Wednesday, July 1, 2009

މޮސްކޯގައި ހުޅުވުނު އިސްލާމީ ހަސްފަތާލު އިސްލާމީ މުޖުތަމަޢުތަކަށް ނަމޫނާ ދައްކަމުން ކުރިއަށް


މީލާދީން 21 ވަނަ ޤަރުނުގެ އަހަރުތައް ގުނަމުން ދާއިރު، ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމީ ނޫރު ފެތުރެމުންދަނީ ހަލުވިކަމާއި އެކުއެވެ. ބާރު ދުވެލީގައެވެ. ޚާއްޞަ ގޮތެއްގައި ހުޅަނގުގެ ޤައުމުތަކާއި، މުސްލިމު ޤައުމުތަކުގެ ލިސްޓްގައި ނުހިމެނޭ އެތައް ޤައުމެއްގެ މުޖުތަމަޢުތަކުގައި އިސްލާމްދީނުގެ މަތިވެރި ކަލިމަ ގުގުމަގުންދަނީ އަޖާއިބުކުރަނިވި މިންވަރަކަށެވެ. ފުރިހަމަ ޝަރީޢަތެއްގެ މަތީގައި އޮތް ހަމައެކަނި ދީނުގެ އަޑު ގަދަވާނެކަން ޔަޤީނެވެ. އިސްލާމީ ހިދާޔަތާއި އީމާނުގެ ނޫރުން ހިތް ތޮރުފާލާ، ޤަރާރުވެއްޖެ ކޮންމެ މީހަކާއި އެކު އާއިލާއެއްވާނެއެވެ. ނަތީޖާ އަކީ ގިނަ އާއިލާތައް އެކުލެވުމުން އުފެދޭ މުޖުތަމަޢެވެ. މި މުޖުތަމަޢުތަކުގެ ކަންކަން ހުންނަންޖެހޭނީ ކޮންކަހަލަ ހަމަތަކަކާއި މިންގަނޑުތަކެއްގެ ތެރޭގައިތޯއެވެ؟ މިއީ އުފެދޭނެ ސުވާލެކެވެ

އިސްލާމީ މުޖުތަމަޢެއްގެ ވާހަކަ އިވުމުން، ސިފަކުރެވިގެންދާނީ މުސްލިމުންތަކެއް ދިރިއުޅޭ އާބާދީ އެކެވެ. ޤައުމުގެ އާބާދީގެ ނިސްބަތުން ބައިމަދު ނުވަތަ ބައިގިނަ އާބާދީއެއް އެކުލެވޭ މުޖުތަމަޢަކަށްވެސް ވެދާނެއެވެ. އެހެންނަމަވެސް، މިފަދަ ކޮންމެ މުޖުތަމަޢެއްގެ ހަރަކާތްތައް ބިނާވެގެން ވާންޖެހޭނީ އިސްލާމީ ޝަރީޢަތުގެ ހަމަތަކާއި އުސޫލުތަކުގެ މަތީގައިކަން ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރަންޖެހެއެވެ

ތިބާ އަކީ މުސްލިމަކަށްވީއިރު ފިކުރުކޮށްލަ ބަލާށެވެ! ފަންސާސް ޑަކްޓަރުންނާއި ނަރުހުންނާއި އެކު 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރަޝިޔާގެ ވެރިރަށް، މޮސްކޯގައި ހުޅުވިގެންދިޔަ އިސްލާމީ ކުލިނިކުގެ ޚަބަރަކީ ދުނިޔޭގެ ތަފާތު މީޑިޔާތަކުގެ ސަމާލުކަން ހޯދި ޚަބަރެކެވެ. އެތަނުގެ ޙަޤިޤަތަށް ބަލާއިރު އެއީ އަޅުގަނޑުމެން ދިވެހިން ދަންނަ ކަހަލަ "ކުލިނިކެއް" ނޫނެވެ. ތެދެކެވެ. "އިސްލާމީ ހަސްފަތާލެކެވެ". އަނެއް ޙަޤީޤަތަކީ ރަޝިޔާގައި ދިރިއުޅޭ މުސްލިމުންގެ އާބާދީއަކީ އެންމެ 10 ޕަސެންޓުކަމެވެ. ނިސްބަތުން ބައިމަދު އާބާދީއެކެވެ. ނިސްބަތުން މުސްލިމުންގެ ޢަދަދު ކިތަންމެ މަދުނަމަވެސް، ފުރަތަމަ ފަހަރަށް މޮސްކޯގައި ޤާއިމުކުރި "އިސްލާމީ ހަސްފަތާލު" ވެގެންދިޔައީ އެމުޖުތަމަޢުގެ ހުރިހާ މުސްލިމުން ލިބިގެން ދިޔަ ބޮޑު ހިތްހަމަޖެހުމަކަށެވެ. ދުނިޔޭގެ ކަންކޮޅުތަކުގައިވާ އިސްލާމީ މުޖުތަމައުތަކަށް ނަމޫނާ ފެށުމަކަށެވެ. އިސްލާމީ ޤައުމުތަކަށް، އަދި ސައްތަ އިން ސައްތަ އިސްލާމީ ޤައުމުތައްކަމަށް ދަޢުވާކުރާ މުޖުތަމަޢުތަކަށް ގޮންޖަހާލެވޭފަދަ ޢަމަލަކަށެވެ. ޞިއްޙީ ޚިދުމަތްދޭ މިފަދަ މަރުކަޒެއް މޮސްކޯގައި ޤާއިމުކުރުމުގެ އަސްލު ހުށަހެޅުން ހުށަހެޅިގެން އައީ ރަޝިޔާގައި އިސްލާމީ ކަންކަމާގުޅޭ އެންމެ މަތީ ކައުންސިލް ކަމުގައިވާ، "ކައުންސިލް އޮފް މުފްތީސް އޮފް ރަޝިޔާ" އާއި "މިނިސްޓްރީ އޮފް ހެލްތު އެންޑު ސޯޝަލް ޑިވެލޮޕްމެންޓް" ގުޅިގެންނެވެ. މި ހަސްފަތާލަ ވެފައިވަނީ ރަޝިޔާގެ މުސްލިމުންނާއި ރަޝިޔާގައި މަސައްކަތްކުރަމުންދާ އިސްލާމީ ޤައުމު ތަކުގެ ސަފީރުން އެފަދަ ތަނަކަށް ފެންބޮވައިގަނެފައިވާ ތަނަކަށެވެ. އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގެ ރަމްޒަކަށެވެ


މޮސްކޯގައި ހުޅުވުނު އިސްލާމީ މި ހަސްފަތާލު ޚާއްޞަވަނީ ކޮންގޮތަކުން ހެއްޔެވެ؟ އިސްލާމީ ޤައުމުތަކުގައިވާ އެހެނިހެން ހަސްފަތާލުތަކާއި ހުރި ތަފާތަކީ ކޮބާ ހެއްޔެވެ؟ "އިސްލާމީ ހަސްފަތާލޭ" ކިޔެނީ ކީއްވެގެން ހެއްޔެވެ؟ މިހުރީ ހައްތަހާވެސް ސުވާލެވެ. ސުވާލުތައް ކިތަންމެ ގިނަ ނަމަވެސް ކުރު ޖަވާބަކުން ހުރިހާ ސުވާލަކަށް ނަޒަރުހިންގާލެވިދާނެއެވެ. މި ހަސްފަތާލު ހިންގަނީ އިސްލާމީ ޝަރީޢަތުގެ ތެރޭގައެވެ. ތެދެކެވެ. ކުރުޖަވާބެކެވެ. ޚާއްޞަގޮތެއްގައި ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުގެ އަލީގައެވެ. މިއީ ތަފާތެއް ނޫންތޯއެވެ؟ މި ހަސްފަތާލުގެ ޚާއްޞަ ސިފަތަކަށް ބަލައިލަމާ ހިނގާށެވެ. ފިރިހެން ބަލިމީހުނަށް ޚިދުމަތް ދިނުމުގައި ތިބެނީ ފިރިހެން ޑަކުޓަރުންނެވެ. އަންހެނުންގެ ޚިދުމަތުގައި އަންހެން ޑަކުޓަރުންނެވެ. ނަރުހުންވެސް މިގޮތަށެެވެ. ފިރިހެނުންނާއި އަންހެނުންނަށް ފަރުވާކުރެވެނީ މުޅިން ތަފާތު ސެކްޝަންތަކުގައެވެ. އަންހެނުންނަށް ޚާއްޞަ ޑަކުޓަރުންނެވެ. އަންހެން ޑަކުޓަރުންނާއި އަންހެން ނަރުހުން، އަންހެނުން ބަލަމުން ގެންދަނީ ފިރިމީހާ ނުވަތަ އެހެން އަންހެނެއްގެ ޙާޟިރުގައެވެ. ޑަކުޓަރުން ބޭސް ފަރުވާކުރަމުން ގެންދަނީ އަލްކަހޯލު ނުހިމެނޭ ބޭސްތަކުގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެކީގައެވެ

ޑަކުޓަރުންނާއި ނަރުހުންގެ ޚާއްޞަ ހެދުންތަކަކީ ގަޔަށް ބާރު ނޫން ހުދުކުލައިގެ ހެދުންތަކެވެ. ގަޔަށްދޫ ޓިއުނިކްސް އާއި ދޫ ފަޓުލޫނެވެ. އަންހެން ޑަކުޓަރުންނާއި ނަރުހުންގެ ހެދުންތަކަކީ މުސްލިމު އަންހެނާގެ އަޢުރަ ނިވާކުރޭވޭ ފަދަ ހެދުންތަކަކަށް ވާންޖެހެއެވެ. މި ހަސްފަތާލުގެ އަންހެން ޑަކުޓަރުންނާއި ނަރުހުންގެ އަޢުރަ ނިވާކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެކެވެ. އެހެންކަމުން، އެބައިމީހުންގެ ޑަކުޓަރީ ޔުނީފޯމުތައް ފަރުމާކުރެވިފައިވަނީ ބުރުގާ އެކުލެވޭ ގޮތަށް، އިސްލާމީ ގިޔުގަނޑުގެ ތެރޭގައެވެ. މީގެ އިތުރަށް ބަލައިލަމާ ހިނގާށެވެ. މި ހަސްފަތާލުގައި އަންހެނުންނާއި ފިރިހެނުން ވަކިން، ވުޟޫއާއި ނަމާދުކުރެވޭނެ އިންތިޒާމު އެކުލެވިފައިވާ ޚާއްޞަ ބައެއް ހުރެއެވެ. އިސްލާމްދީނުގައި ހަލާލު ކާބޯތަކެތި ލިބެން ހުންނަ ޖަގަހައެއް ހުރެއެވެ. އަލްކަހޯލާއި ޙަރާމް އެއްވެސް އެއްޗެއް ނުހިމެނޭ ކާބޯތަކެއްޗެވެ. މިތަނުން ލިބޭ ކާނާ ތައްޔާރުކުރެވިފައިވަނީ ސަރުބީޖެހުމަށްވެސް މަގުފަހިނުވާ ފަދަ ގޮތަކަށެވެ. މުސްލިމަކު ކަމުގައިވިޔަސް ނުވަތަ މުސްލިމުނޫން ބަލިމީހަކު ކަމުގައިވިޔަސް އަޢުރަ ނިވާކޮށްގެން މެނުވީ ހަސްފަތާލުގައި ނޫޅެވޭނެ ފަދަ ހަރުދަނާ އިންތިޒާމްތައްވަނީ ހަމަޖެހިފައެވެ

10 މިލިއަން އެމެރިކާ ޑޮލަރުގެ މި އިންވެސްޓްމެންޓަކީ ނިސްބަތުން މުސްލިމުން މަދު ޖަމާޢަތެއްގައި ހިމެނޭ އަފުރާދުންތަކެއްގެ އިސްނެގުމާއި މިންނަތް މަސައްކަތެކެވެ. އެހެންނަމަވެސް، 21 ވަނަ ޤަރުނުގެ ދުވަސްތައް ގުނަމުން އަންނައިރު ސައްތަ އިން ސައްތަ މުސްލިމުންކަމުގައި ދަޢުވާ ކުރާ އަޅުގަނޑުމެން މިތިބީ ކިހާހިސާބެއްގަތޯއެވެ. ކޮން ޙާލަތެއްގަތޯއެވެ. "އިސްލާމިކް އިކޮނޮމިކްސް" އަޅުގަނޑުމެންގެ ތެރެއަކު ނެތެވެ. "އިސްލާމިކް ބޭންކު"ގެ ވާހަކަ އަޅުގަނޑުމެން އެހީ، ހުޅަނގުގެ ޤައުމުތަކުގައި އިސްލާމިކް ބޭންކިން ފެށި، އޭގެ ނަފާ އެބައިމީހުން ހޯދަންފެށިތާ އަހަރުތަކެއް ފަހުގައެވެ. "އިސްލާމިކް" މި ލަފުޒު ކުރިއަށް އަތުވެއްޖެ ކޮންމެ ހިނދެއްގައި އަޅުގަނޑުމެން ފަހަތަށްޖެހެނީ ކީއްވެ ހެއްޔެވެ؟


މުސްލިމު އަޚާއެވެ. އުޚްތާއެވެ. ފިކުރުކޮށްބަލާށެވެ. ތިބާއާ އެއް ޖިންސެއްގެ ޑަކުޓަރަކު ހުއްޓާ، އަނެއް ޖިންސްގެ ޑަކުޓަރެއްގެ ގާތަށްގޮސް ފަރުވާކުރަންދާން ބޭނުންވޭ ހެއްޔެވެ؟ އަނެއް ޖިންސްގެ ނަރުހުންގެ ހޭހާންކުރުންތަކަށް ތިބާގެ ޟަމީރު އެދޭހެއްޔެވެ؟ "އާނއެކޭ" ނަމަ ތިޔައީ މުސްލިމުންގެ ގޮތެއްނޫނެވެ. ތިބާގެ އަމިއްލަ ނަފުސަށް ނޭދޭ ކަންކަން އަނެކާއަށްވެސް ނޭދޭށެވެ. މުޖުތަމަޢުގައި ހިނގާ ފާހިޝު ޢަމަލުތަކަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމުގައި ތިބާ އާއި ތިބާގެ އާއިލާގެ އެއްބާރުލުން ކުރިއަށް ނެރޭށެވެ. އިސްލާމީ އުޞޫލުތަކަށް ރުޖޫޢަވަމާ ހިނގާށެވެ. މިފަދަ ހަސްފަތާލުތަކުގެ މުހިއްމުކަމުގެ ބޮޑުކަމާއިމެދު ތިބާ އަމިއްލައަށް ވިސްނާ ފިކުރުކޮށްލުމަށް ވަގުތުކޮޅެއް ހޭދަކޮށްލަމާ ހިނގާށެވެ

1 comment:

  1. މީ ދެން ކޮން ކަމެއްތޯއެވެ؟ އަބަދުވެސް ބޭންކެއް ހަދަން، ނޫނީ ޔަތީމު ޚާނާ ހަދަން... ދެން ކީއްވެތޯ ދީނީ ކަންކަމުގައި ދީނީ ބޭފުޅުން ނުތިއްބަވަނީ؟ އެހެން ދާއިރާތަކަކީވެސް ޢިލްމާއި ހުނަރުތަކެއް ދަސްކޮށްގެން ކުރެވޭ މަސައްކަތްތަެއް ކުރެޥޭ ދައިރާތަކެއް... އެބޭފުޅޫްނނަށްވެސް އިޙްތިރާމް ކުރައްވާ ދީނީ ބޭފުޅޫންވެސް ދީނީ ކަންކަމުގައި އުޅޫއްވުން ރަނގަޅޫވާނެކަމަށް ފެނޭ.

    ReplyDelete