Monday, July 13, 2009

ތަދު އިޙްސާސްވުމުގައި ހަންގަނޑުގެ ދައުރު







އިންސާނާގެ ހަށިގަނޑުގެ ވަށައިގެން ދައުރުވާ ކަންކަން ދެނެގަނެ އިޙްސާސް ކުރެވޭނެ ގޮތްތައް އެެ ހަށިގަނޑު އުފެއްދެވުމުގައި ވަނީ ފުރިހަމަކުރައްވާފައެވެ. މިގޮތުން، އިންސާނާގެ ހަށިގަނޑުގައިވާ ޙިއްޞީ ފަސް ގުނަވަންކަމުގައިވާ ލޮލާއި، ކަންފަތާއި، ނޭފަތާއި، ދުލާއި، ހަންގަނޑުގެ މަސައްކަތްތައް ފާހަގަކުރެވެއެވެ. މިއިން ގުނަވަނެއް ސަލާމަތުން ނެތްކަމުގައިވާނަމަ، އެގުނަވަނަކުން އިޙްސާސްވާ އެއްވެސް ކަމެއް އިންސާނާއަކަށް ލިބިގެން ނުދާނެއެވެ. އެހެނީ، އިންސާނާގެ ދެ ލޯ ސަލާމަތުން ނެތްނަމަ ފެނުމުގެ މަތިވެރި ނިޢުމަތުން އެމީހަކު މަޙްރޫމުވާނެއެވެ. ދެ ކަންފަތް ސަލާމަތުން ނެތްނަމަ އަޑު އިވުމުން މަޙްރޫމުވާނެއެވެ. ނޭފަތަކީ ތަފާތު ވަސްތައް ދެނެގަންނަ ގުނަވަނެވެ. މިއާއިއެކު، ދުލަށް ލިބޭ ގެއްލުމެއްގެ ސަބަބުން ރަހަބެލުމުގެ ނިޢުމަތުން އިންސާނާ މަޙްރޫމުވެދާނެއެވެ. އަދި ހަންގަނޑަށް ބޮޑު ގެއްލުމެއް ލިބި، އެހަންގަނޑު ނެތިގެން ހިނގައްޖެނަމަ ތަދު އިޙްސާސް ނުވާކަން އެނގިގެންދެއެވެ.

ކަންމިހެން އޮތްއިރު، ވޭތުވެދިޔަ ދިގު މާޒީގައި އިންސާނުން ގަބޫލުކުރަމުންއައި އެއްކަމަކީ، ތަދު ދެނެގަނެ އިޙްސާސްވަނީ މުޅިހަށިގަނޑުން ކަމުގައެވެ. އަދި ހަމައެކަނި ސިކުނޑިންކަމުގައިވެސް ބައެއް މީހުން ހީކުރަމުން އައެވެ. ތަދު އިޙްސާސްވުމުގެ ޚާއްޞަ ނާރުތަކުގެ ކޮޅުތަކެއް ވާކަން އޮތީ ނޭނގުމެއްގެ ތެރޭގައެވެ. މިދެންނެވި ޚާއްޞަ ނާރުތަކުގެ ކޮޅުތަކަށް ކިޔަނީ 'ޕެއިން ރިސެޕްޓަރސް' އެވެ. މި ޕެއިން ރިސެޕްޓަރ ތަކުގެ މައިގަނޑު ޖަގަހައަކީ ހަންގަނޑެވެ. ހަންގަނޑަކީ ތަފާތު ދިރޭ ޒައްރާތަކުގެ ފަށަލަތަކުގެ މައްޗަށް އެކުލެވިފައިވާ ގުނަވަނެކެވެ. ހަށިގަނޑުގައިވާ އެންމެ ބޮޑު ގުނަވަނެވެ. މިގޮތުން، ހަންގަނޑުގައިވާ މައިގަނޑު ދެ ފަށަލައިގެ ތެރެއިން އިޙްސާސްތައް ދެނެގަންނަ ޚާއްޞަ ނާރުތަކުގެ ކޮޅުތައް ހުންނަނީ ހަންގަނޑުގެ ދަށު ފަށަލައިގައެވެ. އަދި ހަންގަނޑުގެ މަތީ ފަށަލައަކީ މަރުވެފައިވާ ސެލްތަކާއި، އަލަށް އުފެދޭ ސެލްތަކުގެ ފަށަލައެވެ. ތަފާތު އިޙްސާސްތައް ދެނެގަތުމުގެ އިތުރުން، ހަންގަނޑުގެ މައިގަނޑު މަސައްކަތްތަކަކީ ގެއްލުންތަކުންނާއި ބަލިތަކުން ހަށިގަނޑު ސަލާމަތްކޮށްދޭނެ ފަށަލައެއް ޤާއިމްކުރުމެވެ. އަދި ހަމައެއާއިއެކު، ހަށިގަނޑު ތެތްކޮށް ބަހައްޓައިދީ، ހަށިގަނޑުގެ ފިނިހޫނުމިން ހިފަހައްޓައިދިނުމުގެ އިތުރުން ހަށިގަނޑުން ބޭރުވާންޖެހޭ ބައެއް މާއްދާތައް ބޭރުކުރުމެވެ.

ހަންގަނޑުގައިވާ ރިސެޕްޓަރ ތަކުގެ އަސްލު މަސައްކަތަކީ އިޙްސާސްތައް ދެނެގަތުމެވެ. މިގޮތުން، ތަފާތު ރިސެޕްޓަރ ތައް ޚާއްޞަވެފައިވަނީ ތަފާތު އިޙްސާސްތަކަށެވެ. އެހެނީ، ހޫނުކަން، ފިނިކަން، ޕްރެޝަރ، އަދި ތަދު އިޙްސާސްވުމަށް ހުންނަނީ އެކަމަށް ޚާއްޞަ ރިސެޕްޓަރތަކެވެ. ބޭސްވެރިކަމާއިބެހޭ ސައިންސްވެރިން އިޙްސާސްތައް ތިން ބަޔަކަށް ބަހާލާފައިވާއިރު، އެންމެ ބޮޑު ބަޔަކީ ހަންގަނޑުންވާ އިޙްސާސެވެ. އެއީ، ތަދާއި ހޫނުގެ އިޙްސާސެވެ. މަސްގަނޑުންނާއި ހުޅުތަކުންވާ ފުން އިޙްސާސްތަކެއް ވީނަމަވެސް، ހަންގަނޑުގެ ހުރިހާ ފަށަލަތައް ހަލާކުވެ އަނދައިގެން ގޮސްފިނަމަ ތަދު އިޙްސާސް ނުވާނެކަން އަދުގެ ހޯދުންތަކުންވަނީ އެނގި ފާޅުވެފައެވެ. މީގެ އިތުރުން، ތަދާއި ހޫނު ދެނެގަންނަ ރިސެޕްޓަރތައް ހުންނަނީ ކައިރި ކައިރީގައިކަމާއި، ހަންގަނޑުގައިވާ ތަދު އިޙްސާސްކުރުވާ ރިސެޕްޓަރތަކުގެ އަދަދު ގިނަކަން ހަށިގަނޑުގެ ބައިތަކާއިބެހޭ ޢިލްމުން ކަށަވަރުކޮށްދެއެވެ.

ފިހިގެން ލިބޭ ޒަހަމް ތަކުގައި، ބަލިމީހާ ބެލުމުގެ ތެރޭގައި ފިހިފައިވާ މިންވަރު ކަށަވަރު ކުރުމުގައި ޑޮކްޓަރުން 'ޕިންޕްރިކް' ބޭނުން ކުރެއެވެ. މިގޮތުން، ފިހިފައިވާ ހިސާބަށް 'ޕިންޕްރިކް' ހަރާލުމުން، ޒަހަމްވެފައިވާ ބަލިމީހާއަށް ތަދު އިޙްސާސް ކުރެވޭނަމަ ޑޮކްޓަރު ހިތްހަމަޖެހި އުފާވާނެއެވެ. އެހެނީ، އެއިން އަންގައިދެނީ ފިހިފައިވާ ޒަހަމްތަކަކީ ތިލަ ޒަހަމްތަކެއް ކަމެވެ. އަދި ތަދު އިޙްސާސްކުރާ ރިސެޕްޓަރތައް ނެތިގެންނުގޮސް އެބަހުރިކަމެވެ. އަނެއްކޮޅުން، ޒަހަމްވެފައިވާ މީހާއަށް ތަދު އިޙްސާސްނުވާނަމަ އޭގެއިން އަންގައިދެެނީ އެއީ ފުން ޒަހަމެއްކަމެވެ. އަދި ތަދު އިޙްސާސްކުރާ ރިސެޕްޓަރތައް ހަލާކުވެގެން ގޮސްފައިވާ ކަމެވެ.

އިންސާނާއަށް އިޙްސާސްތައް ދެނެގަތުމުގެ ކުޅަދާނަކަން ދެއްވި ﷲ ތަޢާލާ، ކީރިތި ޤުރްއާނުގެ ނިސާ ސޫރަތުގެ 56 ވަނަ އާޔަތުގައި ވަހީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ، "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފިރުވި މީހުން ނިކަންހުރެ ތިމަންރަސްކަލާނގެ އެއުރެން ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއުރެންގެ ހަންތައް ރޯފިލައްޖެ ކޮންމެހިނދަކު، އެއުރެންގެ ހަންތައް އެނޫން ހަންތަކަކަށް ބަދަލުކުރައްވަމެވެ. އެއީ، އެއުރެން ޢަޛާބުގެ ރަހަ ލިބިގަތުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲ އީ، ޢަޒީޒުވަންތަ ޙަކީމުވަންތަ ރަސްކަލާންގެ ކަމުގައިވެއެވެ".

މިއާޔަތުގައި، ނަރަކަވެރިންގެ ހަންތައް ރޯފިލައްޖެ ކޮންމެހިނދަކު، އެބައިމީހުންގެ ހަންތައް އެނޫން ހަންތަކަކަށް ބަދަލުކުރައްވަމޭ އޮތް ބަސްފުޅުން އެނގިގެންދަނީ، ހަންގަނޑުގައިވާ ޕެއިން ރިސެޕްޓަރތަކުގެ މަސައްކަތާއިބެހޭގޮތުން އަދުގެ ސައިންސް ހޯދާފައިވާ ހޯދުންތަކާއި ޤުރްއާނުގައިވާ ﷲ ތަޢާލާގެ ބަސްފުޅާއި ތަފާތެއް ނެތްކަމެވެ. މިގޮތުން، ހަންގަނޑު އެކީގައި ފިހިގެން ހިނގައްޖެނަމަ އެމީހަކަށް އެއްވެސް ތަދެއް ވޭނެއް އިޙްސާސް ނުވާނެކަން އަދުގެ ސައިންސް ހެކިވާއިރު، ނަރަކައިގެ އަހުލުވެރިންނަށް ދެވޭ ޢަޛާބުގެ ރަހަ ދާއިމަށް ދެމިގެން ދިއުމަށްޓަކައި އެބައިމީހުންގެ ހަންތައް އެނޫން ހަންތަކަކަށް ބަދަލުކުރައްވާނެކަން ކީރިތި ޤުރްއާނުގައިވުމީ، ތަދު އިޙްސާސްކުރާ ޕެއިން ރިސެޕްޓަރތައް ހަންގަނޑުގައިވާކަން މީގެ 1400 އެތައް އަހަރުކުރިން ބަޔާންވެފައިވުމެވެ. މިއީ ކޮންފަދަ ބޮޑު މުޢުޖިޒާތެއްތޯއެވެ؟

އެންމެހާ ދިރޭތަކެއްޗާއި ކާއިނާތުގައިވާ ކަންކަމާއި ގުޅޭ ޢިލްމު އުގެނި، އިޚްލާޞްތެރިކަމާއިއެކު ﷲ ތަޢާލާގެ ފޮޮތުގައިވާ މަތިވެރި ބަސްފުޅުތައް ދިރާސާކުރަން ފަށާ ކޮންމެ މީހަކަށްމެ މިމުޢުޖިޒާތްތަކުގެ އަސަރުކުރާނެކަން ޔަޤީނެވެ. މިގޮތުން، ބަޔާންކުރެވިދިޔަ 'ޕެއިން ރިސެޕްޓަރސް' ތަކާއިބެހޭގޮތުން ދިރާސާކުރަމުން ދިޔަ، ތައިލެންޑްގެ ޗިއާންގް މާއީ ޔުނިވަރސިޓީގެ ޑިޕާޓްމަންޓް އޮފް އެނަޓޮމީގެ ޗެއާމަން އަދި ކުރިން އެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް މެޑިސިންގެ ޑީން، ޕްރޮފެސަރ ޓަގާޓަޓް ޓެޖާސަން ވަނީ އިސްލާމްވެފައެވެ. ހަންގަނޑާއި 'ޕެއިން ރިސެޕްޓަރސް' އާބެހޭ ދިރާސާކުރުމުގައި ޕްރޮފެސަރ ޓެޖާސަން ގިނަ ވަގުތުތަކެއް ހޭދަކުރިއެވެ. މީގެ 1400 އަހަރު ކުރިން ކީރިތި ޤުރްއާނުގައި ސައިންސްގެ މި ޙަޤީގަތާއި ބެހޭގޮތުން ބަޔާންވެފައި އޮންނާނެކަމުގައި ޕްރޮފެސަރ ޓެޖާސަނަށް ފުރަތަމަ ޤަބޫލެއް ނުކުރެވުނެވެ. ނަމަވެސް، ފަހުން ކީރިތި ޤުރްއާނުގެ ތަރުޖަމާގެ އެހީގައި ޤުރްއާނުގެ މިއާޔަތް އޭނާ ކަށަވަރުކުރިއެވެ. މިއާއިއެކު، ޤުރްއާނުގެ އެ އާޔަތުގައިވާ ސައިންސްގެ ތެދު ޙަޤީގަތް ފެނުމުން ޕްރޮފެސަރ ޓެޖާސަން އަޖާއިބުވެ އަންތަރީސްވިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ، ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި އޮތް 8 ވަނަ ސަޢޫދީ މެޑިކަލް ކޮންފަރެންސްގައި ޕްރޮފެސަރ ޓެޖާސަން ޝަހާދަތުގެ ދެކަލިމަ ކިޔުމެވެ.

ހަތަރު ދުވަހުގެ މި ކޮންފަރެންސް ނިމުމުގެ ދަންފަޅީގައި ޕްރޮފެސަރ ޓެޖާސަން ކޮޅަށް ތެދުވެ އިސްލާމްކަން އިޢްލާންކުރަމުން ވިދާޅުވެފައިވާ ގޮތުގައި، އޭގެ ތިން އަހަރު ކުރިން ޝެއިޚް ޢަބްދުލްމަޖީދު އައްޒިންދާނީ އޭނާއަށް ކީރިތި ޤުރްއާނުގެ އިގިރޭސި ތަރުޖަމާއެއް ދެއްވިއެވެ. އަދި އެ ޤުރްއާނާމެދު އޭނާ ޝައުޤުވެރިކަން އުފެދުނެވެ. އަދި އޭގެ އިތުރުން، ކޮންފަރެންސްގެެ ކުރީ އަހަރު، މަޝްހޫރު ސައިންސްވެރިޔާ ޕްރޮފެސަރ ކެއިތް މޫރްގެ އެންމެ ފަހުގެ ލިޔުންތައް ޝެއިޚް ޒިންދާނީ އޭނާއާއި ހަވާލުކުރުމަށްފަހު، އެއެއްޗެހި ތައިލެންޑްގެ ބަހަށް ތަރުޖަމާކޮށް، ތައިލެންޑްގައި އުޅޭ މުސްލިމުންނަށް ބައެއް ލެކްޗަރ ނަގައިދިނުމަށް އޭނާގެ ކިބައިން އެދުނެވެ. އަދި އެ އެދުން އޭނާ ފުއްދައިދިންކަމުގައި ވިދާޅުވިއެވެ.

ކީރިތި ޤުރްއާނަކީ ރަސޫލު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަށް ބާވާލެއްވުނު ވަހީއެއް ކަމަށާއި އެކަލޭގެފާނުގެ ރަސޫލުކަން ތެދުކޮށް، ﷲ ތަޢާލާއީ އެންމެހާ މަޚުލޫޤުން އުފައްދަވާ ފަރާތްކަމުގައި ހެކިވެ، ޝަހާދަތުގެ ދެކަލިމަ ކިޔުމަށްފަހު ޕްރޮފެސަރ ޓެޖާސަން އެންމެ ފަހުން ވިދާޅުވެފައިވަނީ، "މި ކޮންފަރެންސްގައި އަހަރެންނަށް ދަސްވީ ހަމައެކަނި ސައިންސްގެ ޢިލްމެއް ނޫނެވެ. ގިނަ ޢަދަދެއްގެ އައު ސައިންސްވެރިންނާއި ބައްދަލުވެ އަދި ކޮންފަރެންސްގެ މި ބައިވެރިންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކާއި ރަޙްމަތްތެރިކަންވެސް އުފެދުނެވެ. ނަމަވެސް، މި ކޮންފަރެންސަށް އައުމުން އަހަރެންނަށް ލިބުނު އެންމެ އަގުބޮޑު އެއްޗަކީ 'ލާއިލާހަ އިއްލަﷲ ، މުޙައްމަދަށް ރަސޫލުﷲ' އެވެ. އަދި މުސްލިމަކަށް ވެވުމެވެ".

No comments:

Post a Comment