވިއެވެ. އެއީ ތިޔަބައިމީހުން އެ ތަކެއްޗަށް ސަވާރުވުމަށާއި، އަދި ޒީނަތެއްގެ ގޮތުގައެވެ. އަދި ތިޔަބައިމީހުން ނުދަންނަ ތަކެތި އެކަލާނގެ ހައްދަވަތެވެ" النحل: ٨ . މިއާޔަތުން އެނގިގެންދަނީ އިންސާނާއަށް ނޭނގޭ ތަކެތި ﷲ ތަޢާލާ އުފައްދަވާފައިވާ ކަމެވެ. އެހެނީ، ޤުރްއާން ބާވާލައްވަމުން ދިޔަދުވަސްވަރު ދިރިއުޅެމުން ދިޔަ މީސްތަކުންނަށް، ލޮލަށް ނުފެންނަ ދިރުންތަކެއް ވުޖޫދުގައި ވާކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައެއްނުވެއެވެ. މިފަދަ ކުދި ކުދި ދިރޭތަކެތިތައް އިންސާނުންނަށް ހޯދިފައިވަނީ ސައިންސްގެ އަލާތެއް ކަމުގައިވާ މައިކްރޮސްކޯޕް އުފެއްދުނު ހިސާބުންނެވެ.

ކީރިތި ޤުރްއާނުގައި ބަޔާންވެގެންގޮސްފައިވާ ލޮލަށް ނުފެންނަ ދިރޭތަކެއްޗާއިބެހޭ މަޢުލޫމާތުތައް އިންސާނުން ހޯދަންފެށީ ޤުރްއާން ބާވާލެއްވުނުތާ އެތައް އަހަރެއްފަހުންނެވެ. އަދި މިކަން މިއަދު މިވަނީ ބައޮލޮޖީ ނުވަތަ ދިރޭ ތަކެއްޗާއި ބެހޭ ޢިލްމުގެ ގޮތްޕަކަށް ވެފައެވެ. އެއީ މައިކްރޮބައޮލޮޖީއެވެ. ކީރިތި ޤުރްއާނުގެ އިތުރު އާޔަތްތަކުގައި މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ، އުޑާއި ބިމުގައިވާ ޛައްރެއްގެ މިންވަރުވެސް އަދި އެއަށްވުރެ ކުޑަޔަސް އަދި އެއަށްވުރެ ބޮޑަސް، އެކަލާނގެއަށް ވަންހަނާވެގެންނުވާކަމާއި، ބަޔާންވެގެންވާ ފޮތެއްގައި އެތަކެތި ލިޔުއްވާފައިވާ ކަމުގައެވެ (34:3،10:61). މިއީ ކޮންފަދަ ބޮޑު މުޢުޖިޒާތެއްތޯއެވެ! އެހެނީ، ލޮލަށް ނުފެންނަ ދިރުންތަކުގެ ސައިޒަކީ ޢާއްމުގޮތެއްގައި ޛައްރެއްގެ މިންވަރެވެ. މި ދިރުންތަކުގައިވަނީ އެންމެ ދިރޭޛައްރާ އެކެވެ. ނުވަތަ އެންމެ ސެލް އެކެވެ.

މި ދުނިޔޭގައި އިންސާނާއަށް ނޭނގޭ އެތައް ކަމެއް އެކުލެވިފައިވާއިރު، ލޮލަށް ނުފެންނަ ދިރުންތަކުގެ އެތައް މެމްބަރުންނެއްވެސް ދިރިއުޅެމުން ގެންދެއެވެ. އެތަކެތިވަނީ ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިފައެވެ. އޭގެތެރޭގައި ތަފާތު ވައްތަރުގެ ބެކްޓީރިއާތަކާއި ވައިރަހާއި ފަންގީ ހިމެނެއެވެ. މިއިން ކޮންމެ ބާވަތެއްގެ އެތައް މިލިއަން ދިރުންތަކެއް ބިންމަތީގައިވެއެވެ. އަދި މިތަކެތީގެ ސަބަބުން ބިމުގައިވާ ދިރުންތައް އެއް ހަމައެއްގައި ބަހައްޓައިދެއެވެ. މިކަމުގެ މިސާލަކަށް ބަލައިލަމާ ހިނގާށެވެ. ބިމުގައިވާ ދިރުންތައް ދެމިގެންދިއުމަށް ބޭނުންވާ މުހިއްމު މާއްދާތައް ދައުރުމުގެ ނިޒާމުތަކަށް ބަލާއިރު، ނައިޓްރޮޖެން ސައިކަލްގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެކައްޗަކީ ތަފާތު ބެކްޓީރިއާ ތަކެވެ. ވައިގެ ފަށަލައިގައިވާ ނައިޓްރޮޖެން ގޭސް، ގަސްގަހާގެއްސަށް ބޭނުންކުރެވޭނެ ގޮތަށް ބަދަލުވެގެން އަންނަނީ ބެކްޓީރިއާ ތަކުގެ ސަބަބުންނެވެ. މިމާއްދާތަކަކީ ގަސްގަހާގެހީގެ ހެދިބޮޑުވުމަށް ބޭނުންވާ ތަކެއްޗެވެ. އަދި ގަސްގަހާގެއްސަކީ ބިމުގައިވާ ހުރިހާ ދިރުންތަކަށް ބޭނުންވާ ކާނާ އުފައްދައިދޭ ކާރުޚާނާތަކެވެ. މިއީ މި ކުދި ކުދި ދިރުންތަކުގެ ދައުރެވެ. އަދި އަނގައިގެތެރޭގައިވާ ބެކްޓީރިއާތަކާއި، އިރުގެ އަލި ބޭނުންކޮށްގެން ކާނާއުފައްދާ ބެކްޓީރިއާތަކާއި އަލްގޭ ތަކަށް ނަޒަރު ހިންގާލުމުންވެސް މިކަން އިތުރަށް ކަށަވަރުވާނެއެވެ. އަދިވެސް މިތަކެތީގެ ދައުރު ވަރަށް ފުޅަލެވެ. އެހާމެ މުހިއްމެވެ. މިއަދު އަޅުގަނޑުމެން ބޭނުން ކުރަމުން ގެންދާ ކާނާގެ ބާވަތްތައް ކަމުގައިވާ ޔޯގަޓާއި ޗީޒާއި ޕާން ވެސް އުފައްދަމުންގެންދަނީ މިދެންނެވި ލޮލަށް ނުފެންނަ ދިރުންތަކުގެ އެހީގައެވެ. މީގެ އިތުރުން ތަފާތު ބޭސްތައް އުފެއްދުމުގައިވެސް ބައެއް ކަހަލަ ބެކްޓީރިއާތައް ބޭނުން ކުރެވެއެވެ. މަރުވެގެންދާ ގަސްގަހާ ގެއްސާއި، ޖަނަވާރުންނާއި އިންސާނުންގެ ހަށިތައް ކައި ވީރާނާކޮށްލަނީވެސް މިދެންނެވި ލޮލަށް ނުފެންނަ ކުދި ދިރުންތަކެވެ.

ހަމަލޮލަށް ނުފެންނަ ދިރުންތަކުގެ ތެރޭގައި ހިމެނެނީ ހަމައެކަނި ފައިދާ ކުރަނިވި އެއްޗެހި އެކަންޏެއް ނޫނެވެ. ބައެއް ކަހަލަ ބެކްޓީރިއާ ތަކާއި ވައިރަސްތަކަކީ ގިނަ ގުނަ ބަލިތައް ޖައްސާ ތަކެއްޗެވެ. އަދި މީގެ އައު ވައްތަރުތައް މިއަދުވެސް ފެންނަމުން އެބަދެއެވެ. އެއިޑްސްގެ ވައިރަސް 'އެޗް އައި ވީ' އާއި ބާރޑް ފުލޫ ވައިރަހާއި އޫރު ރޯގާގެ ވައިރަސް 'އެޗް ވަން އެން ވަން' ވައިރަހަކީ މީގެ ކުރިން އިންސާނުން ނުދަންނަ ހަމަލޮލަށް ނުފެންނަ ތަކެއްޗެވެ. މިއީ އަމިއްލައަށް އުފެދިގެން އަންނަ ތަކެއްޗެއް ނޫނެވެ. ﷲ ތަޢާލާގެ ކުޅަދުންވަންތަ ކަމެވެ. މިއަދު މި ކުދި ދިރޭތަކެތި ހުރަސްނުކުރާ ބޯޑަރެއް ނުވަތަ ނުވަންނަ ގައުމެއް އެބައޮތްތޯއެވެ؟ މިކަންކަމުން ސާބިތުވަނީ އިންސާނުންނަށް އެނގިފައިނުވާ އެތަކެއް ތަކެތި ﷲ ތަޢާލާ އުފައްދަވާފައިވާ ކަމެވެ. އަދި އުފައްދަވާނެ ކަމެވެ. އެއީ ﷲ ގެ ތެދު ބަސްފުޅެވެ. އެބަސްފުޅު ދޮގުކުރެވޭނެ އެއްވެސް މީހެއް އަދި އެއްވެސް އެއްޗެއް ކާއިނާތަކު ނުވެއެވެ. ލޮލަށް ނުފެންނަ ދިރުމުގެ މަޢުލޫމާތު އެއްވެސް އިންސާނަކަށް ލިބިފައިނުވާ ދުވަސްވަރެއްގައި، މީގެ 1400 އަހަރު ކުރިން ކީރިތި ޤުރްއާނުގައި މިވަނީ މި ތަކެތީގެ ވާހަކަ ބަޔާންކުރައްވާފައެވެ. ކޮންފަދަ ބޮޑު މުޢުޖިޒާތެއްތޯއެވެ!

ހަމަލޮލަށް ނުފެންނަ ކުދި ދިރޭތަކެތިން ފެށިގެން ބޮޑަތި ދިރޭތަކެއްޗަކީ އަމިއްލައަށް އުފެދިފައިވާ ތަކެއްޗެއް ނޫނެވެ. އަދި އެއީ ބަދަލުވަމުންދާ މަރުހަލާތަކަކުން ނުވަތަ އައި ފުރުޞަތަކުން އުފެދިފައިވާ ތަކެއްޗެއްވެސް ނޫނެވެ. އެއީ ޗާލްސް ޑާވިން ހަދާފައިވާ ބޮޑު ދޮގެކެވެ. ޚުދު އޭނާވެސް ގަބޫލު ނުކުރާ ބޮޑު ދޮގެކެވެ. އިސްލާމްދީނާއި ޚިލާފު އަދި ސައިންސްގެ ބަރުދަނެއް ނެތް ތިޔަރީއެކެވެ. އިންސާނުންގެ ބުއްދީގެ ހަމަތަކަށް ނުފެތޭ ހިޔާލީ ވާހަކަތަކެކެވެ. މި ދޮގު ތިޔަރީ އަކީ އެބައެއްގެ ބަހަނާކަމުގައި ހަދައިގެން، ކަލަކު ނުވާކަމަށް ދަޢުވާކުރާ އޭތިސްޓުންގެ ހާލަކީ ކޮބާ ބާއެވެ؟ މިމީހުންގެ ކާބަފައިންނަކީ ރާމާ މަކުނެވެ. މިމީހުންގެ މަސައްކަތަކީ މުސްލިމު ޅަދަރިންނާއި ޒުވާނުންގެ އިސްލާމީ ފޭރާން ބޭލުވުމެވެ. ޡާނަވީ މަދަރުސާތަކުގެ ދަރިވަރުންގެ ބޮލަށް ސަވާރުވުމެވެ. އެހެންނަމަވެސް، މި މީހުނަށް ދިރުން ހުރި އެންމެ ސެލް އެއްވެސް ނުއުފެއްދުނެވެ. އަދި ނުވެސް އުފެއްދޭނެއެވެ. މިއާއިއެކު، ހަމަލޮލަށް ނުފެންނަ ކޮންމެ އެއްޗަކީ ނުވާ އެއްޗެއްކަމުގައި ބުނާނެ ޖާގަ އަދުގެ ސައިންސާއި އިންސާނާގެ ބުއްދީގެ ހަމަތަކުންވެސް ނުދެއެވެ. ކަރަންޓާއި ވަޔާއި އަދި ލޮލަށް ނުފެންނަ ދިރޭ ތަކެތި ވުޖޫދުގައި ވާކަން ގަބޫލުކުރަން އެމީހުނަށް މަޖުބޫރު ވެއްޖެއެވެ. މީހަކު، އޭނާ ނުދާ ގައުމަކީ ދުނިޔޭގައި ނެތް ގައުމަކަށްވެސް ނުވެއެވެ. ނަތީޖާއަކީ ކަލަކު ވޮޑިގެން ނުވާކަމަށް ދަޢުވާ ކުރާ އޭތީސްޓުންގެ ކޮޅު ބަލިވުމެވެ. އެހެނީ، ހަމަލޮލަށް ނުފެންނަ އެންމެ ދިރުމެއްވެސް އުފެއްދެވުމުގެ ކުޅަދާނަކަން ﷲ ފިޔަވައި އެހެން ފަރާތަކަށް ލިބިގެނެއް ނުވެއެވެ.

Belated Eid Mubarak


Since I was spending my Eid Holiday in an Island, I couldn’t send ‘Eid Mubarak’ to all Maldivian bloggers and the Muslim community through my blog. I felt very sad, hence I could not send my heartfelt eid greeting to all the followers of islam, and those who made the month of Ramazan a successful occasion by their good deeds during the holly month. So, I wish you a very happy Belated Eid Mubarak to all Maldivian Muslims and Muslims in all the continents of the world.