Wednesday, October 14, 2009

އިޒްރޭލު އެކަހެރި ކުރޭ


ސައްތައިން ސައްތަ މުސްލިމު ގައުމެއްކަމަށް ދަޢުވާ ކުރާ، މި ދިވެހިރާއްޖޭގެ އަދުގެ ސަރުކާރުން އިޒްރޭލާއި އެކު ގުޅުން ބަދަހި ކުރިކުރުން ވަރަށް ހަރުކަށި އިބާރާތުން އަޅުގަނޑު ކުށްވެރި ކުރަމަވެ. އެހެނީ ބައިނަލްއަގުވާމީ އެއްވެސް މުޢާހަދާ އަކަށް ތަބަޢު ނުވާ، އިންސާނީ ހައްގުތަކަށް ހިތުހުރި ގޮތަކަށް އަރާ ބޮޑަތި ޖަރީމާތައް ހިންގަމުންދާ ގާތިލު ދައުލަތަކާއި އެއްވެސް ކަހަލަ ގުޅުމެއް ގާއިމު ކުރުމަކީ އިންސާނާގެ ހެޔޮ ބުއްދިވެސް އިންކާރު ކުރާ ކަމަކެވެ. މީގެ އިތުރުން، މުސްލިމުންގެ ބިންތައް ފޭރި، ކޮންމެ ދުވަހެއްގެ މައްޗަށް މުސްލިމު ކުޑަ ކުދިންނާއި މުސްލިމު އަންހެނުންނާއި މުސްކުޅިން އަދި މުސްލިމު އަޚުން ކަތިލަމުންދާ އިޒްރޭލުގެ ޔަހޫދީ ބައިގަނޑާއި މުސްލިމު ދިވެހި ދައުލަތުން ސިޔާސީ ގުޅުން ގާއިމު ކުރުމަކީ އިސްލާމް ދީނަށް އަދި އެންމެހާ މުސްލިމުންނަށް ގޮންޖެހުމެވެ. މިއީ ފިނޑި އަދި ދަށު ދަރަޖައިގެ ޢަމަލެކެވެ. އެމެރިކާގެ ފަސްގަނޑުގައި ތިބެ، އަދުގެ ސަރުކާރުގެ އެންމެ އިސްވެރިން ތަފާތު ތިން އެއްބަސްވުންތަކެއްގައި އިޒްރޭލާއި އެކު ސޮއި ކުރިއިރު އެ އެއްބަސްވުންތަކުގައި ހުރީ ކޮންއެއްޗެއް ކަމެއް ދިވެހިންނަކަށް ނުއެނގެއެވެ. މިއީ ބިރުވެރި ކަމެކެވެ.


ސިޔާސީ ގޮތުން އަންނަ ޕުރެޝަރުތަކެއް ހުރެދާނެއެވެ. އެހެންނަމަވެސް، އެފަދަ ޕުރެޝަރުތަކާއި ކުރިމަތިލާން ނުކުޅެދޭ ބަޔަކު ސައްތައިން ސައްތަ މުސްލިމުންތަކެއްގެ ވެރިކަމަށް އައިސް މުސްލިމުންގެ އަދުއްވުންނަކީ އެމީހުންގެ އެކުވެރި ވާގިވެރިންނަށް ހެދުމަކީ ކަނޑައެޅިގެން ކުރަން ހެޔޮވާވަރު ކަމެއް ނޫނެވެ. "ޑިމޮކްރަސ"ީ އޭ އަޑުގެ ކޮޅަށް ގޮވާ ބަޔަކު، ޑިމޮކްރަސީ ނައްތާލައި އެއާ ޚިލާފަށް ޢަމަލު ކުރާބަޔަކާއި ސިޔާސީ ގުޅުން ގާއިމުކުރުމަކީ ޢަމަލާއި ބަސް ދިމާ ނުވާކަމުގެ ހެއްކެކެވެ. ޑިމޮކްރަސީގައި ކޮޅުފައިން ޖެހުމެވެ. ދީނީ ނަޒަރަކުން ބެލިޔަސް އިޒްރޭލާއި އެއްވެސް ގުޅުމެއް ގާއިމެއް ނުކުރެވޭނެއެވެ. މިދަންނަވަނީ ހުރިހާ ޔަހޫދީންގެ ވާހަކައެއް ނޫނެވެ. މުސްލިމު އުއްމަތުގެ ހިތް ކަމުގައިވާ ފަލަސްތީމުގެ މުސްލިމު ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ކަމަކީ އިޒްރޭލް އޭ ކިޔާ ދައުލަތާއި ގުޅުން ބަދަހި ކުރުމެއް ނޫނެވެ. އިޒްރޭލު އެކަހެރި ކުރުމެވެ. އެމީހުންގެ އުފެއްދުންތައް ބޮއިކަޓް ކުރުމެވެ.


އެހެންކަމުން، ދިވެހިރާއްޖޭގެ އަދުގެ ސަރުކާރަށް ވަރަށް އިޚުލާޞްތެރިކަމާއި އެކު މި ގޮވާލަނީ އިޒްރޭލާއި އެކު ގާއިމު ކޮށްފައިވާ އެންމެހާ ގުޅުންތައް މިހާރުން މިހާރަށް ކަނޑާލުމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މި ގޮވާލަނީ، ދިވެހި ދައުލަތުން އިޒްރޭލާއި އެކު އެއްވެސް ގުޅުމެއް ބޭއްވުން މަނާކުރާ ބިލެއް މަޖިލީހުގެ ތަޅުމަށް ގެނެސް އެ ބިލު ފާސްކޮށްދިނުމަށެވެ. ދިވެހި އެންމެހާ ރައްޔިތުންނަށް މި ގޮވާލަނީ އަދުގެ ސަރުކާރުގެ މި އަމަލު ކުށްވެރިކޮށް، އިޒްރޭލުގެ އުފެއްދުންތައް ބޮައިކަޓްކޮށް، މިފަދަ އަމަލުތައް ހިންގާ އަދި ވާގިވެރިވާ ބަޔަކާއިމެދު ސަމާލުވެ ތިބުމަށެވެ.

Sunday, September 27, 2009

ހަމަލޮލަށް ނުފެންނަ ދިރުން


ފަރުދާގެ ފުރަގަހުގައިވާ ތަކެއްޗާއި، ވަކި ހިސާބަކަށްވުރެ ދުރުގައިވާ ތަކެއްޗަކީ އިންސާނާގެ ހަމަ ލޮލަށް ފެންނަ ފެނުމުގެ ބާރުގެ ތެރެއިން ބޭރުގައިވާ ތަކެއްޗެވެ. ދަގައްފާނުގެ ބާރާއި ކަރަންޓާއި ވަޔާއި އަދި ކާއިނާތުގައިވާ ތަފާތު އެތަކެއް ތަކެއްޗަކީވެސް އިންސާނާގެ ހަމަ ލޮލަށް ފެންނަ ތަކެއްޗެއް ނޫނެވެ. ނަމަވެސް މިއީ ވުޖޫދުގައި ނުވާ ތަކެތި ކަމުގައި މިއަދު އެއްވެސް މީހަކު ގަބޫލެއް ނުކުރެއެވެ. މީގެ އިތުރުން، ކާއިނާތުގައި ﷲ ތަޢާލާ ލައްވާފައިވާ ދިރުންތަކަށް ނަޒަރު ހިންގާލާއިރު، އިންސާނާގެ ހަމަލޮލަށް ނުފެންނަ ކޮންމެ ދިރުމަކީ ނުވާ އެއްޗެއްކަމުގަ ބުނެވޭކަށް ނެތެވެ. ބިމުގައި ލައްވާފައިވާ އެންމެހާ ދިރުންތައް ލައްވާފައިވަނީ ކުދި ބޮޑުމިން ތަފާތުވަނިވި ގޮތުގައެވެ. އެއްގަމުގައިވާ ބޮޑަތި އެތްތަކާއި ގެރި އާއި ބަކަރި އާއި މުސަޅާއި މީދަލާއި ހޯނާއި މިހެންގޮސް ތަފާތު ސައިޒުގެ ދިރޭ ތަކެތި ވެއެވެ. ކަނޑުތަކާއި ކޯރުތަކަށް ބަލައިލިޔަސް މިފަދައިންނެވެ. ބޮޑަތި މަސްތަކާއި ކުދި މަސްތަކެވެ. މިގޮތުން، އެއްގަމާއި ކަނޑުގައިވާ ލޮލަށް ފެންނަ މަޚްލޫޤުތަކުގެ އިތުރުން ލޮލަށް ނުފެންނަ ދިރުންތައް ނުވަތަ މައިކްރޮއޯގަނިޒަމްސް ލައްވާފައިވެއެވެ. މިތަކެތީގެ ސަބަބުން ބިމުގައިވާ އެހެނިހެން ދިރުންތަކަށް އެހީތެރިވެދޭ ތަކެތީގެ ގޮތުގައެވެ.

ނެތުމުގެ ތެރެއިން އެންމެހާ ތަކެތި އުފެއްދެވި ކުޅަދުންވަންތަ ﷲ ތަޢާލާ، ކީރިތި ޤުރްއާނުގައި ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ "އަދި އަހާއި، بغل އާއި، ޙިމާރުވެސް ހެއްދެވިއެވެ. އެއީ ތިޔަބައިމީހުން އެ ތަކެއްޗަށް ސަވާރުވުމަށާއި، އަދި ޒީނަތެއްގެ ގޮތުގައެވެ. އަދި ތިޔަބައިމީހުން ނުދަންނަ ތަކެތި އެކަލާނގެ ހައްދަވަތެވެ" النحل: ٨ . މިއާޔަތުން އެނގިގެންދަނީ އިންސާނާއަށް ނޭނގޭ ތަކެތި ﷲ ތަޢާލާ އުފައްދަވާފައިވާ ކަމެވެ. އެހެނީ، ޤުރްއާން ބާވާލައްވަމުން ދިޔަދުވަސްވަރު ދިރިއުޅެމުން ދިޔަ މީސްތަކުންނަށް، ލޮލަށް ނުފެންނަ ދިރުންތަކެއް ވުޖޫދުގައި ވާކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައެއްނުވެއެވެ. މިފަދަ ކުދި ކުދި ދިރޭތަކެތިތައް އިންސާނުންނަށް ހޯދިފައިވަނީ ސައިންސްގެ އަލާތެއް ކަމުގައިވާ މައިކްރޮސްކޯޕް އުފެއްދުނު ހިސާބުންނެވެ.

ކީރިތި ޤުރްއާނުގައި ބަޔާންވެގެންގޮސްފައިވާ ލޮލަށް ނުފެންނަ ދިރޭތަކެއްޗާއިބެހޭ މަޢުލޫމާތުތައް އިންސާނުން ހޯދަންފެށީ ޤުރްއާން ބާވާލެއްވުނުތާ އެތައް އަހަރެއްފަހުންނެވެ. އަދި މިކަން މިއަދު މިވަނީ ބައޮލޮޖީ ނުވަތަ ދިރޭ ތަކެއްޗާއި ބެހޭ ޢިލްމުގެ ގޮތްޕަކަށް ވެފައެވެ. އެއީ މައިކްރޮބައޮލޮޖީއެވެ. ކީރިތި ޤުރްއާނުގެ އިތުރު އާޔަތްތަކުގައި މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ، އުޑާއި ބިމުގައިވާ ޛައްރެއްގެ މިންވަރުވެސް އަދި އެއަށްވުރެ ކުޑަޔަސް އަދި އެއަށްވުރެ ބޮޑަސް، އެކަލާނގެއަށް ވަންހަނާވެގެންނުވާކަމާއި، ބަޔާންވެގެންވާ ފޮތެއްގައި އެތަކެތި ލިޔުއްވާފައިވާ ކަމުގައެވެ (34:3،10:61). މިއީ ކޮންފަދަ ބޮޑު މުޢުޖިޒާތެއްތޯއެވެ! އެހެނީ، ލޮލަށް ނުފެންނަ ދިރުންތަކުގެ ސައިޒަކީ ޢާއްމުގޮތެއްގައި ޛައްރެއްގެ މިންވަރެވެ. މި ދިރުންތަކުގައިވަނީ އެންމެ ދިރޭޛައްރާ އެކެވެ. ނުވަތަ އެންމެ ސެލް އެކެވެ.

މި ދުނިޔޭގައި އިންސާނާއަށް ނޭނގޭ އެތައް ކަމެއް އެކުލެވިފައިވާއިރު، ލޮލަށް ނުފެންނަ ދިރުންތަކުގެ އެތައް މެމްބަރުންނެއްވެސް ދިރިއުޅެމުން ގެންދެއެވެ. އެތަކެތިވަނީ ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިފައެވެ. އޭގެތެރޭގައި ތަފާތު ވައްތަރުގެ ބެކްޓީރިއާތަކާއި ވައިރަހާއި ފަންގީ ހިމެނެއެވެ. މިއިން ކޮންމެ ބާވަތެއްގެ އެތައް މިލިއަން ދިރުންތަކެއް ބިންމަތީގައިވެއެވެ. އަދި މިތަކެތީގެ ސަބަބުން ބިމުގައިވާ ދިރުންތައް އެއް ހަމައެއްގައި ބަހައްޓައިދެއެވެ. މިކަމުގެ މިސާލަކަށް ބަލައިލަމާ ހިނގާށެވެ. ބިމުގައިވާ ދިރުންތައް ދެމިގެންދިއުމަށް ބޭނުންވާ މުހިއްމު މާއްދާތައް ދައުރުމުގެ ނިޒާމުތަކަށް ބަލާއިރު، ނައިޓްރޮޖެން ސައިކަލްގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެކައްޗަކީ ތަފާތު ބެކްޓީރިއާ ތަކެވެ. ވައިގެ ފަށަލައިގައިވާ ނައިޓްރޮޖެން ގޭސް، ގަސްގަހާގެއްސަށް ބޭނުންކުރެވޭނެ ގޮތަށް ބަދަލުވެގެން އަންނަނީ ބެކްޓީރިއާ ތަކުގެ ސަބަބުންނެވެ. މިމާއްދާތަކަކީ ގަސްގަހާގެހީގެ ހެދިބޮޑުވުމަށް ބޭނުންވާ ތަކެއްޗެވެ. އަދި ގަސްގަހާގެއްސަކީ ބިމުގައިވާ ހުރިހާ ދިރުންތަކަށް ބޭނުންވާ ކާނާ އުފައްދައިދޭ ކާރުޚާނާތަކެވެ. މިއީ މި ކުދި ކުދި ދިރުންތަކުގެ ދައުރެވެ. އަދި އަނގައިގެތެރޭގައިވާ ބެކްޓީރިއާތަކާއި، އިރުގެ އަލި ބޭނުންކޮށްގެން ކާނާއުފައްދާ ބެކްޓީރިއާތަކާއި އަލްގޭ ތަކަށް ނަޒަރު ހިންގާލުމުންވެސް މިކަން އިތުރަށް ކަށަވަރުވާނެއެވެ. އަދިވެސް މިތަކެތީގެ ދައުރު ވަރަށް ފުޅަލެވެ. އެހާމެ މުހިއްމެވެ. މިއަދު އަޅުގަނޑުމެން ބޭނުން ކުރަމުން ގެންދާ ކާނާގެ ބާވަތްތައް ކަމުގައިވާ ޔޯގަޓާއި ޗީޒާއި ޕާން ވެސް އުފައްދަމުންގެންދަނީ މިދެންނެވި ލޮލަށް ނުފެންނަ ދިރުންތަކުގެ އެހީގައެވެ. މީގެ އިތުރުން ތަފާތު ބޭސްތައް އުފެއްދުމުގައިވެސް ބައެއް ކަހަލަ ބެކްޓީރިއާތައް ބޭނުން ކުރެވެއެވެ. މަރުވެގެންދާ ގަސްގަހާ ގެއްސާއި، ޖަނަވާރުންނާއި އިންސާނުންގެ ހަށިތައް ކައި ވީރާނާކޮށްލަނީވެސް މިދެންނެވި ލޮލަށް ނުފެންނަ ކުދި ދިރުންތަކެވެ.

ހަމަލޮލަށް ނުފެންނަ ދިރުންތަކުގެ ތެރޭގައި ހިމެނެނީ ހަމައެކަނި ފައިދާ ކުރަނިވި އެއްޗެހި އެކަންޏެއް ނޫނެވެ. ބައެއް ކަހަލަ ބެކްޓީރިއާ ތަކާއި ވައިރަސްތަކަކީ ގިނަ ގުނަ ބަލިތައް ޖައްސާ ތަކެއްޗެވެ. އަދި މީގެ އައު ވައްތަރުތައް މިއަދުވެސް ފެންނަމުން އެބަދެއެވެ. އެއިޑްސްގެ ވައިރަސް 'އެޗް އައި ވީ' އާއި ބާރޑް ފުލޫ ވައިރަހާއި އޫރު ރޯގާގެ ވައިރަސް 'އެޗް ވަން އެން ވަން' ވައިރަހަކީ މީގެ ކުރިން އިންސާނުން ނުދަންނަ ހަމަލޮލަށް ނުފެންނަ ތަކެއްޗެވެ. މިއީ އަމިއްލައަށް އުފެދިގެން އަންނަ ތަކެއްޗެއް ނޫނެވެ. ﷲ ތަޢާލާގެ ކުޅަދުންވަންތަ ކަމެވެ. މިއަދު މި ކުދި ދިރޭތަކެތި ހުރަސްނުކުރާ ބޯޑަރެއް ނުވަތަ ނުވަންނަ ގައުމެއް އެބައޮތްތޯއެވެ؟ މިކަންކަމުން ސާބިތުވަނީ އިންސާނުންނަށް އެނގިފައިނުވާ އެތަކެއް ތަކެތި ﷲ ތަޢާލާ އުފައްދަވާފައިވާ ކަމެވެ. އަދި އުފައްދަވާނެ ކަމެވެ. އެއީ ﷲ ގެ ތެދު ބަސްފުޅެވެ. އެބަސްފުޅު ދޮގުކުރެވޭނެ އެއްވެސް މީހެއް އަދި އެއްވެސް އެއްޗެއް ކާއިނާތަކު ނުވެއެވެ. ލޮލަށް ނުފެންނަ ދިރުމުގެ މަޢުލޫމާތު އެއްވެސް އިންސާނަކަށް ލިބިފައިނުވާ ދުވަސްވަރެއްގައި، މީގެ 1400 އަހަރު ކުރިން ކީރިތި ޤުރްއާނުގައި މިވަނީ މި ތަކެތީގެ ވާހަކަ ބަޔާންކުރައްވާފައެވެ. ކޮންފަދަ ބޮޑު މުޢުޖިޒާތެއްތޯއެވެ!

ހަމަލޮލަށް ނުފެންނަ ކުދި ދިރޭތަކެތިން ފެށިގެން ބޮޑަތި ދިރޭތަކެއްޗަކީ އަމިއްލައަށް އުފެދިފައިވާ ތަކެއްޗެއް ނޫނެވެ. އަދި އެއީ ބަދަލުވަމުންދާ މަރުހަލާތަކަކުން ނުވަތަ އައި ފުރުޞަތަކުން އުފެދިފައިވާ ތަކެއްޗެއްވެސް ނޫނެވެ. އެއީ ޗާލްސް ޑާވިން ހަދާފައިވާ ބޮޑު ދޮގެކެވެ. ޚުދު އޭނާވެސް ގަބޫލު ނުކުރާ ބޮޑު ދޮގެކެވެ. އިސްލާމްދީނާއި ޚިލާފު އަދި ސައިންސްގެ ބަރުދަނެއް ނެތް ތިޔަރީއެކެވެ. އިންސާނުންގެ ބުއްދީގެ ހަމަތަކަށް ނުފެތޭ ހިޔާލީ ވާހަކަތަކެކެވެ. މި ދޮގު ތިޔަރީ އަކީ އެބައެއްގެ ބަހަނާކަމުގައި ހަދައިގެން، ކަލަކު ނުވާކަމަށް ދަޢުވާކުރާ އޭތިސްޓުންގެ ހާލަކީ ކޮބާ ބާއެވެ؟ މިމީހުންގެ ކާބަފައިންނަކީ ރާމާ މަކުނެވެ. މިމީހުންގެ މަސައްކަތަކީ މުސްލިމު ޅަދަރިންނާއި ޒުވާނުންގެ އިސްލާމީ ފޭރާން ބޭލުވުމެވެ. ޡާނަވީ މަދަރުސާތަކުގެ ދަރިވަރުންގެ ބޮލަށް ސަވާރުވުމެވެ. އެހެންނަމަވެސް، މި މީހުނަށް ދިރުން ހުރި އެންމެ ސެލް އެއްވެސް ނުއުފެއްދުނެވެ. އަދި ނުވެސް އުފެއްދޭނެއެވެ. މިއާއިއެކު، ހަމަލޮލަށް ނުފެންނަ ކޮންމެ އެއްޗަކީ ނުވާ އެއްޗެއްކަމުގައި ބުނާނެ ޖާގަ އަދުގެ ސައިންސާއި އިންސާނާގެ ބުއްދީގެ ހަމަތަކުންވެސް ނުދެއެވެ. ކަރަންޓާއި ވަޔާއި އަދި ލޮލަށް ނުފެންނަ ދިރޭ ތަކެތި ވުޖޫދުގައި ވާކަން ގަބޫލުކުރަން އެމީހުނަށް މަޖުބޫރު ވެއްޖެއެވެ. މީހަކު، އޭނާ ނުދާ ގައުމަކީ ދުނިޔޭގައި ނެތް ގައުމަކަށްވެސް ނުވެއެވެ. ނަތީޖާއަކީ ކަލަކު ވޮޑިގެން ނުވާކަމަށް ދަޢުވާ ކުރާ އޭތީސްޓުންގެ ކޮޅު ބަލިވުމެވެ. އެހެނީ، ހަމަލޮލަށް ނުފެންނަ އެންމެ ދިރުމެއްވެސް އުފެއްދެވުމުގެ ކުޅަދާނަކަން ﷲ ފިޔަވައި އެހެން ފަރާތަކަށް ލިބިގެނެއް ނުވެއެވެ.

Belated Eid Mubarak


Since I was spending my Eid Holiday in an Island, I couldn’t send ‘Eid Mubarak’ to all Maldivian bloggers and the Muslim community through my blog. I felt very sad, hence I could not send my heartfelt eid greeting to all the followers of islam, and those who made the month of Ramazan a successful occasion by their good deeds during the holly month. So, I wish you a very happy Belated Eid Mubarak to all Maldivian Muslims and Muslims in all the continents of the world.

Saturday, August 22, 2009

ރަމަޟާން މަސް


އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ކުރިއަށް މިއޮތީ ވަޒީފާގެ އަހަރީ ޗުއްޓީއެއް ނޫނެވެ. ދުވާލުގެ ބޮޑުބައިގައި ނިދަންވީ ދުވަސްވަރެއްވެސް ނޫނެވެ. އެއާ ޚިލާފަށް، އެންމެ ބޮޑަށް ހީވާގި ވާންވީ މައްސަރެވެ. ރަމަޟާން މަހެވެ. އާދެ، ރޯދަ ހިފުމާއި އަޅުކަން އިތުރު ކުރުމުގެ މައްސަރެވެ. އެހެންކަމުން، ދުވާލުގެ އެއް ދަންފަޅީގައި ނިދުމުގެ ބަދަލުގައި ހެޔޮ ޢަމަލު ގިނަ ކުރާށެވެ. ފަރްޟް ފަސްނަމާދަށް ސަމާލުވާށެވެ. ކީރިތި ޤުރްއާން ކިޔެވުން ގިނަ ކުރާށެވެ. ޞަދަޤާތްކުރުން އިތުރު ކުރާށެވެ. ރޭގަނޑުގެ ވަގުތުގައި ލަވަޔާއި މިޔުޒިކާއި އެންމެހާ ފާޙިޝްޢަމަލުތައް ދިރުވުމުގެ ބަދަލުގައި ރޭ އަޅުކަން ކުރުމުގައި އެވަގުތުތައް ހޭދަކުރާށެވެ. ސިނގިރޭޓަކުން ރޯދަވީއްލުމުގެ ބަދަލުގައި ކަދުރު އޮށަކުން ރޯދަވީއްލާށެވެ. ބުރަމަސައްކަތު ވަޒީފާގައި އުޅުމަށްފަހު އަހަރަކު އެއްފަހަރު ތިބާ އަހަރީ ޗުއްޓީ ލިބިގަންނަ ފަދައިން ތިބާގެ ހަށިގަނޑުގެ އެންމެހާ ގުނަވަންތަކަށް، ރަމަޟާން މަހުގެ ފަރުޟު ރޯދައިން އަހަރީ ޗުއްޓީ ދޭށެވެ.

RAMADAN MUBARAK


Today is the first day of Holly month of Ramadan, and this is the Month of Quran, the Month of Taqwa, the Month of Prayers, the Month of Charity and the Month of Remembrance of Allah. This month provides a system to help us organize, struggle and liberate ourselves from the addictions, temptations and unbridled desires that sometimes drive our lives more than our thought out plans and good intentions. Ramadan is therefore a month for the spiritual and physical rejuvenation of oneself and the wise and fortunate amongst us are those that reap the most of what this month has to offer.


I advise muslim ummah, specially all Maldivian to avoid music, avoid haraam food, avoid mixing of two sexes, avoid all anti islamic activities during this month and in all other months of the year. Fast, read Quran, help each other, and try to make the best use of this opportunity to purify our souls!


I pray to Allah to show straight path and give Heaven to all my family memebrs, my dearly friends, and all muslims.


Here, I would like to extend all my good wishes and greetings of the holy month of Ramazan to all muslims across the world. Let this month be full of good deeds, and enhancement of all our ties with our family, neigbours and friends.


May Allah bless our nation and the muslims here in Maldives.


RAMADAN MUBARAK

Friday, August 21, 2009

ގުނަވަންތަކުގެ އަހަރީ ޗުއްޓީ


ކޮންމެ ކަހަލަ ވަޒީފާއެއްގައި އުޅޭ މީހެއްނަމަވެސް އަހަރު ހަމަވުމުން ދިގު ޗުއްޓީއެއް ބޭނުންވެއެވެ. މަސައްކަތުގައި ހޭދަކުރަމުން އައި ބުރަ ދުވަސްތަކަށްފަހު މަސްތަކާއި ސިކުނޑިއަށް ލުއިކަމެއް ގެނެސްދީ އަރާމުކޮށްލުމުގެ ބޭނުމުގައެވެ. މިގޮތުން މުދައްރިސުންގެ އަހަރީ ޗުއްޓީ އާއި ޑޮކްޓަރުންގެ އަހަރީ ޗުއްޓީ އަދި މިހެންގޮސް ތަފާތު ވަޒީފާތަކުގައި އުޅޭ މުވައްޒަފުންގެ އަހަރީ ޗުއްޓީއަކީ ކޮންމެ އަހަރަކުމެ ފެންނަ ދުވަސްތަކެކެވެ. މިއީ އެންމެހާ މުވައްޒަފުންގެ އިންތިޒާރީގެ ބޮޅެކެވެ. ހިތުގެ އެދުމެކެވެ. އެހެންކަމުން، މިއިން ކަމަކަށް ހުރަސް އެޅުމަކަށް އެއްވެސް މީހަކު ނޭދެއެވެ. އަދި އަހަރީ ޗުއްޓީއިން މަޙްރޫމް ވެއްޖެނަމަ މުޅި މީހާ މާޔޫސްވެ އަދާކުރަމުންދިޔަ ވަޒީފާގެ މަތިންވެސް ފޫހިކުރުވައެވެ. އަހަރީ ޗުއްޓީގެ ފައިދާ އެންމެ ހެޔޮ ގޮތުގައި ހިފައިފި މީހަކަށް އެކަމުގެ ފޮނި އިޙްސާސް ކުރެވޭނެއެވެ. ދެވަނަފަހަރުވެސް އެކަމަށް އެދޭނެއެވެ. ނަމަވެސް، ހެއްދެވި ފަރާތަށް ބޯ ނުލަނބާ އަދި އަމިއްލަ ހަށިގަނޑުގެ ގުނަވަންތަކަށް ބަލައިލުމެއްނެތި، އެއްވެސް އުޒުރަކާނުލާ މުޅި އަހަރުގެ ބާރަ މަސްދުވަހުގެ ދުވާލުގެ ވަގުތުތަކުގައި ކައިބޮއި އުޅޭ، މުސްލިމު ނަންކިޔާ ބަޔަކު މަދުންނަމަވެސް ދިވެހި މުޖުތަމަޢުގައި އުޅުމަކީ ކަންބޮޑުވާންޖެހޭފަދަ ބިރުވެރި ކަމެކެވެ.

އިންސާނާގެ ހަށިގަނޑު އުފެދިފައިވަނީ އެތަކެއް ގުނަވަންތަކުގެ ނިޒާމުތަކެއްގެ މައްޗަށެވެ. މިއިން ކޮންމެ ނިޒާމެއްގައި މައިގަނޑު ގުނަވަނެއް ނުވަތަ ގުނަވަންތަކެއް ވެއެވެ. މިގޮތުން ކުޑަކަމުދާ ނިޒާމާއި ލޭ ދައުރުކުރުމުގެ ނިޒާމާއި ކާތަކެތި ހަޖަމު ކުރުމުގެ ނިޒާމަށް ނަޒަރު ހިންގާލުމުންވެސް މިކަން ފާހަގަ ކުރެވިގެންދާނެއެވެ. އެހެންކަމުން، މިދެންނެވި ގުނަވަންތަކާއިމެދު ފަރުވާ ކުޑަކުރެވިގެން ނުވާނެއެވެ. އެހެނީ، ބިންމަތީގައި އިންސާނާ ދިރިހުންނަނީ މިދެންނެވި ގުނަވަންތަކުގެ އެހީގައެވެ. ނަތީޖާއެއްގެ ގޮތުން، މިއިން އެންމެ ގުނަވަނަކަށް ލިބޭ ގެއްލުމަކީވެސް އިންސާނާ ދިރިހުރުމަށް އަސަރުކުރުވާނެ ކަންކަމެވެ. މިހެންކަމުން، ހަށިގަނޑުގައިވާ މަސްތަކަށް އަރާމު ހޯދައިދޭ ފަދައިން އިންސާނާގެ ހަށިގަނޑުގެ އެތެރޭގައިވާ އެންމެހާ ގުނަވަންތަކަށް އަރާމު ހޯދައިދޭންޖެހެއެވެ. މިކަން ކުރުމުގެ ޒިންމާ އާއި ހަވާލުވެފައިވާ ބަޔަކީ އަޅުގަނޑުމެންނެވެ. ނެތުމުގެ ތެރެއިން އިންސާނާ އުފެއްދެވި ﷲ ތަޢާލާ ވަނީ އެކަމަށް އަންގަވާފައެވެ. އަދި ރަމަޟާންމަހު ރޯދަ ހިފުމަކީ އިސްލާމްދީނުގެ އެއް ރުކުން ކަމުގައި ލައްވާފައެވެ. ހަމަޔަޤީނުންވެސް، އިންސާނާގެ ހަށިގަނޑާއިބެހޭ މަޢުލޫމާތުތައް އެންމެ ފުރިހަމައަށް ދެނެވޮޑިގެންވަނީ، ނެތުމުގެ ތެރެއިން އެންމެހާ މަޚްލޫޤާތުތައް އުފެއްދެވި ﷲ ތަޢާލާއެވެ. އެކަން އެނގޭނީ ސައިންސްގެ އެއްވެސް ބުރަދަނެއްނެތް ބަހަނާތައް އުފަންކުރި ޗާލްސް ޑާވިންސް އަކަށް ނޫނެވެ. ނުވަތަ އިންސާނުންގެ ކޮށި ވިސްނުމަށް ސަވާރުވަމުންދާ މުލްޙިދުން (އޭތިސްޓުން) ގެ އެދުރުންނަކަށްވެސް ނޫނެވެ.

އިސްވެ ބަޔާންކޮށްފައިވާ ފަދައިން، ކޮންމެ އެއްޗެއްގެވެސް ހަޤީގަތް އެންމެ ފުރިހަމައަށް އެނގޭނީ އެ އެއްޗެއް އުފެއްދި މީހަކަށެވެ. އިންޖީނުގެ ހަޤީގަތް އެނގޭނީ އެ އިންޖީނެއް އުފެއްދި ކުންފުންޏަކަށެވެ. އެއިންޖީނު އޯވަހޯލް ކުރުމާއި އަޑީ ތެޔޮ ބަދަލު ކުރުމާއި އެންމެހާ ކަންކަމުގެ މަޢުލޫމާތު، އެހެންމީހުނަށްވުރެ ބޮޑަށް އެނގޭނީ އެއިންޖީނު އުފެއްދި ކުންފުންޏަކަށެވެ. މިއިން ކޮންމެ ބަޔަކުވެސް އެއްބަސްވާފަދައިން، ކަރަންޓު އުފައްދާ އިންޖީނުތައްވެސް ވަކި މުއްދަތަކަށް ހިންގުމަށްފަހު އެތަކެއްޗަށްވެސް ޗުއްޓީ ދޭންޖެހެއެވެ. ހަމަ މިގޮތަށް، ހަށިގަނޑުގައިވާ ގުނަވަންތަކަށްވެސް ޗުއްޓީ ދޭންޖެހޭނެ ކަމުގައި ތިބާ ގަބޫލު ނުކުރަން ހެއްޔެވެ؟

މިހާތަނަށް އެއްވެސް އިންސާނަކަށް އަދި ޖިންނިއަކަށްވެސް އެއެއްޗަކާއި އެއްފަދަ ނުވަތަ އެއަށްވުރެ ފުރިހަމަ އެހެން ފޮތެއް ގެނެވިފައިނުވާ ހަމައެކަނި ފޮތް، ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 183 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟް ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ." މި އާޔަތުން އެނގިގެންދަނީ، ރޯދައަކީ އިންސާނީ ނަސްލު މި ބިންމަތީގައި ލެއްވި ދުވަހުން ފެށިގެން ފަރުޟު ކުރެއްވާފައިވާ އަޅުކަމެއް ކަމެވެ. ކޮންމެ މުސްލިމަކީ އިސްލާމްދީނުގެ ގިޔުގަނޑުގެ ތެރޭގައި ހުންނަން ޖެހޭ މީހެކެވެ. އަދި ރަމަޟާން މަހުގެ ރޯދަ އަކީ އެންމެހާ މުކައްލަފުންގެ މައްޗަށް ފަރުޟު ކުރެއްވިގެންވާ އަޅުކަމެކެވެ. ކުރިއަށް އޮތީ މިއަޅުކަމުގެ މައްސަރެވެ. ދަރުމަ އާއި ޡަވާބުގެ މައްސަރެވެ. އިންސާނާ އުފެއްދެވި ފަރާތާއި އޮންނަ ގުޅުން ބަދަހިކޮށް، ތަޤްވާވެރިކަން އިތުރު ކުރުމުގެ މައްސަރެވެ. އިޖުތިމާޢީ ރޫހު އާލާކޮށްދީ، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އިންސާނާ ތާޒާ ކޮށްދޭ ދުވަސްވަރެވެ. އެދުވަސްވަރެއްގެ ހެޔޮކަމާއި ފައިދާއިން މުޅި އިންސާނިއްޔަތަށް ހިޔާ އަޅާލާ ދުވަސްވަރެވެ. އެހެންކަމުން، މިވަގުތު ބަލައިލަން ޤަޞްދު މި ކުރަނީ ރޯދައިގެ ޞިއްޙީ ފައިދާ ތަކުގެ މައްޗަށެވެ.

ރަމަޟާންމަހު ރޯދަ ހިފުމުގެ ޞިއްޙީ ފައިދާ ތަކާއިބެހޭ ފުރަތަމަ ކޮންފަރަންސް ބޭއްވުނީ 1994 ވަނަ އަހަރު މޮރޮކޯގެ ކަސަބްލަންކާގައެވެ. ދުނިޔޭގެ އެތައް ކަންކޮޅުތަކަކުން މުސްލިމު އަދި މުސްލިމު ނޫން ސައިންސްވެރިންނާއި ދިރާސާކުރާ ފަރާތްތަކުން މި ކޮންފަރަންސްގައި ބައިވެރިވިއެވެ. އަދި ރޯދަ ހިފުމުގެ ޞިއްޙީ ފައިދާ ތަކާއި ބެހޭ ފަންސާހަކަށް ދިރާސާ ކަރުދާސް މި ކޮންފަރަންސަށް ހުށަހެޅި މަޝްވަރާކުރެވުނެވެ. މި ކޮންފަރެންސް ނިމިގެންދިޔައީ، ރޯދައިގެ އަޅުކަމުގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތަކުގެ ނިޒާމުތަކަށް ގެނުވާ މަތިވެރި ފައިދާތަކާއި ނިޢުމަތްތަކުގެ ސަބަބުން އިންސާނިއްޔަތު ސިއްސުވާލާފައެވެ.

ރަމަޟާން މަހަކީ، ކާތަކެތި ހަޖަމު ކުރުމުގެ ނިޒާމު ވަރުބަލި ފިލުވާލުމުގެ ދުވަސްވަރެވެ. މި ނިޒާމުގެ ތަފާތު އެތައް ގުނަވަންތަކެއްގެ އެހީގައި ކާބޯތަކެތި ހަޖަމުވުމުން، އުފެދޭ ތަކެތި ލޭގެތެރެއަށް ނެގުމަށްފަހު ގެންދެވެނީ ހަށިގަނޑުގެ އެންމެހާ ސެލްތަކަށެވެ. އަދި ހަޖަމުވުމުން އުފެދޭ ބައިތައް ސެލްތަކުގައި ބޭނުން ކުރެވެނީ ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފެއްދުމަށާއި މިފަދަ އެހެނިހެން މަސައްކަތުގައެވެ. ރޯދަމަހުގެ ތެރޭގައި ހަޖަމްކުރުން މަދުވުމާއިއެކު މި ނިޒާމުގައިވާ ގުނަވަންތަކަށް ލިބޭ ޗުއްޓީގެ ނަތީޖާއެއްގެ ގޮތުން، ހަށިގަނޑުގައިވާ މޭގަނޑަށް އަރާމު ލިބެއެވެ. އެހެނީ، ހަޖަމުވުމުން އުފެދޭތަކެތި ސެލްތަކުގައި ބޭނުންކުރުމުގެ މުޅި މަސައްކަތުގެ މައިގަނޑު ފެކްޓްރީއަކީ މޭގަނޑު ނުވަތަ ލިވަރ އެވެ. މޭގަނޑަކީ ހަށިގަނޑުގެ އެތެރޭގައިވާ އެންމެ ބޮޑު ގުނަވަނެވެ.

މިފަދަ ފައިދާތައް ލިބި ގަތުމުގައި ކީރިތި ރަސޫލު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގައި ހިފަހައްޓަން ޖެހެއެވެ. މިގޮތުން، ރޯދަ ވީއްލުމަށްފަހު ކާންޖެހޭ މިންވަރަށްވުރެ ގިނައިން ކެއުމާއި ދުރުހެލިވުމަކީ ކޮންމެހެން ލާޒިމު ކަމެކެވެ. މުސްލިމުން ހިފަހައްޓަންޖެހޭނީ ރަސޫލު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ނަބަވީ އިރުޝާދުތަކުގައެވެ. އެކަލޭގެފާނު އިރުޝާދު ދެއްވާފައިވަނީ މަދުން ކެއުމަށާއި، އަދި ކެއުމުގައި ގޮހޮރުގެ ތިންބައިކުޅަ އެއްބަޔަށް ކެއުމަށާއި، އަނެއް ތިންބައިކުޅަ އެއްބަޔަށް ފެން ބުއިމަށާއި، އަދި އަނެއްބައި ނޭވާލުމަށް ބޭނުންކުރުމަށެވެ. މިއީ ކޮންމެ އިންސާނެއްގެ އަދި ޚާއްޞަކޮށް މުސްލިމުންގެ ޢަމަލުތައް ކަމުގައިވާންޖެހެއެވެ. އެކަލޭގެފާނު ވަނީ މިފަދަ އެތައް އިރުޝާދުތަކެއް މިއުއްމަތަށް ދެއްވާފައެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މި ނަބަވީ އިރުޝާދު ވެގެންގޮސްފައިވަނީ އަދުގެ ބޭސްވެރިކަމާއިބެހޭ ޢިލްމުގެ އަސްލުތަކުގެ މައިގަނޑު އަސްލުކަމުގައެވެ. މިއާއިއެކު ފާހަގަކޮށްލަންޖެހެނީ، ރޯދަ ވީއްލަން ފެށުމުގައި ކަދުރު ކޮޅެއް ބޭނުންކުރުމުން ހަށިގަނޑަށް ލިބޭ ފައިދާތަކުގެ ބޮޑުކަމެވެ. ކަދުރުގައި ހުންނަ ހަކުރުގެ ބާވަތުގެ ސަބަބުން ލޭގެ ހަކުރުގެ ބައި ވަގުތުން މައްޗަށް އުފުލައިދީ، ހަކަތަ އިތުރުކޮށްދީ، އަދި މިއާއިއެކު ބަނޑުހައިކަން ފިލުވައިދީ، ގިނަ އަދަދެއްގެ ކާތަކެއްޗަށް ބޭނުންވެފައިވާ އިޙްސާސް ނެތިކޮށްލައެވެ. އަދި ސިކުނޑިއަށް ބޮޑަތި ފައިދާތަކެއް ލިއްބައިދެއެވެ.

ރޯދައިގެ ސަބަބުން ލިއްބައިދޭ އަނެއް ޞިއްޙީ ފައިދާއަކީ ހަށިގަނޑުގެ ބަރުދަން އެކަށީގެންވާ މިންވަރަކަށް ލުއިކޮށްދިނުމެވެ. އެހެނީ، ރޯދަ ހިފަމުންދާ މުއްދަތުގައި ހަށިގަނޑަށް އެތެރެކުރެވޭ ހަކުރުގެ ބައިތައް މަދުކުރެވި، ލޭގެ ހަކުރުގެ މިންވަރު ދަށަށް ގެންދެވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގައި ރައްކާކުރެވިފައިވާ ހަކުރުގެ ބާވަތްތައް އަންދާ، ހަކަތަ އުފެއްދުމަށްޓަކައި ސެލްތަކަށް ބޭނުންވާ ބައިތައް ލިއްބައިދެއެވެ. އަދި ލޭގެ ހަކުރުގެ މިންވަރު ހަމަހަމަކޮށް ބަހައްޓައިދެއެވެ. މިދެންނެވިގޮތަށް ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފެއްދުމަށްޓަކައި މޭގަނޑުގައި ރައްކާކުރެވިފައިހުންނަ ގްލައިކޯޖެން އާއި ހަންގަނޑުގެ ދަށުގައި ހުންނަ ފެޓްސް ބޭނުންކުރެވެއެވެ. މީގެ ސަބަބުން، ހަށިގަނޑުގެ ބަރުދަނަށް އެކަށީގެންވާ ލުއިކަމެއް ގެނެސްދެއެވެ. އެހެންކަމުން، ރޯދަހިފުމަކީ މާބޮޑަށް ފަލަވެ، ހަށިގަނޑުގެ ބަރުދަން އިންތިހާއަށް މައްޗަށް ގޮސްފައިވާ މީހުންނާއި ނޮން-އިންސިއުލިން ހަކުރު ބައްޔަށް ހުރި ފަރުވާއެކެވެ.

ރޯދައިގެ ސަބަބުން ލޭ ދައުރުވުމުގެ ނިޒާމަށް ބޮޑަތި ފައިދާތަކެއް ކުރުވައެވެ. މި ނިޒާމުގެ އެންމެ މުހިއްމު ގުނަވަނަކީ ހިތެވެ. އެތަކެއް ދިރާސާތަކުން ދައްކާ ގޮތުގައި ރޯދަ ހިފާ ދުވަސްވަރު ލޭގެ ކޮލެސްޓުރޯލްގެ މިންވަރު ދަށްކޮށްދީ، ލޭ ހޮޅިތަކުގައި ސަރުބީ ޖެހުން ދަށްކޮށްދެއެވެ. މީގެ ސަބަބުން ހިތުގެ ބަލިތަކަށް އޮންނަ ފުރުޞަތު ކުޑަކޮށްދީ، ލޭ މައްޗަށް ދިއުން ސަލާމަތްކޮށްދެއެވެ. މީގެ އިތުރުން ފެޓްސްގެ މިންވަރު ލޭގައި މަދުވުމަކީވެސް ތަފާތު އެތައް ފައިދާތަކެއް ގެނުވާ ކަންކަމެވެ. މިހުރިހާ ކަމަކުންވެސް، ހަށިގަނޑުގައިވާ ގުނަވަންތަކަށް ލުއިކަން ގެނެސްދެއެވެ. ގުނަވަންތަކުގެ ލޮޑުކަން ފިލުވައިދެއެވެ. އަރާމު ލިއްބައިދެއެވެ.

ރޯދައިގެ ސަބަބުން ކުޑަކަމުދާ ނިޒާމަށް ގެނުވާ މަތިވެރި ފައިދާތަކަށް ބަލާލަމާ ހިނގާށެވެ. ބައެއް ދިރާސާ ތަކުން ހާމަވެފައިވާ ގޮތުގައި 10 ގަޑި އިރާއި 12 ގަޑިއިރާއި ދެމެދުގެ ވަގުތަކަށް ފެން ނުބޮއި ހުރުމަކީ ގެއްލުން ހުރިކަމެއް ނޫނެވެ. އަދި ކިއެއްތަ ގިނަ ގޮތްތަކަކުން ފައިދާ ހުރި ކަމެކެވެ. ހަށިގަނޑުގެ ސެލްތަކުގެ ވަށައިގެންވާ ދިޔާ ބައިގެ މާއްދާތަކުގެ މިންވަރަށް އަންނަ ބަދަލުތަކާއި އެކު ހަށިގަނޑުން ފެނުގެ މިންވަރު މަދުވެގެން ދާނެއެވެ. ނަމަވެސް ކުޑަކަމުދާ ނިޒާމުގެ އެއްވެސް މައްސަލައެއް ނޫޅޭ މީހެއްނަމަ، ހަށިގަނޑުގައި ހިފެހެއްޓިފައި ހުންނަ ފެނުގެ ސަބަބުން މި މަދުވެގެންދާ މިންވަރު މަދުވެގެންދާނީ ހަށިގަނޑަށް ތަހައްމަލް ކުރެވޭނެ މެދު މިންވަރަކަށެވެ. މީގެ ސަބަބުން މުޅި ކުޑަކަމުދާ ނިޒާމަށް، ޚާއްޞަކޮށް ކިޑްނީއަށް އަރާމު ލިބިގެންދާނެއެވެ. މީގެ އިތުރުން ހަށިގަނޑުން ފެން މަދުވެގެންދާ ވަގުތު ކުޑަވެގެންދާނެ ގޮތަށް ރޯދަވެރިންގެ ޢަމަލުތައް ބެހެއްޓުމަށް އިސްލާމްދީން ބާރުއަޅުއްވައެވެ. އެހެނީ، ހާރުކެއުން ފަސްކުރުމާއި ރޯދަ ވީއްލުން އަވަސްކުރުމަކީ މިކަމުގައިއޮތް ނަބަވީ އިރުޝާދެވެ. ހަށިގަނޑުގައިވާ ދިޔާ ބައިގެ މިންވަރު ދަށްވުމަކީ އާދައިގެ މީހަކަށް އެކަށޭނެ ވަރަކަށް ލޭގެ ޕުރެޝަރ ދަށްކޮށް، ލޭ މައްޗަށް ދިއުމުގެ ބައްޔަށްވެސް ހުރި ފަރުވާ އެކެވެ.

ރޯދައިގެ ޞިއްޙީ ފައިދާތައް އަދިވެސް ހުރީއެވެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި ހުރި ނޭދެވޭ ޢަމަލުތަކެއްގެ ވާހަކައަށް އިޝާރާތްކޮށްލަން ބޭނުމެވެ. އެހެނީ، ދުންފަތުގެ އިސްތިޢުލާމުކުރުމާއި މާގިނައިން ކޮފީ ބުއިމާއި މިފަދަ ކަންކަމަކީ ޞިއްޙީގޮތުން އަޅުގަނޑުމެންގެ ހަށިގަނޑަށް ގެއްލުންވާނެ ކަންތައްތަކެވެ. މިކަންކަމަށް އިޝާރާތްކުރާއިރު، ރަމަޟާން މަހު ރޯދަ ހިފުމުގެ ސަބަބުން ދުވާލުގެ ވަގުތުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރާމީހާ މި ނުރައްކާތެރި ވަބާ އާއި ވަގުތީ ގޮތުން ދުރުކުރުވައެވެ. ދާއިމީކޮށް މި ވަބާއިން ސަލާމަތްވާނެ ކަމުގެ އުއްމީދު އާލާކުރާ ހާލުއެވެ. މިފަދަ އެންމެހާ ނުރަނގަޅު އާދަތަކުން އިންސާނާ ދުރުކުރުވާނެ އެންމެ މުހިއްމު ވަޞީލަތަކީ ރޯދަ ހިފުމެވެ. ޚާއްޞަކޮށް ރަމަޟާންމަހުގެ ފަރުޟު ރޯދައެވެ

އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ކުރިއަށް މިއޮތީ ވަޒީފާގެ އަހަރީ ޗުއްޓީއެއް ނޫނެވެ. ދުވާލުގެ ބޮޑުބައިގައި ނިދަންވީ ދުވަސްވަރެއްވެސް ނޫނެވެ. އެއާ ޚިލާފަށް، އެންމެ ބޮޑަށް ހީވާގި ވާންވީ މައްސަރެވެ. ރަމަޟާން މަހެވެ. އާދެ، ރޯދަ ހިފުމާއި އަޅުކަން އިތުރު ކުރުމުގެ މައްސަރެވެ. އެހެންކަމުން، ދުވާލުގެ އެއް ދަންފަޅީގައި ނިދުމުގެ ބަދަލުގައި ހެޔޮ ޢަމަލު ގިނަ ކުރާށެވެ. ﷲގެ ފޮތް ކީރިތި ޤުރްއާން ކިޔެވުން ގިނަ ކުރާށެވެ. ޞަދަޤާތްކުރުން އިތުރު ކުރާށެވެ. ރޭގަނޑުގެ ވަގުތުގައި ލަވަޔާއި މިޔުޒިކާއި އެންމެހާ ފާޙިޝްޢަމަލުތައް ދިރުވުމުގެ ބަދަލުގައި ރޭ އަޅުކަން ކުރުމުގައި އެވަގުތުތައް ހޭދަކުރާށެވެ. ސިނގިރޭޓަކުން ރޯދަވީއްލުމުގެ ބަދަލުގައި ކަދުރު އޮށަކުން ރޯދަވީއްލާށެވެ. ބުރަމަސައްކަތު ވަޒީފާގައި އުޅުމަށްފަހު އަހަރަކު އެއްފަހަރު ތިބާ އަހަރީ ޗުއްޓީ ލިބިގަންނަ ފަދައިން ތިބާގެ ހަށިގަނޑުގެ އެންމެހާ ގުނަވަންތަކަށް، ރަމަޟާން މަހުގެ ފަރުޟު ރޯދައިން އަހަރީ ޗުއްޓީ ދޭށެވެ.

Friday, August 14, 2009