އިންސާނާ ވުޖޫދަށް ނެރުއްވައި، އިންސާނީ ދަރިފަސްކޮޅު ބިންމަތީގައި ލެހެއްޓެވުމަށްޓަކައި ﷲ ސުބަޙާނަހޫ ވަތަޢާލާ ވަނީ އަންހެނަކާއި ފިރިހެނަކު މެދުވެރިކުރައްވާފައެވެ. އެތައް ބިލިއަން ސެލް ތަކެއްގެ މައްޗަށް އެކުލެވިފައިމިވާ ނިކަމެތި އިންސާނާ އުފަންވުމަށް މެދުވެރިކުރައްވާފައިވާ ސަބަބު ކަމުގައިވާ މައިން ބަފައިންނަށް، އިސްލާމް ދީނުގައި ވަނީ ވަރަށްވެސް ބޮޑު އަހައްމިޔަތެއް ދީފައެވެ. އެބައިމީހުނަށް އޯގާތެރިވުމަށް އަންގަވައި، އެދެމީހުނަށް އުރެދުންވަނީ އިސްލާމްދީނުގައި ނަހީ ކުރައްވާފައެވެ. ﷲ ޞުބަޙާނަހޫ ވަޠަޢާލާ ވަހީ ކުރައްވާފައިވެއެވެ
وعبد وا ﷲ ولا تشركوبه شيئا وبلوالدين إحسانا )انساء 36)
"ތިޔަބައިމީހުން ﷲ އަށް އަޅުކަން ކުރާށެވެ. އަދި އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ. އަދި މައިން ބަފައިންނަށް ހެޔޮކޮށް ހިތާށެވެ."
އަދިވެސް އިސްރާއު ސޫރަތުގެ 23 އަދި 24 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވަނީ
"އެކަލާނގެ ރަސްކަންފުޅަށް މެނުވީ، ތިޔަބައިމީހުން އަޅުކަންނުކުރުމަށް، ކަލޭގެފާނު ހައްދަވައިބޮޑުކުރެއްވި ކަލާނގެ ނިޔާކުރައްވައި އެންގެވިއެވެ. އަދި، މައިންބަފައިންނާމެދު ހެއުކޮށް ކަންތައްކުރުމަށާއި، އެދެމީހުންކުރެ މީހަކު ކަލޭގެ ގާތުގައިވާ ޙާލު، މުސްކުޅިކަމާއި ހަމައަށް ފޯރައްޖެނަމަ އެދެމީހުންނަށް "އުފް" ވެސް ނުބުނާށެވެ. އަދި އެދެމީހުންނަށް އަޑުލައި ނަހަދާށެވެ. އަދި، މާތް ދީލަތި ބަސް އެދެމީހުންނަށް ބުނާށެވެ." (އިސްރާއު 23)
"އޯގާވެރިވުމުގެ ސަބަބުން، ނިކަމެތިވުމުގެ ފިޔަ، އެދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ. އަދި ބުނާށެވެ. ހައްދަވާބޮޑުކުރެއްވި ރަސްކަލާކޯއެވެ! ކުޑަކުއްޖަކުކަމުގައި ތިމަންވީ ދުވަހު ތިމަންގެ ޙާލު ބަލައި ބޮޑުކުޅަފަދައިން، އެދެމީހުންނަށް ރަޙްމަތް ލައްވާފާނދޭވެ." (އިސްރާއު 24)
މީގެއިން ދަލީލުކޮށްދެނީ މައިންބަފައިންނަށް ކަމޭހިތުމާއި މާތްކޮށްހިތުމަށް އިސްލާމް ދީނުގައި ބާރުއަޅުއްވާފައިވާ މިންވަރެވެ. އޭގެ މަތިވެރިކަމާއި ދީފައިވާ އަހައްމިޔަތުގެ ބޮޑުކަމެވެ. މިކަންވަނީ ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި އަންގަވައި، ރަސޫލުﷲ ޞައްލަﷲ ގެ މަތިވެރި ސުންނަތުގައިވެސް ވަރަށް ފުޅާދާއިރާއެއްގައި ބަޔާންކުރައްވާފައެވެ.
ރަސޫލުﷲ ޞައްލަﷲ ގެ އެތައް ޙަދީޘަކުން މައިންބަފައިންނަށް ދީފައިވާ އަހައްމިޔަތު ފާހަގަކުރެވެއެވެ. އިސްލާމްދީނުގައި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެ ލޮބުވެތިކަން ބޮޑު ޢަމަލެއްކަން ރަސޫލުﷲ ޞައްލﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ދަލީލުކުރެއެވެ. އެހެނީ، މިދެމީހުންގެ އިޙްސާންތެރިކަމަކީ އަގުނުކުރެވޭނެ އިޙްސާންތެރިކަމެކެވެ. އަދި މިއާއެކު، މިދެމީހުންގެ ތެރެއިންވެސް މައިމީހާއަށް ދެވިފައިވާ ޤަދަރާއި ޢިއްޒަތް މަތިވެރިވެފައި، ދެވިފައިވާ އަޙައްމިޔަތު ވަރަށް ބޮޑެވެ. އަދި މިދެމީހުންގެ ތެރެއިން ދަރިން އެންމެ ބޮޑަށް އަޅާލަންޖެހޭ ނުވަތަ ދީނުގައި އެމީހަކާ ދޭތެރޭ އެންމެ ބޮޑަށް އަޅާލަންޖެހޭ ފަރާތަކީ އެދަރިފުޅު ބަނޑުލައި ވިހޭ މަންމައެވެ.
އަލްއިމާމުލް ބުޚާރީއާއި އަލްއިމާމުލް މުސްލިމުގެ އިއްތިފާޤުން ރިވާކުރައްވާފައިވާ، ރަސޫލުﷲ ޞައްލﷲ ޢަލައިހި ވަސައްލަމް ޙަދީޘެއްގައިވެއެވެ. جاء رجل إلى رسول صلىﷲ عليه وسلم فقال: من أحق الناس بحسن صحابتى؟ قال: أمّك. قال: ثمّ من ؟ قال: أمّك. قال: ثمّ من ؟ قال: أمّك. قال: ثمّ من ؟ قال: أبوك.
މާނައީ: "ރަސޫލުﷲ صلىﷲ عليه وسلم ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. މީސްތަކުންކުރެ އަޅުގަނޑު ކަމޭހިތުން އެންމެ ޙައްޤުކަން ބޮޑީ ކާކަށްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ތިބާގެ މަންމައެވެ. އޭނާ ދެންނެވިއެވެ. ދެންކާކަށްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ތިބާގެ މަންމައެވެ. އޭނާ ދެންނެވިއެވެ. ދެންކާކަށްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ތިބާގެ މަންމައެވެ. އޭނާ ދެންނެވިއެވެ. ދެންކާކަށްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ތިބާގެ ބައްޕައެވެ."
ތެދެކެވެ. އެމަންމަގެ ޙައްޤު، ބައްޕަގެ ޙައްޤަށްވުރެ ބޮޑެވެ. ދަރިފުޅު ބަނޑުގައި ގަރުބަ ގަތީއްސުރެ، އެމައިމީހާވަނީ ނުވަ މަހާއި ނުވަ ދުވަހުގެ ވޭނީ ކެކުޅުންތައް އިޙްސާސް ކޮށްފައެވެ. މިއީ މަޔަކަށްމެނުވީ އިޙްސާސް ނުކުރެވޭނެ ކަންތައްތަކެކެވެ. މައިމީހާގެ ހަށިގަނޑަށް އަންނަމުންދާ ބަދަލުތަކާއި އަޅާ ވޭންތަކަކީ ފިރިހެނަކު ދުވަހަކުވެސް އިޙްސާސްނުކުރާނެ ކަންތައްތަކެކެވެ. ދަރިފުޅަށް ބޭނުންވާނެ ކާނާގެ ހުރިހާ ބައިތަކެއް މައިމީހާގެ ހަށިގަނޑުން އެދަރިފުޅު ބޭނުންކުރެއެވެ. މަންމަގެ ލޭ ދައުރުކުރާ ނިޒާމާއި ދަރިފުޅުގެ ލޭ ދައުރުކުރާ ނިޒާމާއި ލާމެހިފައިވާވުން، މިއީ ދަރިފުޅަށް ބޭނުންވާ ކާނާ ލިއްބައިދިނުމުގެ މަގެވެ. ދަރިފުޅުގެ ހަށިގަނޑުގައި އުފެދޭ ހުރިހާ ވިހަ މާއްދާތައް އެހަށިގަނޑުން ބޭރުކުރުމުގެ މަގަކީވެސް މިއެވެ. އަދި ދަރިފުޅު ވިހެވުމުގެ ވަގުތާއި އަޅާ ވޭންތަކަކީ މައިމީހާގެ ހަނދާނުން ދުވަހަކުވެސް އުނިވެގެންނުދާނެ ކަންކަމެވެ. ދަރިފުޅު ވިހެއުމަށްފަހު ކުރި ހޭހާންތަކާއި، އެ ދަރިފުޅަށްޓަކައި ރޭގަނޑުގެ އަރާމުގެ ވަގުތުގައި ނަގާލި ނިދި ޢަދަދު ނުކުރެވޭނެއެވެ. އިންސާނުންނަށް މިހާތަނަށް އުފެއްދިފައިނުވާ މޮޅު ކާނާ އެމައިމީހާގެ ލެއިން އުފެއްދެވިއެވެ. އަދި ލޯތަބާއި އެކު އެއްވެސް އަގެއްނެތި ގާތުން ކިރުދެއެވެ. މީގެ އަގުދޭނީ ކިހިނަކުން ހެއްޔެވެ. މިއީ މައިމީހާގެ ހަށިގަނޑުގައިވާ ލެޔެވެ. މިހެންކަމުން، މައިމީހާގެ ޙައްޤު އެ ދަރިފުޅުގެ ކުރިމަތީގައި އަގު ނުކުރެވޭނެއެވެ. އަދި އެމައިމީހާއަށް ދަރާފައިވާ ދަރަނި މުޅި އުމުރު ހޭދަކުރިކަމުގައި ވީނަމަވެސް އަދާނުކުރެވޭނެއެވެ.
ނިކަންވިސްނަވާށެވެ! މިއަދުގެ ސައިންސްވަނީ، މައިމީހާއަށް އިސްލާމްދީން ދީފައިވާ މަތިވެރިކަމާއި އަހައްމިޔަތަށް ބާރުދެނިވި ހެކިތަކުން އެކަން އިތުރަށް ސާބިތުކޮށްދީފައެވެ. އިންސާނާގެ ހަށިގަނޑު އުފެދިފައިވަނީ، ހަމަލޮލަށް ނުފެންނަ އެތައް މިލިއަން ސެލް ތަކަކުންނެވެ. އަދި މިސެލްތަކުގެ ތެރޭގައިވާ ތަފާތު އޯގަނެލްސް ތަކަކީ އެއިން ކޮންމެ އެއްޗެއްގައި ވަކި ޚާއްޞަ މަޞްޢޫލިއްޔަތުތަކެއް އެކުލެވިފައިވާ ތަކެއްޗެވެ. މިގޮތުން މިސެލްގައިވާ ނިއުކްލިއަސް ގެ ވަޒީފާއަކީ ސެލްގެ ތެރޭގައި ހިނގާ ހުރިހާ ކަމެއް ކޮންޓްރޯލްކޮށް ބެލެހެއްޓުމެވެ. އަދި މިއީ މައިންބަފައިންގެ ފަރާތުން ދަރިފުޅަށް ވާރުތަވާ އެތައް ހާސް ސިފަތަކެއް އެކުލެވޭ 30،000 ޖީންސް ގެ ޖަގަހައެވެ. މިއީ ދަރިފުޅު ގަރުބަގަންނަ ވަގުތު ދެފަރާތުންވެސް އެއްވަރަށް ޙިއްސާކުރާ ޖީންސް ތަކެވެ.
އެހެންނަމަވެސް ސެލްގެތެރޭގައި ހިމެނޭ މައިޓޮކޮންޑްރިއަރ ގެ ވަޒީފާއަކީ ސެލްގެ ހުރިހާ ޙަރަކާތަކަށް ބޭނުންވާ ހަކަތަ އުފައްދައިދިނުމެވެ. އަދި މިއީ، ސެލްގައިވާ އެހެނިހެން އޯގަނެލްސްތައް އެކަށައަޅާލާ، އޭގެ ވަޒީފާތަކަށް ކޮންމެހެންބޭނުންވާ 37 ޖީންސްގެވެސް ޖަގަހައެވެ. މައިޓޮކޮންޑްރިއަރގެ ބޮޑުމިނަކީ، ކުޑަކުޑަ ބެކްޓީރިއަރ އެއްގެ ބޮޑުމިނެވެ. އަދި ތަފާތު ސެލްތަކުގައި އޭގެ ޢަދަދު ތަފާތުވެގެންވެއެވެ. މިގޮތުން ހިތުގެ ސެލްތަކާއި އަތާއި ފައިގެ މަސްތަކުގެ ސެލްތަކުގައި ހިމެނޭ މައިޓޮކޮންޑްރިއަރގެ ޢަދަދު އެހެނިހެން ބައެއް ސެލްތަކަށްވުރެ ގިނައެވެ. އެހެނީ މިސެލްތަކަކީ ވަރަށް ބުރަ، ދެމިގެންވާ މަސައްކަތްތަކެއް ކުރާ ސެލްތަކަކަށްވީއިރު ގިނަ ހަކަތަ ބޭނުންވާތީއެވެ. މިހަކަތަ މައިޓޮކޮންޑްރިއަރގައި އުފައްދަނީ އިންސާނާގެ ކާނާއިންނާއި ނޭވާލާއިރު އެތެރެކުރާ އޮކްސިޖަން އިންނެވެ. މިހެންކަމުން އަޅުގަނޑުމެން ދިރިއުޅޭ ވަޒަނަށް ނަޒަރު ހިންގާލާއިރު، "މައިޓޮކޮންޑްރިއަރ" އަކީ، ރަށުގެ މީހުން ދިރިއުޅުމުގެ ކަންތަކާއި ރަށުގެ ޢުމްރާނީ ތަރައްޤީ ދެމެހެއްޓެނިވި ގޮތުގައި ލެހެއްޓުމަށް ކޮންމެހެން ބޭނުންވާ ހަކަތަ އުފައްދައިދޭ "އިންޖީނުގެ" ކަމަށް ބަލާށެވެ. އިންޖީނުގެއިން ކަރަންޓް ނުލިބިއްޖެ ކޮންމެފަހަރަކީ ރަށް ހުއްޓުމަކަށް އަންނަ ފަހަރެކެވެ. މިގޮތުން މައިޓޮކޮންޑްރިއަރ ނެތިއްޖެނަމަ އިންސާނާއަކީ ޙަރަކާތެއް ނެތް މީހެކެވެ. ފުރާނަ ނެތް މަސްގަނޑެކެވެ. ދިރިހުރުމަށްޓަކައި ހަށިގަނޑުގައި ހިނގާ ހުރިހާ ޙަރަކާތްތައް ނިމުމަކަށް އައީއެވެ. އެހެންކަމުން ބައޮލޮޖީ ފޮތްތަކުގައި މައިޓޮކޮންޑްރިއަރ ސިފަކުރެވިފައިވަނީ ސެލްގެ "ޕަވަރ ޕުލާންޓް" ގެ ގޮތުގައެވެ.
މިހެން ކަމަށްވީއިރު، މިއަދުގެ ސައިންސްގެ ހޯދުމަށް ބަލާލަމާ ހިނގާށެވެ. މި ދެންނެވި މައިޓޮކޮންޑްރިއަރ ދަރިފުޅަށް ވާރުތަވަނީ ހަމައެކަނި މައިމީހާގެ ފަރާތުންނެވެ. ބައްޕަގެ ފަރާތަކުންނެއް ނޫނެވެ. މިއީ މައިމީހާއަށް ދީފައިވާ އަހަމިއްޔަތުގެ ބޮޑުކަން އަންގައިދޭ އަލިގަދަ ސައިންޓިފިކް ހެއްކެކެވެ. ފިރިހެނެއްގެ ފަނިތަކާއި އަންހެނާގެ ބިސް، ބިސް ދަތުރުކުރާ ހޮޅީގެ މެދެއްހާ ހިސާބުން ދިމާވުމާއި އެކު ، ފިރިހެންމީހާގެ އެތައް ހާސް ފަނިތައް ބިހުގެ ތެރެއަށް ވަނުމަށް މަސައްކަތްފަށައެވެ. އެހެނަސް، މިފަނިތަކުގެ ތެރެއިން ބިހުގެ ތެރެއަށް ވަދެވެނީ ހަމަ އެންމެ ފަންޏަކަށެވެ. މި ފަނީގެ ބޯ ބިހުގެ ތެރެއަށް ވަދެވުމާއިއެކު، ބިހުގެ ވަށައިގެން ސަލާމަތީ ފަށަލައެއް ލެވެއެވެ. މިފަށަލައިގެ ސަބަބުން އެހެން ފަންޏަކަށް ބިހުގެ ތެރެއަށް ވަދެވުން ބަންދުވެގެންދެއެވެ. އަދި ފަނީގެ ނިގުލާއި މެދުބައި ބޭރަށް ދޫކޮށްލައެވެ. މިގޮތަށް ބިހުގެ ތެރެއަށް ފަނި ވަނުމަށް ކިޔަނީ ގަރުބަގަތުމެވެ. މިވަގުތަކީ މައިންބަފައިންގެ ފަރާތުން ދަރިފުޅަށް ވާރުތަވާ ހުރިހާ ސިފަތަކެއް އޭނާއަށް ލިބިގެންދާވަގުތެވެ.
މިދަރިފުޅުގެ ހެލިފެލިވުމަށް ބޭނުންވާ ހަކަތަ އުފައްދައިދޭ މައިޓޮކޮންޑްރިއަރ ހަމައެކަނި މައިމީހާގެ ފަރާތުން ވާރުތަވާގޮތަށް ނަޒަރު ހިންގާލަމާ ހިނގާށެވެ. މިގޮތުން، ފިރިހެނާގެ ފަންޏާއި އަންހެނާގެ ބިސް އުފެދިފަވާގޮތަށް ބަލައިލުން މުހިއްމެވެ.
ކުރިން ދެންނެވެނު ފަދައިން ދަރިފުޅު ގަރުބަގަންނަ މަރުހަލާގައި، ބިހުގެ ތެރެއަށް ވަންނަނީ ހަމައެކަނި ފިރިހެނާގެ ފަނީގެ ބޯ އެނަންޏެވެ. އޭގެ ހަށިގަނޑު ނުވަތަ މެދުބައި، އަދި ނިގޫ ދޫކޮށްލަނީ ބޭރަށެވެ. މިބައިގެ ބޭނުން އެހިސާބުން ނިމުނީއެވެ. އެހެނީ މިދެބައިގެ ބޭނުންތެރިކަން ޙިއްސާ ކުރަނީ ބިހާހަމައަށް ވާޞިލުވުމަށެވެ. ފަނީގެ ހަށިގަނޑު ނުވަތަ މެދުބައިގެ ބޭނުމަކީ ބިހާހަމައަށް ދަތުރުކުރުމަށްބޭނުންވާ ހަކަތަ އުފެއްދުމެވެ. އެހެނީ ފަނީގައިވާ ހުރިހާ މައިޓޮކޮންޑްރިއަރ ގެ ޖަގަހައަކީ މިބައެވެ. ފަނީގެ މެދުބަޔަކީ، މައިޓޮކޮންޑްރިއަރ ޖަގަހަކަމަށްވެފައި މިބައި ބޭރަށް ދޫލޮށްލާ ކޮށްލުން މިއީ ފިރިހެންމީހާގެ ފަރާތުން މައިޓޮކޮންޑްރިއަރ ވާރުތަނުވުމުގެ ސަބަބެވެ. މިބަޔަކީ ގަރުބަގަންނަ މަރުހަލާގައި ނިގުލާއިއެކު، ބިހާ ވަކިވެގެންދާ ބައެއްކަމުން، ފިރހެންމީހާގެ ފަރާތުން ދަރިފުޅަށް މައިޓޮކޮންޑްރިއަރ ވާރުތައެއް ނުވެއެވެ. ފަނީގެ ނިގުލުގެ ބޭނުމަކީ އަންހެނާގެ ފަރުޖުން ފެށިގެން ރަހިމުގެ ތެރޭގައި ފަނި ފަތާލާފައި ބިހާއި ހަމައަށް ދިއުމަށް އެހީތެރިވެދިނުމެވެ.
އަންހެނާގެ ބިހަކީ ފަންޏާ ބަލާއިރު އެތައްގުނައެއް ބޮޑުއެއްޗެކެވެ. ބިހުގެ އެތެރޭގައި އެތައް ބައިވަރު މައިޓޮކޮންޑްރިއަރ އެއް ވެއެވެ. ބިހުގެ އެތެރެ ކަމުގައިވާ ސައިޓޮޕުލާޒަމް އަކީ ސެލްގެ އެހެނިހެން އޯގަނެލްސްތަކުގެވެސް ޖަގަހައެވެ. ފަނި ބިހުގެ ތެރެއަށް ވަނުމުން ބިސް އެތައް ސެލްތަކަކަށް ބަދަލުވާންފަށައެވެ. މިގޮތަށް ސެލްތަކަކަށް ބަދަލުވުމަށްފަހު ބިސްދަތުރުކުރާ ހޮޅިން ދަތުރު ކުރަމުންގޮސް މިބިސް ރަހިމުގެ ތެރެއަށް ވަދެއެވެ. އަދި ރަހިމުގައި އަށަގަނެއެވެ. މިހިސާބަށް އައުމުން އަންހެނާ ބަލިވެއިނީއެވެ. ރަހިމުގައި ބިސް އަށަގަތުމަށްފަހު އެބިސް ބޮޑުވާންފަށައެވެ. އަދި ބޮޑުވަމުންއަންނަ ސެލްތަކަށް ތުއްތު ކުއްޖެއްގެ ސިފަލިބެއެވެ. އެހެންކަމުން، މިހުރިހާ މައިޓޮކޮންޑްރިއަރ އެއް މައިމީހާގެ ފަރާތުން ދަރިފުޅަށް ވާރުތަވެއެވެ. މިތުއްތު ކުއްޖާ މައިމީހާގެ ރަހިމުގައި 9 މަހާއި ނުވަ ދުވަސް ހޭދަކުރުމަށްފަހު، ދުނިޔެއަށް ނޭވާލައެވެ.
ސައިންސްވެރިންނަށް މައިޓޮކޮންޑްރިއަރ ހޯދިފައިވަނީ މީލާދީން 1800 ގެ އަހަރު ތަކުގެ ތެރޭގައެވެ. އަދި މައިޓޮކޮންޑްރިއަރ ގައިވާ 37 ޖީން އާއި އޭގެ ބޭނުން ހޯދިފައިވަނީ މީލާދީން 1950 ގެ މެދު ތެރޭގައެވެ. އެހެނީ، މައިޓޮކޮންޑްރިއަރ ހޯދުނުތާ އެތައް އަހަރެއް ފަހުންނެވެ. މި ޖީން ތަކުގައިވާ ދަރިފުޅަށް ވާރުތަވާ ކަންތައްތަކެއްގެ މަޢުލޫމާތު ވާކަމާއި މިކަމުގެ ޚާއްޞިއްޔަތު މީގައި ވާކަން ސައިންސް ވެރިންނަށް އެނގިގެންދިޔައީ މިހާ ހިސާބުންނެވެ. މިއީ ހަމައެކަނި މައިންގެ ފަރާތުން ވާރުތަވާ އެއްޗަކަށްވެފައި، އަދި އިންސާނުންނަށް ހޯދިފައިނުވާ އެތައް ޢިލްމީ ޙަޤީޤަތްތަކެއް މީގައި ފޮރުވިފައި ވެދާނެއެވެ. ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ ﷲ ސުބަޙާނަހޫ ވަތަޢާލާއެވެ.
މައިޓޮކޮންޑްރިއަރ ގެ ބޭނުމަކީ އިންސާނަގެ ހެލިފެލުމާއި ހުރިހާ ޙަރަކާތަކަށް ބޭނުންވާ ހަކަތަ އުފައްދައިދިނުމެވެ. ﷲ ސުބަޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމާއިއެކު، މި އަގުބޮޑު ޖަވާހިރު ދަރިންނަށް ވާރުތަވަނީ ހަމަ އެކަނި މައިންގެ ފަރާތުންނެވެ. މައިންގެ ފަރާތުން ދަރިންނަށް އެލިއްބައިދެނީ ކޮންފަދަ އަގުނުކުރެވޭ ނިޢުމަތެއްތޯއެވެ. އިންސާނާއަށް އެއެއްޗަކާއި ލައިގެންމެނުވީ، އެންމެ އިނގިއްޔެއްވެސް ހަރަކާތްކޮށްލުމަށް ބޭނުންވާ ހަކަތަ ލިއްބައިދޭ އެއްޗެވެ. ދަރިންކުރާ ހުރިހާ ހެޔޮ ޢަމަލުތަކާއި ފާހިޝް ޢަމަލުތައް ކުރުމަށް ބޭނުންވާ ހަކަތަ އުފައްދައިދޭ "އިންޖީނުގެ" އެވެ. މިހެން ކަމުން މައިމީހާގެ ވިސްނުންވެސް މިކަމާ ދޭތެރެ ފުޅާކުރަންޖެހެއެވެ. ދަރިންގެ ޢަމަލުތަކުގައި މައިންގެ ޒިންމާ ބޮޑުކަން މިއިން ދަލީލުކޮށްދެއެވެ. ދަރިފުޅުގެ ކޮންމެ ޢަމަލަކާއިމެދު މައިމީހާއަށް ޖަވާބުދާރީ ވެވެންޖެހޭނެކަމެވެ. މަޞްޢޫލުވެރިވާން ޖެހޭނެކަމެވެ. އަންހެނާގެ މަޞްޢޫލިއްޔަތުވެސް ހާމަވެގެންދެއެވެ. އާދޭހެވެ. މައިންގެ ޒިންމާއަކީ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމެވެ. އެދަރީންގެ ޢަމަލުތައް ހެޔޮގޮތުގައި ބައްޓަންކުރުމެވެ. އިސްލާމްދީނުގެ މަގުގައި ދަރިފުޅު ޘާބިތުކުރުމެވެ.
މައިންނަށް މިހާ ބޮޑު މަތިވެރިކަމާއި އަހައްމިޔަތެއް ދެވިފައިވީނަމަވެސް ބަފައިންގެ އިޙްސާންތެރިކަން ހަނދާން ނައްތައިލައިގެން ނުވާނެއެވެ. ފިރިހެނާގެ އެތައް ލެޔަކުން އުފެދުނު މަނި ތިއްކެއްގައިވާ އެއަތް ހާސް ފަނީގެ ތެރެއިން ފަންޏަކީ ދަރިފުޅު ޤަރުބަގަތުމުގެ އެއް އަސްލެވެ. އެހެނީ ބައްޕައަކީ ދަރިފުޅު އުފަންވުމުގެ އެއް މެދުވެރިޔާއެވެ. އަނބި ދަރީންނަށް ކާން ބޯންދީ، އަމާން ގޮވައްޗެއް ހޯދައިދިނުމުގައި ވީ ޤުރުބާނީ ބޮޑުކަމެވެ. އެހެން ކަމުން އެބައްޕައަށްވެސް އިސްލާމްދީނުގައި ދީފައިވާ އަޙައްމިޔަތު ވަކި ކުޑައެއްނޫނެވެ. ހަމަ އެހާމެ މަތިވެރިއެވެ.
ޢުމަރު ޙައްމާދުގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. އެއް ފަހަރަކު އަލީގެފާނާއި ޢުމަރުގެފާނާ ދެކަލުން ޠަވާފުކުރައްވައި ނިމިވަޑައިގެން ނުކުންނެވިތަނާ، ބަދަވީންގެ މީހަކު އޭނާގެ ބުރަކަށިމަތީގައި އޭނާގެ (މުސްކުޅި) މަންމަ ބައިންދައިގެން އަންނަނިވި މާނަ އެކުލެވޭ ބައިތުތައް ކިޔަމުން ޠަވާފުކުރުމަށްޓަކައި އަންނަތަން ދެކެވަޑައިގަތެވެ.
" ތިމަންނާއީ މަންމަގެ ސަވާރީއެވެ. އަހަރެން ދުވެ ފިލައިގެން ނުދާނަމެވ.
ބައެއް ސަވާރީ ސިހުންވެ ބިރުގަނެއެވެ. އެކަމަކު އަހަރެން ނުސިހޭނަމެވެ.
މަންމަގެ ބަނޑުގައި ތިމަން އުފުއްލުމާއި ތިމަންނައަށް ކިރުދިނުން
(މަންމައަށް ތިމަންނާ މިކޮށްދޭ ޚިދުމަތަށްވުރެ) މާ ބޮޑެވެ."
މުސްލިމު ދިވެހި ދަރިންނޭވެ. މިއީ އަހަރެމެންގެ ޢަޒުމްކަމުގައިވެސް ހަދަމާ ހިނގާށެވެ. މައިން ބަފައިންނަށް އިޙްސާންތެރިވުމުގައި އަވަސްވެގަންނަމާ ހިގާށެވެ. މައިންގެ މަތިވެރިކަމާއި އެބައިމީހުނަށް ދެވިފައިވާ އަހައްމިޔަތާއިމެދު ވިސްނާ، އޯގާތެރިކަމުގެ ފިޔަ ތިރިކުރުމުގައި އަހަރެމެން ޘާބިތުވަމާ ހިނގާށެވެ