ކުރިއަށް މިއޮތް އިންތިހާބަކީ ރައްޔިތުންނަށް ވަރަށް މުހިއްމު އިންތިހާބެކެވެ. އެހެނީ، ޑިމޮކްރަސީ އަކީ ރައްޔިތުންގެ ވެރިކަމަށް ވީ ހިނދު، މިއީ ރައްޔިތުންގެ މަންދޫބުން ޢައްޔަނު ކުރުމުގެ މުހިއްމު ވަގުތެވެ. ޒަމާނީ ޑިމޮކްރަސީގެ ތެރެއިން ޤާނޫނު ހެދުމުގެ ބާރު ރައްޔިތުން އެދޭގޮތަށް ހިނގައިގަންނާނީ މި އިންތިހާބަށް ފަހު ހޮވޭ ރައްޔިތުންގެ މަޖިލީހަކާއިއެކު ކަމުގައި ދެކެމެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. އިންތިހާބަކާއި ނުލާ ވަކި މީހަކު އައްޔަނުކުރާ މެމްބަރުންތަކެއްގެ ސަބަބުން ރައްޔިތުންގެ އިޙްސާސްތަކާއި ދިމާ އިދިކޮޅަށް މަޖިލީހުގައި ކަންކަން ނިމިގެންދިއުމަކީ އެއްވެސް ރައްޔިތަކު ބޭނުންވާނެ ކަމެއްނޫނެވެ. އަދި ރައްޔިތުން ތަމްސީލު ނުކުރެވޭ ގޮނޑިތަކެއް މަޖިލީހުގައި ހުރުމަކީ ޑިމޮކްރަސީގެ ހަމަތަކަށް ލޮޅުންއަރާ ކަމެކެވެ. އެހެންކަމުން ކުރިޔާތަފާތުކޮށް، މިހާރު އޮތް ޤާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޢަދަދު ކަނޑައަޅާނީ ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސްހާސް މީހަކަށް ނުވަތަ ފަސްހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެމެމްބަރުންކަމާއި، އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ ފަސްހާހަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށްވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެމްބަރެއްކަމުގައި ބަޔާންވެފައި އޮތުމަކީ ހެޔޮ ބަދަލެކެވެ. އަދި ކޮންމެ އިދާރީ ދާއިރާއަކުން ކަނޑައެޅޭ އިންތިހާބީ ދާއިރާތަކުން މީހުން އިންތިހާބު ކުރުމަކީ ރައްޔިތުންގެ މަޖިލިސް ރައްޔިތުން އެދޭފަދަ މަޖިލީހަކަށް ވެގެންދާނެ ކަމުގެ ހެއްކެކެވެ
ރައްޔިތުން ހޮވާފައިވާ މަންދޫބުންނަށް ބަރޯސާވާ ޑިމޮކްރަސީގެ ނިޒާމެއްގައި ރައްޔިތުން އެބައިމީހުންގެ މަންދޫބުން ހޮވަނީ އެބައިމީހުންގެ ތެރެއިން އެބައިމީހުންގެ ޚިޔާލާ، ފިކުރާ، ވިސްނުމާ އެއްގޮތަށް ތަމްސީލުކޮށްދެވޭ މަންދޫބުންނެވެ. ކަންމިހެން އޮތްއިރު، މި ވަޠަނުގެ ދަރިންގެ ނަޒަރު ފުޅާކުރަންޖެހެއެވެ. 1997 ވަނަ އަހަރުގެ ސެޕްޓެމްބަރު 16 ގައި ޤާހިރާގައި އޮތް އިންޓަރ-ޕާލިމެންޓަރީ ކައުންސިލުގެ 161 ވަނަ ޖަލްސާގައި ފާސްކޮށްފައި އޮތް 'ޑިމޮކްރަސީގެ ޢާންމު ޤަރާރު" ގެ 11 ވަނަ މާއްދާގައި، އެ ޤަރާރުގެ ދެވަނަ ބައި ކަމުގައިވާ 'ޑިމޮކްރެޓިކް ސަރުކާރެއް ހިންގުމާއި އެފަދަ ސަރުކާރެއްގެ ބައިތަކުގެ' ދަށުގައި ބުނެފައިވެއެވެ. "ޑިމޮކްރަސީ ބިނާވެފައިވަނީ، ސަރުކާރުގެ ކަންތައްތައް ހިންގުމުގައި ރައްޔިތުންގެ ތެރެއިން ކޮންމެ މީހަކަށްވެސް ބައިވެރިވެ އުޅުމުގެ ޙައްޤާއެކުގައެވެ. އެހެންވީމާ، ޑިމޮކްރަސީގައި ރައްޔިތުން ތަމްސީލުކުރާ މުއައްސަސާތައް ޤާއިމުކުރާންޖެހެއެވެ. މިކަން ހުރިހައި ގިންތިއެއްގައިވެސް ކުރާންޖެހެއެވެ. ޚާއްޞަކޮށް ފާހަގަކުރެވެނީ، ރައްޔިތުންގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގެ މީހުން ތަމްސީލުވާ ރައްޔިތުންގެ މަޖިލީހެއް އޮންނާން ޖެހެއެވެ. އެމަޖިލީހަކީ ރައްޔިތުންގެ ބޭނުންތަކާއި ރައްޔިތުން އެދޭ ގޮތުގެ މައްޗަށް ކަންތައްތައް ނިންމާ މަޖިލީހެކެވެ. އެކަންކަން ނިންމާނީ، ފާސްކުރާ ޤާނޫނުގެ ގޮތުގައެވެ. ހަމައެހެންމެ ސަރުކާރުން ކަންތައްތައް ކުރާގޮތާއި ކަންތައްތައް ނުކުރާ ގޮތް ރައްޔިތުންގެ މަޖިލީހުން ބަލަމުން ގެންދާނެއެވެ". މިއީ އެންމެ ޤަރާރެއްގެ އެންމެ މާއްދާއެކެވެ.
މި ޤަރާރުގައި މިވާފަދަ ރައްޔިތުންގެ މަޖިލިހެއް އޮތުމަކީ ދިވެހިރާއްޖެއަށްވެސް ކޮންމެހެން ލާޒިމު ކަމެކެވެ. އެހެނީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ދިވެހި މުޖުތަމައު ތަމްސީލުކޮށްދޭ އެންމެ އަސާސީ މުއައްސަސާއެވެ. މިފަދަ މަޖިލީހެއްގެ ބޭނުމަކީ، ބޭނުންވެއްޖެ ކޮންމެ ކަމަކާ ބެހޭގޮތުން އިސްލާމްދީނުގެ އަސްލަކާއި ޚިލާފުނުވާ ގޮތުގެމަތީން ޤާނޫނު ހެދުމާއި ޤާނޫނަށް ބަދަލުގެނައުމާއި ޤާނޫނު ބާޠިލުކުރުމާއި، އަދި ދައުލަތުގެ އަހަރީ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރުމެވެ. އަދި ރައްޔިތުންނަށް ޖަވާބުދާރީވުމަކީ ޑިމޮކްރަސީއެއްގެ އެއް ސިފައަށް ވީހިނދު، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެކެވެ. އަދި މިކަންކަން ކުރުމަށްޓަކައި ޤާނޫނު އަސާސީ އާއި ޤާނޫނުގައިވާ ގޮތުގެމަތީން ފިޔަވަޅުތައް އެޅުމަކީވެސް ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭނެ ކަންކަމެވެ. މިއީ މިއަދު ރާއްޖޭގައި މިއޮތް ރިޔާސީ ނިޒާމުގެ ތިން ބާރު އެއްބާރު އަނެއް ބާރަށް ފާރަވެރިވުމުގެ އެއް ޢަމަލެވެ. މިކަންކަމުގެ އިތުރުންވެސް، މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމުތަކާ ބެހޭގޮތުން ނިންމަންޖެހޭ ކަންތައްތައް ޤާނޫނުގައިވާ ގޮތުގެމަތީން ނިންމުމާއި، ރައްޔިތުންނާ ގުޅޭ މުހިއްމު ކަންތައްތަކުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާއްމު ވޯޓު ނެގުމަކީ މަޖިލީހަށް ލިބިގެންވާ ބާރަކަށް ވީހިނދު މިކަންކަން ޒިންމާދާރު ގޮތުގައި ކުރެވޭނެ ރައްޔިތުންގެ މަޖިލީހެއް އޮންނަންޖެހެއެވެ
ނުނިމޭ .
No comments:
Post a Comment